ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި
20 ސެޕްޓެމްބަރު 2026 | އާދީއްތަ 09:28ރާއްޖޭގެ ބޭނުންކުރެވޭ ބޭރު ފައިސާގެ ރިޒާވް ދަށްވެ، ޑޮލަރުގެ ތާށިކަން ބޮޑުވުމާ ގުޅިގެން އަމިއްލަ ފަރާތަކުން ދެ މިލިއަނެއްހާ ޑޮލަރު ދަރަންޏަށް ނަގައި ބޭންކަށް ޖަމާކޮށްފި. މާލީ ނިޒާމަށް ގެންނަ ބަދަލުތަކުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ކުޑަވެ، ފަތުރުވެރިކަމުގެ ދާއިރާގެ ކަންބޮޑުވުންތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، އިޤްތިޞާދީ ހާލަތު ރަނގަޅު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ތަޖުރިބާކާރުން އަންނަނީ ލަފާދެމުން

ރައީސް ޑރ. މުހައްމަދު މުއިއްޒު ޕީޕީއެމްގެ ހަރުގޭގައި ރައީސް ޔާމީން އަށް ހުކުމް އިއްވުމާއެކު ހިތާމަ ކުރައްވަނީ (ފައިލް) | ސޯޝަލް މީޑިއާ
ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފިކަން އިތުބާރު ހުރި ގޮތެއްގައި މި ނޫހަށް އެނގިއްޖެ އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު ދިން ފަރާތުން ބުނީ، ޑޮލަރުގެ ތާށިކަމަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން އެތައް ލައްކަ ޑޮލަރެއް އަމިއްލަ ފަރާތަކުން ސަރުކާރުން ހޯދުމަށްފަހު ބޭންކަށް ޖަމާކުރުމުގެ މަސައްކަތް އާދިއްތަ ދުވަހު ކޮށްފައިވާ ކަމަށެވެ.
"ފައިސާ ހޯދި ގޮތް އަޅުގަނޑަށް އެނގޭތީ މިދަންނަވަނީ، އަމިއްލަ ފަރާތަކުން ދެ މިލިއަނެއްހާ ޑޮލަރު ހޯދައިގެން އެ ފައިސާ އިސްލާމިކް ބޭންކަށް ވަނީ ޖަމާކޮށްފައި،" މިކަމުގެ މުއާމަލާތުގެ އެނގޭ ފަރާތަކުން ބުންޏެވެ.
އޭނާ އިތުރަށް ބުނީ، އެ ފައިސާ ޖަމާކުރަން ގެންދިޔައީ މޯލްޑިވްސް އިސްލާމިކް ބޭންކަށް ކަމަށާއި، އެތަނުން އެ ގެންދާ ތާކަށް ފައިސާ ބަދަލު ކުރުމުން މި ވަގުތު ޑޮލަރުގެ ދަތިކަން ހައްލު ކުރުމަށް ކޮންވެސް ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކޭ ކަމުގަ އެވެ. އިސްލާމިކް ބޭންކުން އެ ފައިސާ ޓްރާންސްފަރ ކުރާތަން އެ ފަރާތުން ހާމަކޮށްފަ އެއް ނުވެ އެވެ. ސަރުކާރުން ގޮތް ހުސްވެ ފައިސާ ހޯދީ ކޮން ފަރާތަކުންކަން މައުލޫމާތު ދިން ފަރާތުން ހާމަ ނުކުރި ނަމަވެސް އެއީ ދިވެއްސެއްގެ އަތުން ހޯދި ފައިސާކަން ވަނީ ކަށަވަރުކުރެވިފަ އެވެ.
ޑޮލަރުގެ ދަތިކަން ބޮޑުވެ، ވިޔަފާރިވެރިންގެ ކަންބޮޑުވުން އިންތިހާއަށް ފާޅު ކުރަމުންދާ މި ދަނޑިވަޅުގައި، އެމްއެމްއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވްގައި 643.8 މިލިއަން ޔޫއެސް ޑޮލަރު ހުރިއިރު، ބޭނުންކުރެވޭ ގޮތަށް ހުރީ އެންމެ 200.6 މިލިއަން ޑޮލަރެވެ. އެއީ ގާތްގަނޑަކަށް 18 ދުވަހުގެ އިމްޕޯޓަށް ފުދޭ މިންވަރެކެވެ. އަދި އެސްބީއައިއަށް ދެއްކި 50 މިލިއަން ޑޮލަރު ރިޒާވުން ދައްކާފައިވާނަމަ، ބޭނުންކުރެވޭ ރިޒާވް 150 މިލިއަން ޑޮލަރަށް ދަށްވެ، އެ މިންވަރު ދެ ހަފުތާގެ އިމްޕޯޓަށް ވެއްޓޭނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
އަނެއްކޮޅުން މިއީ، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ކުއްލިކުއްލި އަށް ގާނޫނުތަކަށާއި ގަވައިދުތަކަށް ބަދަލުތައް ގެންނަމުން ދިއުމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލި، ރާއްޖެއަށް އެންމެ ގިނައިން ބޭރުފައިސާ ވަންނަ ފަތުރުވެރިކަމުގެ ދާއިރާއިން އިންތިހާ އަށް ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްކަން ފާހަގަ ކުރެވެ އެވެ. އެގޮތުން ބައެއް އިންވެސްޓަރުން ބުނެފައިވަނީ، އިތުރަށް ރާއްޖޭގައި އިންވެސްޓް ނުކުރާނޭ ކަމަށެވެ. އަދި ބައެއް ޓުއަރ އޮޕަރޭޓަރުން ރާއްޖެ މާކެޓް ކުރުން ހުއްޓާލާނެ ކަމުގެ އިންޒާރުވެސް މި ދަނޑިވަޅުގައި ދީފައިވާކަން ފާހަގަ ކުރެވެ އެވެ.
ރާއްޖޭގެ އިޤްތިޞާދީ ހާލަތު ގޯސްވަމުންދަނީ ސިޔާސީ ނިންމުންތަކާއި ޖަވާބުދާރީވުން ކުޑަވުމުގެ ސަބަބުން ކަމަށާއި، މި މައްސަލަ ހައްލުކުރުމަށް ރައްޔިތުންގެ އިތުބާރު ހޯދުމާއި ދަރަނި ނެގުމުގެ ސިޔާސަތުތައް އިސްލާހުކުރަން ޖެހޭ ކަމަށާއި، ބޭރު ފައިސާ މާރުކުރުމަށް ގެނައި ބަދަލުތަކުގެ ސަބަބުން އިންވެސްޓްމަންޓްތަކަށް އަސަރުކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމުގެ އިންޒާރު މާލީ ތަޖުރިބާކާރުން އަންނަނީ ދެމުންނެވެ.
ޑޮލަރުގެ ދަތިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި މެލޭޝިއާ އިން 100 މިލިއަން ޑޮލަރު ދަރަންޏަށް ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ ހާސްވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށާއި، ބޭރުގެ އެހީގެ އިތުރުން ދަރަނި އަދާކުރެވޭނެ ހުރިހާ ކަމެއް ހުރީ ހަމަޖެހިފައި ކަމަށް ވިދާޅުވެ ރައްޔިތުންނަށް ޔަގީންކަން ދެއްވަމުންނެވެ.











