އެސްބީއައި އަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ޓީ-ބިލް އަށް ފައިސާ ދެއްކުމާއި ބީއެމްއެލްއާ އެއްވެސް ގުޅުމެއް ނެތް: ބީއެމްއެލް
19 ސެޕްޓެމްބަރު 2026 | ހޮނިހިރު 14:30އެސްބީއައިއަށް ސަރުކާރުން ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކުމަށް ބީއެމްއެލްގެ ފައިސާ ބޭނުންކުރި ކަމަށް ބުނާ ވާހަކަތައް އެ ބޭންކުން ވަނީ ދޮގުކޮށްފައި. ބޭންކުން ބުނީ މި ދަރަނި އަދާކުރީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުން ކަމަށާއި، ބޭންކުގެ މާލީ ހާލަތު ވަރުގަދަކޮށް އޮތްއިރު ހަގީގަތާ ހިލާފު ޚަބަރު ފަތުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް


ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް | ބީއެމްއެލް
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ދިވެހި ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް (ޓީ-ބިލް) ފެސިލިޓީގެ ތެރެއިން ބާކީ އޮތް 50 މިލިއަން ޑޮލަރު ދެއްކުމަށް، ބޭންކް އޮފް މޯލްޑިވްސް އިން ފައިސާ ނުވަތަ ޑޮލަރުގެ ލިކުއިޑިޓީ ފޯރުކޮށްދީފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި، އެކަމުގެ ސަބަބުން ބޭންކުގެ މާލީ ހާލަތަށް އަސަރުކޮށްފައިވާ ކަމަށް ބުނާ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފި އެވެ.
ބީއެމްއެލް އިން ހޮނިހިރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައިގައި ފަތުރަމުންދާ ޚަބަރުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެއް ކަމަށެވެ. އަދި ސަރުކާރުން މި ދަރަނި އަދާކުރުމާއި ބީއެމްއެލްގެ މާލީ ހާލަތާ ނުވަތަ ބޭންކިންގ އޮޕަރޭޝަންތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް އިން ވެސް އާންމުކޮށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، 17 ސެޕްޓެމްބަރު 2026 ގައި އެސްބީއައި އަށް ދެއްކި ފަހު 50 މިލިއަން ޑޮލަރަކީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އިން ހަމަޖެއްސި ފައިސާ އެވެ. މިއީ 2019 ވަނަ އަހަރު ސަރުކާރުން ނެގި 150 މިލިއަން ޑޮލަރުގެ ޓީ-ބިލް ފެސިލިޓީގެ ތެރެއިން މީގެ ކުރިން ދެއްކި ދެ ފިޔަވައްސަށް ފަހު، އެ ދަރަނި އެއްކޮށް ޚަލާސްކުރުމަށް ދެއްކި ފައިސާ އެވެ. މި ފައިސާ ދެއްކުމަށް ބީއެމްއެލްގެ ކަސްޓަމަރުންގެ ޑިޕޮސިޓްތަކެއް ނުވަތަ ބޭންކުގެ އަމިއްލަ އެއްވެސް ވަސީލަތެއް ބޭނުންކޮށްފައިނުވާ ކަމަށް ބީއެމްއެލް އިން ބުނެފައިވެ އެވެ.
ބީއެމްއެލް އިން ފާހަގަކުރި ގޮތުގައި، އެ ބޭންކް އަކީ މާލީގޮތުން ވަރުގަދަ، ކަނޑައެޅިފައިވާ ރިސްކް އެޕެޓައިޓްތަކާއި ރެގިއުލޭޓަރީ މިންގަނޑުތަކާއި ހަރުދަނާ ގަވަރނަންސް އަދި ރިސްކް މެނޭޖްމަންޓް އޮނިގަނޑެއްގެ ތެރެއިން ހިންގަމުންދާ މުއައްސަސާއެކެވެ.
ބޭންކުގެ ލިކުއިޑިޓީ، ކެޕިޓަލް އަދި މާލީ ހާލަތު ބޭންކުގެ މެނޭޖްމަންޓާއި ބޯޑުގެ ފަރާތުން މެދުނުކެނޑި މޮނިޓަރ ކުރަމުންދާ ކަމަށާއި، ސަރުކާރުން އެސްބީއައި އަށް ޓީ-ބިލްގެ ފައިސާ ދެއްކުމަކީ ބޭންކާ ވަކިން ހިނގާފައިވާ މުއާމަލާތެއް ކަމަށް ބަޔާނުގައިވެ އެވެ. އެހެންކަމުން، އެކަމުގެ ސަބަބުން ބޭންކުގެ މާލީ ވަސީލަތްތަކަށް އެއްވެސް އަސަރެއް ކޮށްފައިނުވާ ކަމަށާއި ކަސްޓަމަރުންނަށް އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމުގެ ފުރިހަމަ ޔަގީންކަން ބޭންކުން ވަނީ ދީފަ އެވެ.
