"ކޮން ޤައުމެއްގައިތޯ ތިޔަ އުޅުއްވަނީ، ދިވެހި ރާއްޖޭގައިތޯ؟" ޑޮލަރުގެ ދަތިކަމާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރައީސް ދެއްވި ހަރުކަށި ރައްދު!
1 ސެޕްޓެމްބަރު 2026 | އަންގާރަ 17:59ރާއްޖޭގެ އިގުތިސާދީހާލަތު ގޯސްވެ، ތަކެތީގެ އަގު އުފުލުމާއި ޑޮލަރުގެ ދަތިކަމުގެ ސަބަބުން އާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި. ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ ބަދަލުގައި ސަރުކާރުގެ އިސްވެރިން ހަގީގަތާ ދުރުގައި ތިއްބަވާތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުން


އަލަށް ފާސްކުރެއްވި ބިލުތަކާއި އިސްލާހުތައް ތަސްދީގުކުރެއްވުމަށް ބޭއްވެވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން | ރައީސް އޮފީސް
ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލި، ތަކެތީގެ އަގުތައް އަތްނުފޯރާ ފަށަށް އަރައިގެން ގޮސްފައިވާ މިފަދަ ދަނޑިވަޅެއްގައި، ޤައުމުގެ އިގުތިސާދީ ނާޒުކު ހާލަތާ ގުޅޭގޮތުން ސުވާލު އުފެއްދުމަކީ ނޫސްވެރިއެއްގެ އެންމެ އަސާސީ ޒިންމާ އެވެ. އެހެންނަމަވެސް، 31 އޮގަސްޓު 2026 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑޮލަރުގެ ދަތިކަމާއި އެކަމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުން ރައްޔިތުންނަށް އެދެވޭ ލުޔެއް ލިބިފައިނުވާތީ ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް، ދައުލަތުގެ އެންމެ އިސްވެރިޔާ "ކޮން ޤައުމެއްގައިތޯ ތިޔަ އުޅުއްވަނީ، ދިވެހި ރާއްޖޭގައިތޯ؟" އޭ ވިދާޅުވެ، ދެއްވި ހަރުކަށި ރައްދަކީ، ވެރިމީހާގެ ނާގާބިލުކަން ހާމަވެގެންދިޔަ ތާރީޚީ ބަސްކޮޅެކެވެ.
މިއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު ނޫސްވެރިންގެ ސުވާލުތަކަށް މިފަދަ ގޮތަކަށް ޖަވާބުދެއްވި ފުރަތަމަ ރައީސް އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒަކީ މިފަދަ ކަންކަމުގައި ރިކޯޑު ހެއްދެވުމުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ.
އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ބަލާއިރު، ޤައުމުގެ އިގުތިސާދު ވަނީ ނާޒުކު ފައްތަރެއްގަ އެވެ. ފުން އަނދަވަޅެއްގަ އެވެ. ކަޅުބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލިގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފަ އެވެ. ދައުލަތުގެ ރަސްމީ ރިޒާވް ދަށްވެ، ޤައުމަށް ބޭނުންވާ މިންވަރަށް ޑޮލަރު ފޯރުކޮށްދިނުމުގައި ސަރުކާރު ވަނީ ނުކުޅެދިފަ އެވެ.
ބޭންކުން ޑޮލަރު މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓުތައް އުވާލައި، ޑޮލަރު މާރުނުކުރެވޭ ގޮތް ހެދުމުގެ ނަތީޖާ އަކީ، ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ފައިސާ ނުފޮނުވި، ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތައް ހާލުގައި ޖެހި، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް އިންތިހާއަށް ދަތިތަކާ ކުރިމަތިލާން ޖެހި މަގުމަތިވުމެވެ.
ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލި، އާދައިގެ އާއިލާތަކަށް އަސާސީ ކާބޯތަކެތި ހޯދުން ވެސް ބޮޑު ތަކުލީފަކަށް ވަނީ ވެފަ އެވެ. ލިބޭ ކުޑަ އާމްދަނީން ގޭގެ ކުއްޔާއި ޔޫޓިލިޓީ ބިލްތަކަށް ޚަރަދުވެ ހުސްވުމުގެ ސަބަބުން، ދަރިންގެ ޒަރޫރީ ބޭނުންތައް ފުއްދައިނުދެވި، އެތައް އާއިލާއެއް ވަނީ ނިކަމެތި ހާލަތަކަށް ވެއްޓިފަ އެވެ. ޤައުމުގެ ހާލަތު މިފަދަ ދަރަޖައަކަށް ގޮސްފައިވާއިރު، ރައީސް މުއިއްޒު ހުންނެވީ ރާއްޖޭގައިތޯ އެވެ. މި ހުރިހާ ކަމެއް ރައީސް މުއިއްޒަށް ފެނިވަޑައިނުގަންނަވަނީ ރާއްޖޭގައި ނެތީމަނޫންތޯ އެވެ؟
އަސާސީ ބޭސް ލިބުމުގައި ދިމާވެފައިވާ ދަތިތަކުގެ ސަބަބުން، ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކުން އުފުލަމުންދާ ތަކުލީފުތަކަކީ މުޅި ރާއްޖެއަށް ބަލާއިރު ވެސް ފާޅުކަން ބޮޑު، ހިތާމަވެރި ހަގީގަތެކެވެ.
