ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމާއެކު އިގުތިސާދީ ފުޅާ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އެމްޑީޕީން ދީފި
17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 08:30ރާއްޖޭގެ ރަސްމީ ރިޒާވް ދަށްވެ، ބޭރުގެ މާލީ އިލްތިޒާމްތައް ފުއްދުމުގައި ސަރުކާރުގެ ނާގާބިލުކަން ހުރިކަމަށް ބުނެ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ޑޮލަރުގެ ދަތިކަމާ ގުޅިގެން ބޭންކުތަކުން ކަނޑައަޅާފައިވާ ހަރުކަށި ލިމިޓްތަކުގެ ސަބަބުން އާންމު ރައްޔިތުންނާއި ކުދި ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން އެ ޕާޓީން ފާހަގަކުރޭ


އެމްޑީޕީގެ ކުރީގެ ރައީސް ޝާހިދު އާއި އެމްޑީޕީގެ ޗެއާޕާސަން ރައީސް ނަޝީދު އަދި ރައީސް ސޯލިހު އެމްޑީޕީގެ ހިނގާލުމެއްގައި ބައިވެރިވެ ވަޑައިގަންނަވަނީ | ސޯޝަލް މީޑިއާ
ދިވެހިރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމާއި އިގުތިސާދީ ފުޅާ ކާރިސާއާ މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށް އިދިކޮޅު މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.
ބުރާސްފަތި ދުވަހު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ކަންބޮޑުވުންތައް މައިގަނޑު ހަތަރު ކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ ކޮންމެ ވިޔަފާރިއަކަށް ކުރާ ނޭދެވޭ އަސަރާއި، އިންވެސްޓަރުންގެ އިތުބާރު ގެއްލުމާއި، އަވަސް އިގުތިސާދީ އަދި މާލީ އިސްލާހީ ފިޔަވަޅުތައް ސަރުކާރުން ނޭޅުމުގެ އިތުރުން މުޅި އިގްތިސާދު އިނދަޖެހުމުގެ ބިރުވެރިކަން ހިމެނޭ ކަމަށެވެ.
އެމްޑީޕީން ފާހަގަކުރި ގޮތުގައި، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ 150 މިލިއަން ޑޮލަރުގެ ޓީބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރު ސެޕްޓެމްބަރު 17 ގައި ސަރުކާރުން ދައްކަން ޖެހެ އެވެ. މީގެ އިތުރުން، އޭޕްރީލް މަހު އެމްއެމްއޭ އިން އާރްބީއައި ކަރަންސީ ސްވަޕްގެ 400 މިލިއަން ޑޮލަރު ދައްކާފައިވާއިރު، 500 މިލިއަން ޑޮލަރުގެ ސުކޫކް ވެސް މުއްދަތު ހަމަވެފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އެމްޑީޕީން ބުނީ، މި ހުރިހާ އިލްތިޒާމްތަކެއް އެތެރޭގެ އިގްތިސާދުން އެއްކުރި ޑޮލަރުން ފުއްދުމުގެ ސަބަބުން، ރަސްމީ ރިޒާވް އޭޕްރީލް މަހު 718 މިލިއަން ޑޮލަރަށް ވެއްޓިފައިވާ ކަމަށާއި، ކުރު މުއްދަތުގެ ދަރަނި ކެނޑުމަށްފަހު ބޭނުންކުރެވޭ ރިޒާވުން ފުދޭނީ އެންމެ 9 ދުވަހާއި ދެ ހަފްތާއާ ދެމެދުގެ އިމްޕޯޓަށް ކަމަށެވެ.
ޑޮލަރު މާރުކުރުމާއި ޓެކްސް ސިޔާސަތަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން އެމްޑީޕީން ބުނީ، މި ދަތިކަން ފޫބެއްދުމަށް ސަރުކާރުން ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކަށް އަމާޒުކޮށް، ރިސޯޓުތަކަށް މަހަކު ލިބޭ ބޭރު ފައިސާގެ 40 އިންސައްތަ ރަސްމީ ރޭޓުގައި މާރުކުރަން ލާޒިމުކޮށްފައިވާ ކަމަށެވެ. އަދި ބޭރުގެ އިންވެސްޓްމަންޓްތައް ހިމެނޭ ވިޔަފާރިތަކުން 40 އިންސައްތަ މާރުކުރަން ޖެހޭއިރު، ސައްތައިން ސައްތަ ދިވެހި ވިޔަފާރިތަކުން މާރުކުރަން ޖެހެނީ 7 އިންސައްތަކަން ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން، އޮކްޓޯބަރު 1 އިން ފެށިގެން ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން މީރާގައި ރަޖިސްޓްރީވެ 17 އިންސައްތައިގެ ޓީޖީއެސްޓީ ދައްކަން ޖެހޭ ގޮތަށް ހެދުމުން، ވެބިނާއެއްގައި ބައިވެރިވި 600 އަށް ވުރެ ގިނަ އޮޕަރޭޓަރުން އެކަމާ ދެކޮޅު ހަދައި، ރާއްޖެ އިޝްތިހާރުކުރުން ހުއްޓާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށްވެސް އެ ޕާޓީން ބުނެ އެވެ.