ގައުމުގެ މާލީ ނިޒާމާ ގުޅުންހުރި ކަންކަމުގައި އާންމުން ސުވާލުކުރުމާއި ބަހުސްކުރުމަކީ މުހިންމު ކަމެއްކަމަށް ގަބޫލުކުރާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. ނަމަވެސް، ބޭންކެއްގެ މާލީ ހާލަތާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަކީ ކަސްޓަމަރުންގެ އިތުބާރާއި ހިއްސާދާރުންގެ މަސްލަހަތާއި މުޅި މާލީ ނިޒާމުގެ ހަމަޖެހުމާ ގުޅިފައިވާ ކަމަކަށްވާތީ، އެފަދަ ވާހަކަތައް ބިނާވާންވާނީ ކަށަވަރު ކުރެވިފައިވާ ހަގީގަތްތަކުގެ މައްޗަށް ކަމަށް ބޭންކުން ބުންޏެވެ.
ހަގީގަތާ ޚިލާފު މައުލޫމާތު ތަކުރާރުކޮށް ފެތުރުމުގެ ސަބަބުން ކަސްޓަމަރުންނާއި ވިޔަފާރިވެރިން އަދި އިންވެސްޓަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި، ބޭންކާއި މުޅި ބޭންކިންގ ދާއިރާ އަދި ރާއްޖޭގެ އިގުތިސާދަށް އޮންނަ އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމަށް ބޭންކުން ވަނީ ބުނެފަ އެވެ.
އެހެންކަމުން، ބޭންކުގެ މާލީ ހާލަތާއި ކަސްޓަމަރުންގެ ފައިސާއާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދެއްކުމުގެ ނުވަތަ ޝާއިއުކުރުމުގެ ކުރިން، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އެ މައުލޫމާތެއްގެ ސައްހަކަން ކަށަވަރުކުރުމަށް ހުރިހާ ފަރާތްތަކަށް، ހާއްސަކޮށް ސިޔާސީ ބޭފުޅުންނާއި މީޑިއާތަކަށް ބީއެމްއެލް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކަސްޓަމަރުންނާއި ހިއްސާދާރުންގެ މަސްލަހަތު ހިމާޔަތްކުރުމަކީ އެންމެ ބޮޑު ޒިންމާ ކަމަށް ފާހަގަކޮށް، ބޭންކުގެ އަގުވައްޓާލުމަށް ނުވަތަ ބޭންކަށް ގެއްލުންވާ ގޮތަށް ހަގީގަތާ ޚިލާފު ޚަބަރު ފަތުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ އިޚްތިޔާރު ލިބިގެންވާ ކަމަށް ވެސް ބީއެމްއެލް އިން ބުނެފައިވެ އެވެ.
ބީއެމްއެލް އިން އަބަދުވެސް މަސައްކަތް ކުރާނީ ހާމަކަން ބޮޑު ގޮތެއްގައި ސައްހަ މައުލޫމާތު ކަސްޓަމަރުންނާއި އާންމުންނަށް ފޯރުކޮށްދިނުމަށް ކަމަށާއި، އަދި ބީއެމްއެލް އަކީ މާލީގޮތުން ވަރުގަދަ، ހަރުދަނާ ގޮތެއްގައި ހިންގަމުންދާ، ދިވެހި އިގްތިސާދާއި ކަސްޓަމަރުންގެ މަސްލަހަތު ހިމާޔަތްކުރުމުގައި ދެމިއޮންނާނެ ބޭންކެއް ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް ބީއެމްއެލް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ބީއެމްއެލް އިން މިފަދަ ބަޔާނެއް ނެރެފައިވާއިރު، ސަރުކާރުން މި ފެސިލިޓީގެ ފުރަތަމަ 50 މިލިއަން ޑޮލަރުގެ ބިލް އަނބުރާ ދައްކާފައިވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. ދެވަނަ ބިލްގެ ފައިސާ މިއަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހު ދައްކާފައިވާއިރު، އެންމެ ފަހު ބިލްގެ ފައިސާ މި ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ދައްކައި، ޖުމްލަ 150 މިލިއަން ޑޮލަރުގެ މި ފެސިލިޓީ މިހާރު ވަނީ އެއްކޮށް ދައްކާފަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އެންމެ ފަހުން ދެއްކި 50 މިލިއަން ޑޮލަރު އިންޑިއާގެ އެސްބީއައި އަށް ދައްކަން ޖެހުނީ ދަރަނި ދެއްކުމުގެ މުއްދަތު އިތުރަށް އިންޑިއާއިން އިތުރުކޮށް ނުދިނުމުގެ ސަބަބުން މަޖުބޫރުވެގެންނެވެ.











