މިނިވަންކަމަކީ ރައީސަކު ދެއްވާ ހަދިޔާއެއް ނޫން
19 ސެޕްޓެމްބަރު 2026 | ހޮނިހިރު 14:13ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަކީ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމުކޮށްފައިވާ ޒިންމާއަކަށްވާއިރު، މިއީ ވަކި ބޭފުޅަކު ދެއްވާ ހާއްސަ އިނާޔަތެއް ނޫން. ކުރީގެ ސަރުކާރުން އިންޑިއާއާ ބޭއްވި ގާތް ގުޅުމަށް ފާޑުވިދާޅުވި ނަމަވެސް، މިހާރުގެ ސަރުކާރުން ވެސް އިންޑިއާއާ ގާތް ގުޅުމެއް ބާއްވަމުންދާތީ، މިނިވަންކަމުގެ ވާހަކަ ސިޔާސީ ހަތިޔާރަކަށް ހެދުމުގެ ބަދަލުގައި ގައުމީ މަސްލަހަތަށް އިސްކަންދިނުން މުހިންމު


މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ | ރައީސް އޮފީސް
ދިވެހިރާއްޖޭގެ އެންމެ ވެލިފުކެއް ވެސް ބޭރުގެ އެއްވެސް ގައުމެއްގެ ބާރުގެ ދަށަށް ދިޔަ ނުދެއްވާނެ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކުރައްވަމުން ގެންދަވާ ވައުދަފުޅަކީ މިހާރު އެމަނިކުފާނުގެ ކޮންމެ ތަގުރީރެއްގެ ވެސް ދާއިމީ ބާބަކަށް ވަނީ ވެފަ އެވެ.
ނަމަވެސް، ދިވެހިރާއްޖެއަކީ ޑރ. މުއިއްޒު ރައީސްކަމާ ހަވާލުވެވަޑައިގަތުމުން ކުއްލިއަކަށް މިނިވަން މުސްތަގިއްލު ގައުމަކަށް ވީ ތަނެއް ނޫނެވެ.
ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން ރާއްޖެއަކީ މިނިވަން އަދި މުސްތަގިއްލު ގައުމެކެވެ. ރާއްޖޭގެ ސަރަހައްދާއި މިނިވަންކަން ގާނޫނުން އޮތީ ރައްކާތެރިކޮށްފަ އެވެ. އަދި އެ މިނިވަންކަމާއި ސަރަހައްދީ ނަޒާހަތްތެރިކަން ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމުކޮށްފައިވާ ޒިންމާއެކެވެ.
އެހެންކަމުން، ގައުމުގެ މިނިވަންކަން ހިމާޔަތްކުރައްވާނެ ކަމަށް ކޮންމެ ތަޤުރީރެއްގައި ރައީސް މުއިއްޒު ވިދާޅުވުމަކީ، އެމަނިކުފާނު ރައްޔިތުންނަށް ދެއްވާ ހާއްސަ އިނާޔަތެއް ނޫނެވެ.
މިނިވަންކަމުގެ މުހިންމުކަމާ ބެހޭގޮތުން ރައްޔިތުންނަށް ހަނދާންކޮށްދިނުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް މައްސަލައަކީ، މިނިވަންކަން ދެމިއޮތީ ހަމައެކަނި ވަކި ރައީސަކު ހުންނެވުމުން ކަމަށް ދޭހަވާ ގޮތަށް ނުވަތަ ކުރީގެ ސަރުކާރުތަކުން ގައުމު ބޭރުގެ ބާރުތަކުގެ ދަށަށް ދޫކޮށްލާފައިވާ ކަމަށް ދޭހަވާ ގޮތަށް އެ ވާހަކަ ތަކުރާރުކުރެއްވުމެވެ.
ރައީސް މުއިއްޒުގެ މުޅި ރިޔާސީ ކެމްޕޭނު ބިނާވެފައި އޮތީ "އިންޑިއާ އައުޓް" ކެމްޕޭނާއި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ނުރައްކާވާ ކަމަށް ދެއްކެވި ވާހަކަތަކުގެ މައްޗަށެވެ.
އޭރު ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ ދެކޮޅަށް ދެއްކި އެންމެ ބޮޑު އެއް ވާހަކައަކަށްވީ އިންޑިއާގެ ވާހަކަ އެވެ. ދެ ސަރުކާރުގެ ދެމެދުގައި އޮތް ގާތް ގުޅުމާ މެދު ތަކުރާރުކޮށް ސުވާލު އުފައްދައި، ރާއްޖޭގައި އިންޑިއާގެ ދައުރު އޮތް މިންވަރަކީ މިނިވަންކަމާއި ސިޔާދަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކުރި އެވެ.
އޭގެ ފަހުން ޑރ. މުއިއްޒު ރައީސްކަމަށް ވަޑައިގެންފި އެވެ. މިއަދު އެމަނިކުފާނުގެ ސަރުކާރުން އިންޑިއާއާ އެކު ގާތް ގުޅުމެއް ބާއްވަމުން އެބަގެންދަވަ އެވެ. އިންޑިއާއިން ދަނީ މާލީ އެހީތެރިކަމާއި ތަރައްގީގެ މަޝްރޫއުތަކަށް އެއްބާރުލުން ދެމުންނެވެ. ދެ ގައުމުން ދަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ. އަދި ރައީސް މުއިއްޒު އަމިއްލަފުޅަށް ވެސް ވަނީ އިންޑިއާއަކީ މުހިންމު އަދި އިތުބާރު ހުރި ބައިވެރިއެއްގެ ގޮތުގައި ސިފަކުރައްވައި، އެ ގުޅުމަށް ތައުރީފު ކުރައްވާފަ އެވެ.
މިއަދު އިންޑިއާއާ އެކު ގާތްކޮށް މަސައްކަތް ކުރެއްވުމަކީ ރައީސް މުއިއްޒު ރާއްޖޭގެ މިނިވަންކަން ދޫކޮށްލެއްވުން ކަމަށް ނުވާ ނަމަ، އިއްޔެ ރައީސް ސޯލިހު އިންޑިއާއާ އެކު ގާތްކޮށް މަސައްކަތް ކުރެއްވުމަކީ އެމަނިކުފާނު މިނިވަންކަން ދޫކޮށްލެއްވި ކަމުގެ ހެއްކަކަށް ހެދޭނެ އެއްވެސް ގޮތެއް ނެތެވެ.
މިހާރު ވެސް މިނިވަންކަންމަތީ އޮތް ގައުމެއްގެ ވެލިފުކެއް ވެސް ދޫނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، ޔަގީންކަން ދެއްވަމުން ގެންދަވާއިރު، ރާއްޖޭގެ ސަރަހައްދު ރައްކާތެރިކުރުމަކީ މި ސަރުކާރުން އަލަށް ފެށި ސިޔާސަތެއް ނޫނެވެ. އެއީ ގާނޫނުއަސާސީން ލާޒިމުކުރާ ޒިންމާއެކެވެ.
ރައީސުންނަކީ އެ މިނިވަންކަން އަމާނާތްތެރިކަމާއެކު ރައްކާތެރިކުރައްވަން ހަވާލުކުރެވޭ ބޭފުޅުންނެވެ.









