ޕީއެންސީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފި
19 ސެޕްޓެމްބަރު 2026 | ހޮނިހިރު 03:392028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒަށް އެރުވުމަށް ޕީއެންސީގެ ކޮންގްރެސްގައި ބައިވެރިވި 1119 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައި. ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި މި ގަރާރު ފާސްކުރި ނަމަވެސް، މިއީ ރައްޔިތުންނަށް ވެވޭ ބޭއިންސާފެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން


ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ރިޔާސީ ޓިކެޓު އަރުވަނީ | ޕީއެންސީ
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފި އެވެ.
ހުކުރު ދުވަހުގެރޭ ސޯޝަލް ސެންޓަރުގައި އޮތް ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި ރިޔާސީ ޓިކެޓް ރައީސް މުއިއްޒު އަރުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕަރސަން އަބްދުއްރަހީމް އަބްދުﷲ އެވެ.
ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒު އަށް 2028 ވަނަ އަހަރުގެ ޕީއެންސީގެ ރިޔާސީ ޓިކެޓު ދިނުމަށް ޕީއެންސީގެ މަތީ މަޖިލީހަށް ވަނީ ގަރާރެއް ހުށަހަޅައިފަ އެވެ. އެގޮތުން އެ ގަރާރު ފާސްކޮށްފައިވަނީ ކޮންގްރެސްގަައި ބައިވެރިވި 1119 މެމްބަރުންގެ އިއްތިފާގުންނެވެ. މި ގަރާރަށް ވޯޓު ދީފައިވަނީ ކޮންގްރެސްގައި ބައިވެރިވީ މެންބަރުން އަތް އުފުލައިގެންނެވެ.
އެ ގަރާރުގައި ބުނެފައިވަނީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ފަދަ ގައުމީ ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ރައްޔިތުންނަށް ދަތިނުވާނޭހެން ގައުމުގެ ދަރަނިތައް ޒިންމާދާރުކަމާއެކު އަދާކުރައްވަމުން ގެންދަވާ ކަމަށެވެ.
މީގެއިތުރުން، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގައުމުގެ ތަރައްގީއަށާއި ރައްޔިތުންގެ ދިރިއުޅުން ރަނގަޅުކުރުމަށާއި ގައުމުގެ މިނިވަންކަން ދެމެހެއްޓުމާއި އިގުތިސާދު ހަރުދަނާކުރުމާއި އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށް ވެސް އެމަނިކުފާނު ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މި ގަރާރު ހުށަހަޅާފައިވަނީ ސަރުކާރުގެ ސިޔާސަތުތަކަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. އަދި ޕީއެންސީގެ ކޮންގްރެސްގައި ސިއްރު ވޯޓެއް ނެގި ނަމަ ރައީސް މުއިއްޒުއަށް ރިޔާސީ ޓިކެޓް ލިބިވަޑައިނުގަންނަވާނެ ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.











