އެސްބީއައި މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި އެއްކޮށް ދައްކައިފި
17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 07:12ދަރަނި ދެއްކުމަށް ކަނޑައެޅިފައިވާ ތާރީޚުތަކަށް ސަރުކާރުން ފައިސާ ދައްކަމުންދާކަން ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާއިރު، ރާއްޖޭގެ ރަސްމީ ރިޒާވްގައި އޮގަސްޓު މަހުގެ ނިޔަލަށް 444 މިލިއަން ޑޮލަރު ހުރިކަމަށް އެ މިނިސްޓްރީން ބުނޭ. އަދި ޒަރޫރީ މުދާ އިމްޕޯޓްކުރުމަށް ބޭނުންވާ ބޭރު ފައިސާ މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައިވާތީ، ދަރަނި ދެއްކުމުގެ ސަބަބުން އަސާސީ ޚިދުމަތްތަކަށް ބުރޫނާރާނެ ކަމުގެ ޔަގީންކަން ވެސް ދީފައިވޭ


ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު | ރައީސް އޮފީސް
ދިވެހި ސަރުކާރުން 2019 ވަނަ އަހަރު އެކިފަހަރު މަތިން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ތެރެއިން ބާކީ ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދައްކައި ޚަލާސްކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ބުރާސްފަތި ދުވަހު ފިނޭންސް މިނިސްޓްރީން ބުނީ، ކުރީ ސަރުކާރުން ބަޖެޓް ސަޕޯޓުގެ ގޮތުގައި ނަގާފައިވާ މި ލޯނުތައް މި ސަރުކާރުން ކަނޑައެޅިފައިވާ ތާރީޚަށް ދައްކަމުންދާ ކަމަށެވެ.
އެގޮތުން ފުރަތަމަ 50 މިލިއަން ޑޮލަރު 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު އަދާކޮށްފައިވާ ކަމަށާއި، ދެވަނަ 50 މިލިއަން ޑޮލަރު 2024 މޭ 11 ގައި ދައްކާފައިވާއިރު، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 17 އަށް މުއްދަތު ހަމަވާން އޮތް ބާކީ 50 މިލިއަން ޑޮލަރުގެ ދަރަނި ބުރާސްފަތި ދުވަހު ދައްކައި ޚަލާސްކުރުމާއެކު، 2019 ވަނަ އަހަރު ނަގާފައިވާ ޖުމްލަ 150 މިލިއަން ޑޮލަރުގެ ފެސިލިޓީ އެއްކޮށް ދައްކާ ނިމިފައިވާ ކަމަށެވެ.
ރިޒާވް އަދި އަސާސީ މުދާ އިމްޕޯޓްކުރުމާ ގުޅޭގޮތުން މިނިސްޓްރީން ބުނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވްގައި ގާތްގަނޑަކަށް 444 މިލިއަން އެމެރިކާ ޑޮލަރު އެބަހުރި ކަމަށެވެ. ހަމައެއާއެކު، ތެލާއި ކާބޯތަކެތީގެ ބާވަތްތަކާއި އަދި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ފަދަ ޒަރޫރީ ތަކެތި އިމްޕޯޓްކުރުމަށް ބޭނުންވާ ބޭރު ފައިސާ މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
މިފަދަ އަސާސީ ޚިދުމަތްތަކާއި މުދާ މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުން އެންމެ އިސްކަންދޭ ކަމެއްކަން ފާހަގަކޮށް ފިނޭންސް މިނިސްޓްރީން ބުނީ، ދަރަނި އަދާކުރުމުގެ ސަބަބުން އަސާސީ މުދާ އެތެރެކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.
ދަރަނި މެނޭޖްކުރުމާއި މާލީ ކުރިމަގު އިޝާރާތްކޮށް ފިނޭންސް މިނިސްޓްރީން ބުނީ، ދައުލަތުގެ ދަރަނިތައް ޒިންމާދާރުކަމާއެކު ދެއްކުމަށްޓަކައި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ފައިސާ ޖަމާކުރުމާއި ދަރަނި ދެއްކުމަށްޓަކައި ވާންޖެހޭ އެންމެހައި ތައްޔާރީތައް ދުރާލާވެ، ކަނޑައެޅިފައިވާ ވަގުތަށް ދަރަނި ދައްކައި ޚަލާސް ކުރަމުން އަންނަ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ދަމަހައްޓައި، ރިޒާވް ވަރުގަދަކޮށް، ރައްޔިތުންގެ އަސާސީ ބޭނުންތައް ފުރިހަމައަށް ރައްކާތެރިކޮށްދިނުން ކަމަށް މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން ފިނޭންސް މިނިސްޓްރީން ބުނީ، ދިވެހި ސަރުކާރުން ބައިނަލްއަގުވާމީ އެކި މާލީ އިދާރާތަކާއި ރާއްޖެއަށް އެހީދޭ އެކި ގައުމުތަކާއި ޖަމާއަތްތަކާއެކު މުހިންމު މަޝްވަރާތަކެއް ކުރަމުންދާ ކަމަށެވެ. އަދި މި މަޝްވަރާތައް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްދާއިރު، މީގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރަށް ވަރުގަދަވެގެންދާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ފިނޭންސް މިނިސްޓްރީން މިހެން ބުނެފައިވީ ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މި ފައިސާ ދެއްކުމާ ގުޅިގެން، ރާއްޖޭގެ އެމްއެމްއޭގައި ހުރި ބޭނުންކުރެވޭ ބޭރު ފައިސާގެ ރިޒާވް ބުރާސްފަތި ދުވަހުން ފެށިގެން ވަރަށް ބޮޑަށް ދަށަށް ދާނެ ކަމަށް ބެލެވޭ ކަމަށެވެ.
މީގެ ސަބަބުން، ކާބޯތަކެތީގެ ބާވަތްތަކާއި ތެލާއި އަދި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ރާއްޖެއަށް އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާ، ސަރުކާރުގެ އަތުގައި އެކަށީގެންވާ މިންވަރަށް ނުހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ. އަދި މިފައިސާ ދެއްކީ މުއްދަތު ހަމަވުމާ ގުޅިގެން އެ ބޮންޑު ދެއްކުމަށް ދިވެހި ސަރުކާރަށް މަޖުބޫރުވެފައިވާތީ ކަމަށެވެ.










