ޔާމީން މުއިއްޒު އަށް: އަރިހުގައި ތި ގެންގުޅުއްވާ "މާތް ޝާހީ ވަގުން"ގެ މައްސަލަތައް ބަލާފައި އަދުލުވެރިކަމުގެ ވާހަކަ ދައްކަވާ!
21 ސެޕްޓެމްބަރު 2026 | ހޯމަ 02:51ރައީސް މުއިއްޒަކީ އަދުލުވެރި ބޭފުޅެއް ނަމަ، އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ވައްކަމުގެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްސަލަތަކާއި އެމްއެމްޕީއާރްސީގެ ޚިޔާނާތް ތަހުގީގު ކުރަންޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި އަދުލުވެރިކަމުގެ ވާހަކަ ދައްކަވަންވާނީ ރައްޔިތުންގެ އަތުން ގެއްލިފައިވާ ފައިސާ ހޯދައިދިނުމަށްފަހު ކަމަށް ވެސް ވިދާޅުވި


ކުރީގެ ރައީސް ޔާމީން އަދި ރައީސް މުއިއްޒު | ރާއްޖެއެމްވީ ގްރެފިކްސް
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަރިހުގައި ތިއްބެވި ބޮޑެތި އަދަދުތަކުން ފައިސާ ނަންގަވާފައިވާ "މާތް ޝާހީ ވަގުން"ގެ މައްސަލަތައް ބައްލަވައި، އެމްއެމްޕީއާރްސީގެ ޚިޔާނާތް ތަހުގީގު ކުރެއްވުމަށްފަހު އަދުލުވެރިކަމުގެ ވާހަކަ ދެއްކެވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގޮވާލައްވައިފި އެވެ.
ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ފްރޮންޓް އޮފީހުގައި އާދިއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މާއަދުލުވެރި ބޭފުޅަކަށް ހެދިވަޑައިގެން ރައީސް މުއިއްޒު ވާހަކަދައްކަވާނެ ކަމެއް ނެތް ކަމަށާއި އެމަނިކުފާނަކީ އެ ވިދާޅުވާ ފަދަ އަދުލުވެރި ބޭފުޅެއް ނޫން ކަމަށެވެ. އަދި ރައީސް މުއިއްޒަކީ އަދުލުވެރި ބޭފުޅެއް ނަމަ އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ވައްކަން ކުރާ މީހުންގެ މައްސަލަތައް ބައްލަވަންވީ ނޫންތޯ ޔާމީން ސުވާލު އުފެއްދެވި އެވެ.
ތިޔަވަރުގެ އަދުލުވެރި ބޭފުޅެއް ނަމަ މުއިއްޒު ކައިރީގައި ތިބި ވައްކަން ކުރާ މީހުންގެ ވައްކަމުގެ މައްސަލަ ތަހުގީގުކޮށްލަ ބަލާށޭ. މުއިއްޒެއް ނޫންތޯ ތި ވިދާޅުވަނީ އެމްއެމްޕީއާރުސީގެ މައްސަލަ ބަލަން ކެރޭނެއޭ. އެ މައްސަލަ ތަހުގީގު ކޮށްލަ ބަލާށޭ. އެއީ ދެއްތޯ އަދުލުވެރިކަމަކީ. އެއީ ރައްޔިތުންގެ ފައިސާރައީސް ޔާމީން
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ސިޔާސީ ފަރުދަކު ޖަލަށްލުމަކީ ނުވަތަ ނުލުމަކީ އަދުލުވެރިކަން މާނަކުރާ ގޮތް ނޫން ކަމަށެވެ. އަދި އަސްލު އަނިޔާވެރިކަމަކީ މުޅި މުޖުތަމައަށް އާންމުވާ ބަލިމަޑުކަމެއް ނުވަތަ ތަދުމަޑުކަމެއް ސަރުކާރުގެ ފަރާތުން ނުވަތަ ވަކި ބަޔަކު މެދުވެރިކޮށް ކުރިމަތިކުރުވުން ކަމަށް ވިދާޅުވި އެވެ. އެހެންކަމުން އަދުލުވެރިވާން ބޭނުންނަމަ ރައްޔިތުންގެ އަތުން ގެއްލިފައިވާ ފައިސާ އާއި އަރިހުގައި ތިއްބެވި ބޮޑެތި ވަގުންގެ މައްސަލަތައް ބެއްލެވުމަށްފަހު އަދުލުވެރިކަމުގެ ވާހަކަ ދެއްކެވުމަށް ޔާމީން ގޮވާލެއްވި އެވެ.