ހަމައެހެންމެ، ޤައުމުގެ އިގުތިސާދީ އަދި އުމްރާނީ ތަރައްޤީގެ ދުވެލި ވަނީ މުޅިންހެން މަޑުޖެހިފަ އެވެ. ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ހިންގަންޖެހޭ ތަރައްޤީގެ މަޝްރޫއުތައް ހުއްޓުމަކަށް އައިސްފައިވާއިރު، ޤައުމުގެ މައިބަދަ ކަމުގައިވާ މަސްވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ ވެސް މިއަދު ފުންކޮށް ދެކެންޖެހިފައިވާ ހިތި ހަގީގަތެކެވެ.
ރައްޔިތުން ދިރިއުޅުމުގެ އަސާސީ ޚިދުމަތްތަކުން މަހްރޫމުވެ، ކާޑުތަކުގެ ޚިދުމަތްތައް ނުލިބި ހާލުގައި ޖެހެމުންދާއިރު، ސަރުކާރުގެ އިސް މަޤާމުތަކުގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ސިޔާސީ މަޤާމުތައް ހިތުހުރި ގޮތަކަށް ބަހަމުންދާއިރު، ރައްޔިތުންގެ ހާލަތު ސަރުކާރުގެ ވެރިންނަށް އިހްސާސްނުވާ ފަދަ އެވެ. އެއްކޮޅުން ޒުވާނުން މަސައްކަތެއް ނުކޮށް ފައިސާ ހޯދުމުގެ ނޭދެވޭ ސަގާފަތަކަށް މަގުފަހި ކުރަމުންދާއިރު، އަނެއްކޮޅުން ނިކަމެތި އާންމު ރައްޔިތުން އެއްވެސް އިންސާފެއްނެތި ވަޒީފާތަކުން ވަކިކުރަމުންދާ މަންޒަރު ފެނެ އެވެ. ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތު ކުރެވޭ ފަރާތްތައް މިއަދު ވެސް ތިބީ ސަރުކާރުގެ އެންމެ މަތީ ފަންތީގައި ބާރުގަދަ މަޤާމުތަކުގަ އެވެ. އެހެން ގޮތަކަށް ބުނާނަމަ ރައީސުލްޖުމްހޫރިއްޔާ އަރިހުގައި، ގޮނޑީގެ ކަމަރު ބާރުކޮށްގެންނެވެ.
ކަންމިހެން ހުރިއިރު، އިގުތިސާދީ ވަޒީރު މެދުވެރިކުރައްވައި ތަކުރާރުކޮށް ދައްކަވަން މަސައްކަތްކުރައްވާ ތަސައްވުރާއި ރައްޔިތުން މިއަދު ތަހައްމަލުކުރަމުންދާ ދަތި ހަގީގަތާ ދެމެދު އެއްގޮތްކަމެއް ނެތެވެ. ސަރުކާރުގެ ހިންގުންތެރިކަން ދަށްވުމުގެ ސަބަބުން ޤައުމުގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށް ދާއިރު، އެ ކަންކަމަށް ވެރިން ލޯމަރާލައްވައިގެން ހުންނަވާތީ ރައްޔިތުން ސުވާލު ނުއުފައްދަންވީ ސަބަބެއް ވެސް ނެތެވެ.
ޤައުމުގެ މައި ދޮރާށިން ފެށިގެން ސަރުކާރުގެ ހުރިހާ ކުންފުނިތަކަށް ސިޔާސީ ނުފޫޒު ފޯރުވާ، ބާރުގެ ދަށަށް ގެނެސް، ހިންގަމުންދާ ޚިޔާނާތާއި ކޮރަޕްޝަން ފޮރުވައި، ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ކުރާ މަސައްކަތްތައް ފަސްއަޅާ ނުފޮރުވޭނެ އެވެ.
އެހެންކަމުން، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑުއަހައި، ހިކުމަތްތެރިކަމާއެކު އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމުގެ ބަދަލުގައި، ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޤައުމުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތު ރައީސް މުއިއްޒު ދެއްވި ޖަވާބަކީ މަޤާމުގެ ގަދަރާއި ހައިބަތު ރައްޔިތުންގެ ކުރިމަތީގައި އުނިވެގެންދިޔަ ކަމެކެވެ. މީޑިއާގެ ކުރިމަތީގައި ދައްކަވަމުން ގެންދެވި އޯގާތެރިކަމުގެ ފަރުދާ ކެހި، އަސްލު ހަގީގަތް މުޅި ޤައުމަށް މިވަނީ ހާމަވެފަ އެވެ. އަނެއްކާ ވެސް ގެއްލިގެން އެ ދިޔައީ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އެ މަނިކުފާނަށް ރައްޔިތުން ކުރަމުންދިޔަ އިތުބާރާއި އިހްތިރާމެވެ.
މިއަދު މި ޤައުމުގައި ރައްޔިތުން ތަހައްމަލު ކުރަމުންމިދަނީ އިގުތިސާދީ ނިކަމެތިކަމާއި ޑޮލަރުގެ ދަތިކަމުގެ އިތުރުން ޒަރޫރީ ބޭސް ނުލިބުމުގެ ހިތްދަތި ކަމެވެ. އެހެންކަމުން، ރައްޔިތުންގެ މި ހިތްދަތި ހާލަތު ފެނިވަޑައިނުގެން، ހަގީގަތާ މާ ދުރު ދުނިޔެއެއްގައި ތިޔަ އުޅުއްވަނީ ޚުދު ރައީސުލްޖުމްހޫރިއްޔާ ނޫންތޯ އެވެ؟









