ބީއެމްއެލްގެ ރުފިޔާ ކާޑު ބޭނުންކޮށްގެން ޓިކެޓާއި ބުކިންގ ހަދަން ކޮންމެ ކަސްޓަމަރަކަށް 3 މަސް ދުވަހުގެ ތެރޭގައި ކުރެވޭނީ ގިނަވެގެން ތިން މުއާމަލާތް!
13 ސެޕްޓެމްބަރު 2026 | އާދީއްތަ 06:25ބޭރު ފައިސާ ބޭރަށްދާ މިންވަރު ކޮންޓްރޯލްކުރުމަށްޓަކައި، އޮންލައިންކޮށް ޓިކެޓާއި ހޮޓެލް ބުކިން ހެދުމަށް ކޮންމެ ކަސްޓަމަރަކަށް ތިން މަސްދުވަހުގެ ތެރޭގައި ކުރެވޭނީ ގިނަވެގެން ތިން މުއާމަލާތް ކަމަށް ބީއެމްއެލް އިން ނިންމައިފި. އަންނަ ސެޕްޓެންބަރު 13 އިން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން، ދަތުރުފަތުރާ ގުޅުންހުރި ކަންކަމަށް ދުވާލަކު 200،000 ޑޮލަރުގެ ލިމިޓެއް ކަނޑައަޅާފައިވާއިރު، ބޭންކުން ބުނީ ބޭރު ފައިސާ ހުރި މިންވަރަށް ބަލައި މި އަދަދުތަކަށް ބަދަލު ގެންނާނެ ކަމަށް


ބޭންކް އޮފް މޯލްޑިވްސް | ގެޓީ އިމޭޖަސް
ބޭންކް އޮފް މޯލްޑިވްސް އިން ނެރުނު ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އޮންލައިން ޕްލެޓްފޯމްތަކުގައި ވިޔަފާރިކުރެވޭނެ ދުވާލުގެ ލިމިޓްތަކެއް ކަނޑައަޅާފައިވާއިރު، ޓިކެޓާއި ހޮޓެލް ބުކިންގ މުއާމަލާތްތަކަށް ކޮންމެ ކަސްޓަމަރަކަށް ތިން މަސް ދުވަހުގެ ތެރޭގައި ކުރެވޭނީ ގިނަވެގެން ތިން މުއާމަލާތްކަމަށް އެ ބޭންކުން ބުނެފި އެވެ.
ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ދެމެހެއްޓެނިވި ގޮތެއްގައި އަދި ދޭތެރެ ދޭތެރެއިން މުރާޖައާ ކުރެވޭ ގޮތަށް ކަނޑައެޅި މި އާ ލިމިޓްތަކަށް އަމަލުކުރަން ފަށާނީ މި އަހަރުގެ ސެޕްޓެންބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ.
އޮންލައިންކޮށް އެއާލައިން ޓިކެޓް ގަތުމާއި ހޮޓެލް ބުކިން ހެދުން ފަދަ ދަތުރުފަތުރާ ގުޅުންހުރި މުއާމަލާތްތަކަށް މަހަކު 6 މިލިއަން ޑޮލަރު ނުވަތަ ދުވާލަކަށް 200،000 ޑޮލަރު ވަނީ ހަމަޖައްސާފަ އެވެ.
އެހެން މީހުންނަށް ޓިކެޓާއި ހުރުމުގެ ހަރަދުތައް ހަމަޖައްސައިދިނުމަށް ކަސްޓަމަރުން ކުރާ މުއާމަލާތްތައް އިތުރުވެ، ބޭރު ފައިސާ ބޭރަށްދާ މިންވަރު އިތުރުވަމުންދާތީ، މި ކެޓެގަރީގެ ދަށުން ކޮންމެ ކަސްޓަމަރަކަށް ތިން މަސް ދުވަހުގެ ތެރޭގައި ކުރެވޭނީ ގިނަވެގެން ތިން މުއާމަލާތް ކަމަށް ބޭންކުން ބުނެ އެވެ.
ބީއެމްއެލް އިން އިތުރަށް ހާމަކުރި ގޮތުގައި، މުއާމަލާތްތައް ކުރާ މިންވަރާއި، ކަސްޓަމަރުން މުއާމަލާތްކުރާ ގޮތްތަކުގެ އިތުރުން ބޭންކުގައި ބޭރު ފައިސާ ހުރި މިންވަރަށް ބަލައި، ދާއިރާތަކަށް ކަނޑައެޅިފައިވާ އަދަދުތަކަށް އެވަގުތަކަށް އެންމެ އެކަށީގެންވާ ބަދަލުތައް ގެންނަމުންދާނެ އެވެ.











