ރާއްޖެ އާއި އިންޑިއާ އާ ދެމެދު ފަވަރަ-ޔޫޕީއައި ގުޅާލައި، ރުފިޔާ ނުވަތަ ޑޮލަރުން ފައިސާ ދެއްކުމުން އިންޑިއަން ރުޕީސް ލިބޭ ގޮތް ހަދައިފި
30 ޖުލައި 2026 | ބުރާސްފަތި 13:40ރާއްޖޭގެ 'ފަވަރަ' އާއި އިންޑިއާގެ 'ޔޫޕީއައި' ގުޅާލުމާއެކު، ބީއެމްއެލް އަދި އެމްއައިބީގެ ކަސްޓަމަރުންނަށް އިންޑިއާގެ ބޭންކު އެކައުންޓްތަކަށް ވަގުތުން ފައިސާ ފޮނުވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައި. މި ޚިދުމަތުގެ ދަށުން މަހަކު ގިނަވެގެން 24,000 އިންޑިއާ ރުޕީސް ފޮނުވޭއިރު، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ކިއުއާރު ކޯޑު މެދުވެރިކޮށް ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ ނިޒާމުވެސް ތައާރަފުކުރުމަށް ވަނީ ރޭވިފައި

އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫ.ޕީ.އައި) 2016 ވަނަ އަހަރު ތައާރަފުކުރި ފަހުން، އެ ނިޒާމު ވެފައިވަނީ ޑިޖިޓަލް ފައިސާގެ މުއާމަލާތްތަކަށް އިންގިލާބީ ބަދަލެއް ގެނުވި ވަސީލަތަކަށް | އޯއާރްއެފްއޮންލައިން.އޯގް
ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" އާއި އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް" (ޔޫޕީއައި) ގުޅާލައި، ދެ ގައުމުގެ ދެމެދުގައި ފައިސާ ފޮނުވޭނެ އިންތިޒާމު ބުރާސްފަތި ދުވަހު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ. މިއީ ރާއްޖޭގެ ފަވަރަ ސިސްޓަމް ބައިނަލްއަގުވާމީ ޕޭމަންޓް ނެޓްވޯކަކާ ގުޅާލި ފުރަތަމަ ފަހަރެވެ. މިއާއެކު ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ޑިޖިޓަލް މާލީ މުއާމަލާތްތައް ހިންގުމުގައި ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފައިވެ އެވެ.
ޔޫޕީއައި އަކީ މިހާރު ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ޑިޖިޓަލް ފައިސާގެ މުއާމަލާތްތައް ހިންގާ ނިޒާމެވެ.
މި އައު ހިދުމަތުގެ ދަށުން ރާއްޖޭގައި ތިބެގެން އިންޑިއާގެ ބޭންކު އެކައުންޓްތަކަށް ވަގުތުން ފައިސާ ފޮނުވޭނެ އެވެ. މިގޮތުން ފައިސާ ފޮނުވާ ފަރާތުން ދިވެހި ރުފިޔާއިން މުއާމަލާތް ފެށުމުން، އިންޑިއާގައި ފައިސާ ލިބޭ ފަރާތުގެ އެކައުންޓަށް ޖަމާވާނީ އިންޑިއަން ރުޕީ (އައިއެންއާރު) އިންނެވެ. އެމެރިކާ ޑޮލަރުން ފައިސާގެ މުއާމަލާތް ފެށި ނަމަވެސް އިންޑިއާ އިން ފައިސާ ލިބޭނީ އެގައުމުގެ ފައިސާއިންނެވެ. މި ހިދުމަތުގެ ފުރަތަމަ ފިޔަވަހީގައި ހަމަޖެހިފައިވަނީ އެކަކު އަނެކަކަށް ފައިސާ ފޮނުވޭ "ޕާސަން-ޓު-ޕާސަން" (ޕީޓޫޕީ) ޓްރާންސްފާތަކެވެ. ނަމަވެސް ކުރިއަށް އޮތް އަހަރުގެ ތެރޭގައި ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ "ޕާސަން-ޓު-މާޗަންޓް" (ޕީޓޫއެމް) ހިދުމަތްވެސް ތައާރަފުކުރާނެ ކަމަށް