މަސްނޫއީ ރޭޓާއި ވިޔަފާރިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އިޝާރާތް ކޮށް އެމްޑީޕީން ބުނީ، ޑޮލަރުގެ އަގު މަސްނޫއީ ގޮތެއްގައި ދަށްކުރުމަށް މަނީ ޗޭންޖަރުންނަށް އަންގައި، ހަރުކަށި ޖޫރިމަނާތަކެއް ކަނޑައަޅާފައިވާ ކަމަށާއި، މީގެ ސަބަބުން ބާޒާރުގައި ކަނޑައެޅިފައިވާ ރޭޓުގައި ޑޮލަރު ލިބެން ނެތް ކަމަށެވެ. އަދި ބޭންކުތަކަށް ލިބޭ ޑޮލަރުގެ 90 އިންސައްތަ އެމްއެމްއޭ އަށް ނެގި ނަމަވެސް، ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ޓީޓީ ހެދުމަށް މަދުވެގެން ދެ ހަފުތާގެ އިންތިޒާރެއް ކުރަންޖެހޭ ކަމަށް ވިޔަފާރިތަކުން ބުނާ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.
އެމްޑީޕީން ބުނެފައިވަނީ މި ހާލަތުގެ ސަބަބުން ރާއްޖެއިން ބޭރުގެ ސަޕްލަޔަރުންނަށް ފައިސާ ނުދެއްކި، މުދާ ގެނައުން ލަސްވަމުންދާ ކަމަށެވެ. އަދި އަމިއްލަ ޑޮލަރުގެ އާމްދަނީއެއް ނެތް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިކަމުގެ އަސަރު ބޮޑަށް ކޮށް، ކާބޯތަކެއްޗާއި، ތެލާއި، އިމާރާތްކުރުމުގެ ސާމާނުގެ އަގުތަކަށާއި ތަކެތި ލިބުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް އެ ޕާޓީން ވަނީ ހާމަކޮށްފަ އެވެ.
މީގެ އިތުރުން އެމްޑީޕީން ބުނީ، ރާއްޖޭގައި ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމުގެ ސީދާ އަސަރު ވަކިވަކި ފަރުދުންނާއި އާއިލާތަކުގެ އާންމު ދިރިއުޅުމަށް ފޯރަން ފަށާފައިވާ ކަމަށެވެ.
އެމްޑީޕީން ފާހަގަކުރި ގޮތުގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކާޑުން ޚަރަދުކުރުމާއި އޮންލައިން ވިޔަފާރީގެ މުއާމަލާތްތަކަށް ހަރުކަށި ލިމިޓްތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ހެނދުނު އޮންލައިންކޮށް ޚަރަދުކުރަން ދޫކުރާ އެލަވަންސް ރީސެޓްވާތާ މަދު މިނެޓުކޮޅެއްގެ ތެރޭގައި ހުސްވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.
މީގެ ސަބަބުން ދިވެހިންނަށް އާންމު ވިޔަފާރިތަކާއި، އޮންލައިން ޕޭމަންޓްތަކާއި، އަދި ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް އެމީހުންގެ އަމިއްލަ ކާޑުތައް ބޭނުން ނުކުރެވޭ ހާލަތަށް ގޮސްފައިވާ ކަމަށް އެމްޑީޕީން ބުނެ އެވެ. ޚާއްސަކޮށް ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ފައިސާ ފޮނުވާ އާއިލާތަކަށާއި، ބޭރުން ބޭސްފަރުވާ ހޯދާ ފަރާތްތަކަށާއި، އަދި ގޭތެރޭގެ އަސާސީ ބޭނުންތަކަށް ޚަރަދުކުރާ އާއިލާތަކަށް މީގެ ސީދާ އަސަރު ކުރަމުންދާ ކަމަށެވެ.
ސަރުކާރުގެ ނާގާބިލުކަމުގެ ތުހުމަތު އެމްޑީޕީން ކޮށްފައިވާއިރު، މި ކާރިސާއަކީ ސަރުކާރުގެ އަމިއްލަ ނާގާބިލުކަމުގެ ނަތީޖާ ކަމަށާއި، ނޮވެމްބަރު 2023 ގައި ވެރިކަމާ ހަވާލުވި ފަހުން ގައުމުގެ ބޭރު ފައިސާ ހުސްވެގެން ގޮސްފައިވަނީ ސަރުކާރުގެ ދޯހަޅި ހިންގުމާއި، އިސްރާފު ބޮޑު ޚަރަދުތަކާއި އަދި ކޮރަޕްޝަންގެ ސަބަބުން ކަމަށް އެމްޑީޕީން ބުނެ އެވެ.
މީގެއިތުރުން، މި ދަތިކަން ހައްލުކުރުމަށް ސަރުކާރުގެ އެއްވެސް އިގުތިސާދީ ޕްލޭނެއް އަދި އިތުބާރު ހިފޭ ސިޔާސަތެއް ނެތް ކަމަށާއި، އޭގެ ބަދަލުގައި ސަރުކާރުން ބަރޯސާވަނީ ޖޫރިމަނާ ކުރުމަށާއި، ހިފެހެއްޓުންތައް ގެނައުމަށާއި، އަދި ކަނޑައެޅޭ ވަކި އަގެއްގައި އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް ކަމަށް އެމްޑީޕީން ބުނެ އެވެ. އަދި ރިޒާވްގެ ހަގީގީ ހާލަތާ ގުޅޭގޮތުންނާއި މިކަން ހައްލުކުރާނެ ގޮތެއް ރަސްމީ އެއްވެސް މުއާމަލާތަކުން ސާފުކޮށްދީފައި ނުވާ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.










