މުއިއްޒު ނޫން ރައީސަކު އަމިއްލައަށް އަރާ ޕަބްލިކްގައި ނުބުނޭ ތިމަންނައެއް ދޮގެއް ނަހަދާނަމޭ، ތިމަންނައަކީ މުނާފިގެއް ނޫނޭ: ރައީސް ޔާމީން
17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 19:35ރައީސް މުއިއްޒު ތަކުރާރުކޮށް ދޮގު ނުހަދާނެ ކަމަށާއި މުނާފިގެއް ނޫން ކަމަށް ވިދާޅުވަނީ އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް އިންސެކިއުރިޓީއެއްގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ. ދީނީ ޝިއާރުތަކުގެ ބޯޑުތައް ގިނަކުރުމަކީ އިސްލާމީ އަގީދާ ވަރުގަދަވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ޔާމީން ވަނީ ސަރުކާރުގެ ދެއްކުންތެރި ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި. އެމަނިކުފާނު އިތުރަށް ވިދާޅުވީ ވެރިކަން ކުރާ ފަރާތްތަކުގެ ހަގީގަތް މިހާރު ރައްޔިތުންނަށް ހާމަވަމުންދާ ކަމަށް


ރައީސް ޔާމީން ޖަލުން މިނިވަންވެ ވަޑައިގަތުމާ ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުން އުފާ ފާޅުކުރަނީ (ފައިލް ފޮޓޯ) | ރާއްޖެއެމްވީ
ރާއްޖޭގެ ވެރިކަން ކުރެއްވި އެހެން އެއްވެސް ރައީސަކު ތިމަން މަނިކުފާނައަކީ މުނާފިގެއް ނޫން ކަމަށާއި ދޮގުހަދާ މީހެއް ނޫން ކަމަށް ވިދާޅުވެ ވާހަކަ ނުދައްކަވާ ކަމަށާއި، ނަމަވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެފަދައިން ވާހަކަދައްކަވަނީ އެމަނިކުފާނުގެ އިންސެކިއުރިޓީ ހާމަވާތީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަލްސާގައި ބުރާސްފަތި ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިއީ ދިވެހިރާއްޖޭގައި އަލަށް ރައީސްކަން ކުރައްވާ ވެރިއެއް ނޫން ކަމަށާއި، މިހާރުގެ ރައީސަށްވުރެ ކުރިން ވެސް ރާއްޖޭގައި އެތައް ވެރިންނެއް ވެރިކަން ކުރައްވައި ޤައުމު ހިންގަވާފައިވާ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒު ނޫނީ ޕޯޑިއަމްތަކަށް އަރާވަޑައިގެން "ތިމަންނައަކީ މުނާފިގެއް ނޫނޭ، ތިމަންނައަކީ ދޮގުހަދާނެ މީހެއް ނޫނޭ، އަދި ވައުދެއް ވެއްޖިއްޔާ ފުއްދާނަމޭ" މިފަދައިން އަމިއްލަފުޅަށް ވާހަކަ ދެއްކެވި އެހެން އެއްވެސް ވެރިއަކު ދެކެވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެފަދަ ވާހަކަފުޅުތަކުން ހާމަވަނީ ރައީސް މުއިއްޒުގެ ހިތްޕުޅުގައިވާ އިންސެކިއުރިޓީ އާއި ދެމޫނުގެ ވެރިއެއްކަން ކަމުގައި ރައީސް ޔާމީން ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، މުއިއްޒު ދައްކަވާ ވާހަކަފުޅުތަކުންނާއި ގެންގުޅުއްވާ ދެއްކުންތެރިކަމުގެ ސަބަބުން، އެމަނިކުފާނުގެ ހިތްޕުޅުގެ އެތެރޭގައި އޮތް ހަގީގަތް ރައްޔިތުންނަށް ހާމަވަމުންދާ ކަމަށާއި، މާތްﷲ މިންވަރު ކުރައްވަނީ އެކަން އެނގެން ކަމަށެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ރައީސް މުއިއްޒުގެ ސަރުކާރުން ދީނީ ކަންކަމުގައި ގެންގުޅޭ ސިޔާސަތުތަކަށާއި ދައްކާ ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން، ގައުމެއްގައި އިސްލާމްދީނުގެ ފޭރާމާއި އަގީދާ ވަރުގަދަވެގެންދަނީ ހަމައެކަނި ދީނީ ޝިއާރުތަކުގެ ބޯޑުތަކާއި ޒިކުރު ބޯޑުތައް ގިނަކޮށްގެން ނުވަތަ ވެރިކަމުގައި ހުންނަ ހާދިމަކު އެފަދަ ވާހަކަތައް ދެއްކެވި ވަރަކުންތޯ ރައީސް ޔާމީން ސުވާލު އުފެއްދެވި އެވެ. އަދި ބޯޑުތައް ގިނަވީމާ އޭގަ ހުންނާނީ ރައީސް އޮފީހުގައި 'އެލް ސޯފާ' ނުބެހެއްޓުމާއި ނުގެންގުޅުމުގެ ވާހަކަތައްތޯ ވެސް ރައީސް ޔާމީން ސުވާލު އުފެއްދެވި އެވެ.
ރައްޔިތުން އިންތިޒާރު ވެސް ނުކުރޭ ފަހަރުގަ ވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް އަންނަ މީހަކު ރައްޔިތުންނަށް ދޮގު ހަދާފާނެކަމަކަށް. އަނެއްކާ ދޮގު މަތީ ދެމި ހުންނާނެ ކަމަކަށް. ރައްޔިތުންނަށް ކެހި ދީފާނެ ކަމަކަށް. ރައްޔިތުންގެ މަސްލަހަތު ގެއްލޭކަންތައް ކޮށްފާނެ ކަމަކަށް. އެކަމަކު މިނޫން ރައީސަކު އަމިއްލައަށް އަރާ ޕަބްލިކްގައި ނުބުނެއޭ ތިމަންނައެއް ދޮގެއް ނަހަދާނަމޭ. ތިމަންނައަކީ މުނާފިގެއް ނޫނޭ. އެހެންވީމަ މިއުޅެނީ މީނަގެ މައްސަލަތަކެއް. ދެއްކުންތެރިކަމުގެ ގޮތުން ނަމަވެސް މިހާރު ނުކުންނަނީ މީނަގެ ހިތުގެ އެތެރޭގައި އޮތް އެއްޗެއް. الله މިންވަރު ކުރައްވަނީ އެކަން އެނގެންރައީސް ޔާމީން
މީގެއިތުރުން، ރައީސް ޔާމީން ވިދާޅުވީ ރައީސަކު ރައްޔިތުންނާ މުޚާތަބު ކުރައްވާއިރު ދޮގު ނުހަދައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވާން ޖެހިވަޑައިނުގަންނަވާނެ ކަމަށާއި، ދޮގު ހައްދަވާކަމަށްވާނަމަ އެ މަގާމުގައި ނުވެސް ހުންނެވޭނެ ކަމަށެވެ.
ސަރުކާރުގެ އިސް ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕީއެންސީގެ ކޮންގްރެސްގައި ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، ދާދިފަހުން ބޭއްވި ޖަލްސާއެއް ނިންމަވާލައްވަމުން ވެސް އަބްދުއްރަހީމް ހުރިހާ ޝުކުރެއް އަދާކުރެއްވީ އެމަނިކުފާނަށް ކަމަށެވެ. އަދި އެބޭފުޅުންނަށް ހުވަފެނުން ވެސް ފެންނަނީ އެމަނިކުފާނު ކަމަށް ވިދާޅުވެ، ވެރިކަން ކުރާ ފަރާތްތަކުގެ އެތެރޭގައި ހުރި ހަގީގަތްތައް މާތްﷲ ގެ މިންވަރުފުޅުން މިހާރު ދުލުން ބޭރުވަމުންދާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.