އެމްއެމްއޭއިން ހާމަކުރެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޚިދުމަތުގެ ބޭނުންކުރެވެނީ ހަމައެކަނި ރާއްޖެއިން އިންޑިއާއަށް ފައިސާ ފޮނުވުމަށެވެ. އިންޑިއާއިން ރާއްޖެއަށް ފައިސާ ފޮނުވޭނެ އިންތިޒާމު އަދި ހަމަޖެހިފައެއް ނުވެ އެވެ. ފައިސާ ފޮނުވޭނީ ތަޢުލީމީ ޚަރަދުތަކާއި، ބޭސްފަރުވާގެ ޚަރަދާއި، އާއިލީ ޚަރަދުތައް ފަދަ ހުއްދަ ކުރެވެފައިވާ ކަންތައްތަކަށެވެ. ކޮންމެ ކަސްޓަމަރަކަށްވެސް މަހަކު ފޮނުވޭނީ ގިނަވެގެން 24,000 އިންޑިއާ ރުޕީސް (ގާތްގަނޑަކަށް 250 ޑޮލަރު) އެވެ. އަދި ބޭންކުތަކުން ބޭނުންވެއްޖެ ހާލަތެއްގައި، މިއަށްވުރެ ކުޑަ ލިމިޓެއް ކަނޑައެޅުމުގެ އިޚުތިޔާރު އެ ބޭންކަކަށް ލިބިގެންވެ އެވެ.
މި ހިދުމަތް ފެށުމުގެ ގޮތުން ފުރަތަމަ މަރުހަލާގައި ބައިވެރިވެފައިވަނީ ރާއްޖޭގެ ދެ ބޭންކެއް ކަމަށްވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ. މި ދެ ބޭންކުގެ ކަސްޓަމަރުންނަށް އެ ބޭންކުތަކުގެ ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް، ފަވަރަ ބޭނުންކޮށްގެން އިންޑިއާގެ ޔޫޕީއައި އެކްޓިވޭޓް ކޮށްފައިވާ އެކައުންޓްތަކަށް ސީދާ ފައިސާ ފޮނުވޭނެ ކަމަށް އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ފައިސާ ފޮނުވުމުގެ ކުރިން، ފައިސާ ލިބޭ ފަރާތުގެ އެކައުންޓްގެ ސައްހަކަން ޔޫޕީއައި މެދުވެރިކޮށް ކަށަވަރުކުރެވޭނެ އެވެ. ފައިސާ ފޮނުވާ ފަރާތަށް ބޭނުންވާ އެކްސްޗޭންޖް ރޭޓާއި ބޭންކު ފީތައް އަދި ފައިސާ ލިބޭ ފަރާތުގެ ނަން ނިޒާމުގެ ތެރެއިން ފެންނަން ހުންނާނެ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
މި މަޝްރޫއަކީ އެމްއެމްއޭ އާއި ރިޒާވް ބޭންކް އޮފް އިންޑިއާގެ އިތުރުން އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އާއި ދެ ގައުމުގެ މާލީ އިދާރާތައް ގުޅިގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ. މިކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ހިންގާ މާލީ މުއާމަލާތްތައް މިހާރަށްވުރެ ހަރުދަނާވެ، އާންމު ފަރުދުންނާއި އާއިލާތަކަށް ބޭރު ގައުމުތަކަށް ފައިސާ ފޮނުވުމުގައި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ކުރިއަށް އޮތް ތަނުގައި މި އެއްބަސްވުމުގެ ދަށުން އިތުރު ހިދުމަތްތައް ތައާރަފުކުރުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ކިއުއާރު ކޯޑު ބޭނުންކޮށްގެން ވިޔަފާރިތަކަށް ފައިސާ ދެއްކުމާއި، ޒަމާނީ އެހެނިހެން ޑިޖިޓަލް ޕޭމަންޓް ހިދުމަތްތައް ހިމެނެ އެވެ. މީގެ ސަބަބުން ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް އިގްތިސާދީ އަދި މާލީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އެމްއެމްއޭއިން ދެކެއެވެ.









