އިގްތިސާދީ ދަތިތަކުގެ ސަބަބުން ފާޅުވަމުން މިދަނީ މާ ފުން ސިޔާސީ ކާރިސާއެއް: ޒަރިޔަންދު
20 ސެޕްޓެމްބަރު 2026 | އާދީއްތަ 09:06ރާއްޖޭގެ އިޤްތިޞާދީ ހާލަތު ގޯސްވަމުންދަނީ ސިޔާސީ ނިންމުންތަކާއި ޖަވާބުދާރީވުން ކުޑަވުމުގެ ސަބަބުން ކަމަށް މާލީ ތަޖުރިބާކާރު އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މައްސަލަ ހައްލުކުރުމަށް ރައްޔިތުންގެ އިތުބާރު ހޯދުމާއި ދަރަނި ނެގުމުގެ ސިޔާސަތުތައް އިސްލާހުކުރަން ޖެހޭ ކަމަށާއި، ބޭރު ފައިސާ މާރުކުރުމަށް ގެނައި ބަދަލުތަކުގެ ސަބަބުން އިންވެސްޓްމަންޓްތަކަށް އަސަރުކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށް އޭނާ ފާހަގަކުރެއްވި

ރައީސް ޑރ. މުހައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ | ރައީސް އޮފީސް
އިގްތިސާދީ ދަތިތަކުގެ ސަބަބުން ރާއްޖޭގައި ފާޅުވަމުން މިދަނީ މާ ފުން ސިޔާސީ ކާރިސާއެއް ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރު އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.
"ދިވެހިރާއްޖެ މިހާރު ކުރިމަތިލަމުން މިދަނީ ހަމައެކަނި އިގްތިސާދީ ކާރިސާއަކާ ނޫނެވެ؛ އިގްތިސާދީ ދަތިތަކުގެ ސަބަބުން ފާޅުވަމުން މިދަނީ މާ ފުން ސިޔާސީ ކާރިސާއެކެވެ."
ޒަރިޔަންދު ވިދާޅުވީ، މިކަން މިހެން ދިމާވުމުގައި ޖަވާބުދާރީވުން ކުޑަވުމާއި، ހަމަޖެހުމެއް ނެތް ސިޔާސަތުތަކާއި، ހާމަކަން ކުޑަ ގޮތެއްގައި ނިންމުންތައް ނިންމަމުން ގެންދިއުން ހިމެނޭ ކަމުގަ އެވެ.
އޭގެ އިތުރުން ރައްޔިތުންގެ އިތުބާރު ސަރުކާރާ މެދު ގެއްލެމުންދާ ދިއުން ހިމެނޭކަން ޒަރިޔަންދު ފާހަގަ ކުރެއްވި އެވެ.
އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ޒަރިޔަންދު ވިދާޅުވީ، މިކަންކަމަކީ ހަމައެކަނި އިގްތިސާދީ ފިޔަވަޅުތަކަކުން ހައްލުކުރެވޭނެ ކަންކަމެއް ނޫނެވެ. އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ އިތުބާރު އަލުން ހޯދުމާއި ޒިންމާދާރު ވެރިކަމެއް ޤާއިމުކުރުން ކަމުގަ އެވެ.
"މިއީ ހަމައެކަނި އިގްތިސާދީ ކާރިސާއެއް ނޫނެވެ. މިއީ ސިޔާސީ ދަހިވެތިކަމުގެ ސަބަބުން އުފެދިފައިވާ ބޮޑު ކާރިސާއެއް،" ޒަރިޔަންދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ގައުމުގެ ތަރައްގީއަށްޓަކައި ބިނާކުރުމަށް ދަރަނި ނެގުމާއި، ހަމައެކަނި ދުވަހުން ދުވަހަށް ކަންކަން ފޫބެއްދުމަށްޓަކައި ދަރަނި ނެގުމާ ދެމެދު ބޮޑު ތަފާތެއް އެބަހުއްޓެވެ.
އިގްތިސާދު ވަރުގަދަކޮށް، އުފެއްދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި، ހުނަރާއި، ގާބިލުކަން އަޅުގަނޑުމެންގެ ކިބައިގައި އެބަހުރި ކަމަށާއި، ދަރަނި ނަގަންވާނީ އެފަދަ އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށެވެ. ހަމައެކަނި މިއަދުގެ ޚަރަދުތައް ފޫބެއްދުމަށާއި އިއްޔެގެ ދަރަނިތައް ދެއްކުމަކަށް ދަރަނި ނަގައިގެން ނުވާނެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"ސިޔާސީ މަންފާއަށްޓަކައި ޚަރަދުތައް ކުރުމާއި ދަރަނި ނެގުމުގެ ސިޔާސަތު އިސްކުރުމުން، އޭގެ ހިތި ނަތީޖާއާ ކުރިމަތިލާންޖެހެނީ މުޅި ގައުމުގެ ރައްޔިތުންނަށް،" ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.
ޒަރިޔަންދު ވަނީ ސަރުކާރުން ބޭރު ފައިސާގެ ގާނޫނަށް ދާދި ފަހުން ގެނައި ބަދަލަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ، ރިސޯޓުތަކުން އާމްދަނީގެ %40 މާރުކުރުން ލާޒިމުކުރަން ޤާނޫނަށް އިޞްލާޙު ގެނައީ، 2026 ވަނަ އަހަރުގެ ފަހު ހަމަހަށް ރާއްޖެ މި އެޅުނު ނާޒުކު ދަނޑިވަޅުގަ އެވެ. އޭނާ ވިދާޅުވީ، ޙަޤީޤީ ކަންބޮޑުވުމަކީ؛ ފަތުރުވެރިކަމުގެ ދާއިރާގެ އިންވެސްޓްމަންޓްތަކަށާއި ހިންގުމަށް (އޮޕަރޭޝަންތަކަށް) ގެއްލުން ނުވާނެ ގޮތަކަށް، ދައުލަތަށް ޖަމާކުރެވޭ ބޭރު ފައިސާގެ އެކަށީގެންވާ މިންވަރެއް އަމިއްލަ އިޤްތިޞާދުގެ ތެރެއަށް އަލުން ދައުރުކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިދާނެތޯ ސުވާލު އުފެދުން ކަމުގަ އެވެ.










