ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަދި ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
20 ސެޕްޓެމްބަރު 2026 | އާދީއްތަ 15:06ދައުލަތަށް 25 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައި. ތިމާވެށީގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ޑރ. މުހައްމަދު އަލީ އަކީ އިސްލާމީ ހޭލުންތެރިކަމާއި އިލްމީ ދިރާސާތަކުގެ ރޮނގުން މުޖުތަމައަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވި ނަމޫނާ ޝަޚްސިއްޔަތެއް


ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް ޑރ. މުހައްމަދު އަލީ | ސޯޝަލް މީޑިއާ
ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް ޑރ. މުހައްމަދު އަލީ އާދިއްތަ ދުވަހު އަވަހާރަވެއްޖެ އެވެ.
ދައުލަތަށް 25 އަހަރަށް ވުރެ ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވީ އުމުރުން 67 އަހަރުގައި، އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި އޭގެ ފަހުން ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަގާމު ޑރ. މުހައްމަދު އަލީ ފުރުއްވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގަ އެވެ. މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު ވަނީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ވެސް ފުރުއްވާފަ އެވެ.
ތިމާވެށީގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ހާސިލުކުރައްވާފައިވާ ޑރ. މުހައްމަދު އަލީއަކީ، ހޯމް މިނިސްޓްރީއާއި ކުރީގެ ޕްލޭނިންގ މިނިސްޓްރީގެ ދަށުން ތިމާވެށްޓާ ގުޅޭ މަސައްކަތްތައް ހިންގެވި ދުވަސްވަރު، އެ ދެ ވުޒާރާގައި ވެސް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.
ޑރ. މުހައްމަދު އަލީ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހިތާމަ ފާޅުކުރައްވައި، މަރްހޫމްގެ އާއިލާއަށާއި އެކުގައި މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް ތައުޒިޔާ ވިދާޅުވެފަ އެވެ.
އެމަނިކުފާނު އެކްސްގައި ކުރެއްވި ތައުޒިޔާގެ މެސެޖްގައި ވިދާޅުވީ ޑރ. މުހައްމަދު އަލީއަކީ އިޖްތިމާއީ އެކި ކަންކަމުގައި، ވަކިން ޚާއްސަކޮށް އިސްލާމީ ހޭލުންތެރިކަމާއި ތިމާވެށީގެ އެކި ދާއިރާތަކުން މުޖުތަމައަށް ގިނަގުނަ މައުލޫމާތުތަކެއް ފޯރުކޮށްދެއްވައި، އިލްމީ ދިރާސާތައް ކުރެއްވި، ޚުލްޤު ހެޔޮ، ދީންވެރި ނަމޫނާ ޝަޚްސިއްޔަތެއް ކަމަށާއި އެންމެންގެ ލޯތްބާއި އިހުތިރާމް ހޯއްދެވި ގަދަރުވެރި ބޭފުޅެއްކަން ފާހަގަކުރައްވާފަ އެވެ. އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރްޙޫމް ލެހެއްޓެވުން އެދިވަޑައިގެން ރައީސް ވަނީ ދުއާ ދަންނަވާފަ އެވެ.











