އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް
19 ސެޕްޓެމްބަރު 2026 | ހޮނިހިރު 07:21އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ރައީސް ނަޝީދު ވާދަނުކުރައްވާނެ ކަމަށް ވިދާޅުވުމުން އާންމު މެންބަރުންގެ މެދުގައި މާޔޫސްކަން އުފެދި، ޕާޓީގެ ހަރަކާތްތައް މަޑުޖެހިފައިވާ ކަމަށް އަހުމަދު ހަލީމް ވިދާޅުވެއްޖެ. ސަރުކާރުގެ ފަރާތުން ދަތިތަކެއް ހުރި ނަމަވެސް، ޕާޓީގެ އެތެރޭގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި ވަރަށް އަވަހަށް ކޮންގްރެސް ބާއްވާނެ ކަން އޭނާ ފާހަގަކުރެއްވި


ފ.މަގޫދޫގައި އޮތް ޖަލްސާގައި ބިލެތްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވާހަކަ ދައްކަވަނީ
ދިވެހި ރައްޔިތުންގެ ޑިމޮކްރޮޓިކް ޕާޓީ (އެމްޑީޕީ) މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން ބޭފުޅުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ވާހަކަދައްކަވާތީ ކަމަށް ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަހުމަދު ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ރައީސް ނަޝީދު ފެނިގެން ދިޔައީ ރިޔާސީ އިންތިހާބެއްގެ ގޮތުގައި ވާދަކުރައްވަމުން ގެންދެވިތަން ކަމަށެވެ. އަދި އެމްޑީޕީގެ ހުރިހާ އާންމު މެންބަރުން ބޭނުންވީ ރައީސް ނަޝީދުއާ އެކީ އަލުން އައު ފެށުމަކުން ފަށަން ކަމަށް އަހުމަދު ވިދާޅުވި އެވެ.
ނަމަވެސް ރައީސް ނަޝީދު ޗެއަރޕާސަން އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ދައްކަވަން ފެއްޓެވި ވާހަކަފުޅަކުން ވަރަށް ގިނަ މީހުންނަށް މާޔޫސް ކަމެއް ގެނުވި ކަމަށާއި އެ މާޔޫސް ކަމުގެ ތެރޭގައި މީހުން ފެޔަށް ޖެހެމުން ޖެހެމުން ދިޔައީ ކަމަށް އަހުމަދު ވިދާޅުވި އެވެ.
އެއީ ފުރަތަމަ ކޮޅު އައިސް ލިބިގެން ހަމަ އިންތިހާބު ކާމިޔާބު ކުރެވިގެން ބޭއްވި މުޒާހަރާގައި ވެސް މީހުން ނުކުންނަން ގޮވާލީމަ މީހުން ފޯރީގައި އައި. އެހެންނަމަވެސް އަނެއްކާ ވެސް ރައީސް ނަޝީދު ފަހަތައް ޖެހިވަޑަައިގެން ރާއްޖޭގެ ރައީސްކަމާ ވާދަނުކުރައްވާ ޒާތުގެ ވާހަކަތަކެއް މަޑުމަޑުން ތިލަވާ ގޮތަކަށް ވާހަކަދައްކަން ފެށީމައި ވަރަށް ގިނަ އާންމު މެންބަރުން އެ ކުރި އުއްމީދު މަޑުމަޑުން ފަނޑުވާން ފެށިހެންއަހުމަދު ހަލީމް (ދޮންބިލެތް)
މިހާރު އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންނަށް ވުރެ ބޮޑަށް، އާންމުން ރައީސް ނަޝީދު ކުރިމަތިލައްވާނެތޯ އޭނާއާ ސުވާލުކުރަމުންދާ ކަމަށް އަހުމަދު ވިދާޅުވި އެވެ.
މީގެ އިތުރުން، އަހުމަދު ވަނީ ރައީސް ނަޝީދު އެމްޑީޕީއާ ހަވާލުވެވަޑައިގެންނެވި ފަހުން ޕާޓީ ތެރޭގައި ހިނގަމުންދާ މަސައްކަތްތައް ވަރަށް ހަލުވިކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ސަރުކާރުން ކުރިމަތިކުރަމުންދާ އެކި ދަތިތަކާ އެކު ވެސް ވަރަށް އަވަހަށް އެމްޑީޕީގެ ކޮންގްރެސް ވެސް ބާއްވާނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.










