ޓީމޫ ފަދަ އީކޮމާސްގައި ބީއެމްއެލްގެ ކަސްޓަމަރުންނަށް ހެދޭ ޓްރާންސެކްޝަންގެ އަދަދު 30 އަށް ހަދައިފި
ބޭންކް އޮފް މޯލްޑިވްސްގެ ކާޑުތަކުން ބޭރު ފައިސާ ބޭނުންކުރެވޭ ލިމިޓް، ކާޑުގެ ވެރިފަރާތް ރާއްޖޭގައި ހުންނަ ވަގުތުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ހަމަޖައްސައި، އޮންލައިން ވިޔަފާރިތަކަށް މަހަކު ކުރެވޭނެ މުއާމަލާތުގެ އަދަދު 30 އަށް ވަނީ ކަނޑައަޅާފަ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ޚާއްސަ ކާޑެއް ތައާރަފުކުރުމާއި، އެއް ކްރެޑިޓް ކާޑަށް ވުރެ ގިނަ ކާޑު ގެންގުޅޭ ފަރާތްތަކުގެ އަހަރީ ފީ އަށް ލުއިތަކެއް ދިނުމަށް ވެސް ބޭންކުން ވަނީ ނިންމާފަ. މި ބަދަލުތަކަކީ ބޭންކަށް ލިބޭ ބޭރު ފައިސާ ހަމަހަމަކަމާއެކު އާންމުންގެ ޒަރޫރީ ބޭނުންތަކަށް ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅުތަކެއް.


ބީއެމްއެލް ގެ ސީއީއޯ މުހައްމަދު ޝަރީފް | ބީއެމްއެލް
ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގެންގުޅޭ ނިޒާމުތައް ހަރުދަނާކޮށް، އެކަން ހަމަހަމަކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅައިފި އެވެ.
ބީއެމްއެލް އިން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުމެއްގައި ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިމިގްރޭޝަން އާއިއެކު ގާއިމުކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަން އާއި އެކު، ރާއްޖެއިން ބޭރުގައި ޕީއޯއެސް އަދި އޭޓީއެމް ތަކުގައި ބޭނުންކުރެވޭ ފޮރިން ސްޕެންޑް ލިމިޓް، ހަމަ އެކަނި ރާއްޖެއިން ބޭރުގައި ތިބޭ އިރު އެކްޓިވް ވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެއާއެކު ރާއްޖޭގައި ތިބޭ ކަސްޓަމަރުންގެ ކާޑު (ކާޑުގެ ވެރިފަރާތާއި ނުލައި) ރާއްޖެއިން ބޭރަށް ގެންގޮސްގެން ބޭނުން ނުކުރެވޭގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ރާއްޖެއިން ބޭރުގައި އަމިއްލަ ކާޑެއްނެތް ކިޔަވާ ކުއްޖަކަށް ބެލެނިވެރިޔާގެ ކާޑު ބޭނުންކުރަން ދީފައިވާނަމަ، އެކުއްޖަކަށް ސްޓޫޑެންޓް ކާޑު، ކިޔަވާކުދިންނަށް ދެވިފައިވާ ޚާއްސަލިމިޓާއި އެކު ދޫކުރުމަށް ވެސް ބޭންކުން ވަނީ ކަނޑައަޅާފަ އެވެ. މި ކާޑު ދޫކުރެވެންދެން ބެލެނިވެރިޔާގެ ކާޑު ބޭނުން ކުރެވޭނެ ކަމަށާ ސްޓޭޑެންޓް ކާޑު ދޫކުރުމަށް ތިން މަސްދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލް އިން ބުނީ ވިޔަފާރީގެ ބޭނުމަށް ބައެއްފަރާތްތަކުން ވަރަށްގިނަ އަދަދަކަށް، އަމިއްލަ ބޭނުމަށް ދޫކުރެވިފައިވާ ރުފިޔާ ކާޑުތަކުން ބައެއް އޮންލައިން ވިޔަފާރި ސައިޓްތަކުން މުދާގަންނަން ބޭނުންކުރަމުން ދާ ކަމަށެވެ.
ޝަރީފް ވިދާޅުވީ ބޭންކުން ވަރަށްގިނަ އަދަދަކަށް ބޭރު ފައިސާ މިކަމަށް ވިއްކެނީ ނިސްބަތުން މަދުފަރާތްތަކަށް ކަމަށެވެ. ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާ ގިނަ ރައްޔިތުންގެ ބޭނުންތަކަށް ވިއްކުމުގެ ބޭނުމުގައި، އެފަދަ މަދު ސައިޓްތަކުން ވިޔަފާރި ކުރުމަށް ޖުމްލަ ބޭންކުން ވިއްކޭ އަދަދު ކޮންމެ ދުވަހަކަށް ކަޑައެޅޭ ބަޖެޓެއްގެ ތެރެއިން ވިއްކުމަށް މިހާރު ނިންމާފައިވާ ކަމަށާ އެހެނިހެން ބޭނުންތަކަށް ބޭނުންކުރެވޭ ސައިޓްތަކަށް މިވަގުތު ބަދަލު ނުގެނެސް މިހާރުވެސް ބޭނުން ކުރެވޭވަރުގައި ބެހެއްޓުމަށް ބޭންކުން ނިންމާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
އީކޮމާސްގައި މަހަކު 30 ޓްރާންސެކްޝަން އަށް ވުރެގިނައިން ބޭނުންކުރަނީ ކަސްޓަމަރުންގެ 3 އިންސައްތައަށް ވުރެ މަދު އަދަދެއް ކަން ފާހަގަކޮށް ބީއެމްއެލް އިން ބުނީ މިއީ ކުރިން ދެންނެވި ފަދަ މުދާގަންނަ ސައިޓްތަކުގައި ބޭނުންކުރާ ފަރާތްތައް ކަމަށެވެ. އެހެންކަމުން އީކޮމާސް އަށް ކަނޑައެޅޭ ބަޖެޓް ވީހާވެސް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ ޢަދަދު 30 އަށް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.
އެހެންކަމުން އީކޮމާސް އަށް ކަނޑައެޅޭ ބަޖެޓް ވީހާވެސް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ އަދަދު 30 އަށް ކަނޑައެޅިގެންދާނެބީއެމްއެލް ގެ ސީއީއޯ މުހައްމަދު ޝަރީފް
މީގެ އިތުރުން ބީއެމްއެލް އިން ވަނީ ޑޮލަރު އެކައުންޓް ތަކަށް ދޫކުރެވިފައިވާ ކާޑުތަކުން ވަކިން ކަނޑައެޅޭ ފޮރިން ސްޕެންޑް ލިމިޓަކާއި ނުލައި ބޭނުންކުރެވޭނެ ގޮތް ވެސް ހަމަޖައްސާފަ އެވެ. އަދި ގިނަ ކްރެޑިޓް ކާޑުތައް ގެންގުޅުއްވާ ފަރާތްތަކަށް ހުރިހާ ކާޑުތަކުން ވެސް ބޭނުން ކުރެވެނީ އެ ކަސްޓަމަރަށް މަހަކަށް ކަނޑައެޅިފައިވާ ޖުމްލަ ލިމިޓެއް ކަމަށްވާތީވެ، އެއް ކްރެޑިޓް ކާޑަށްވުރެ ގިނަކާޑު ގެންގުޅުއްވާ ފަރާތްތަކަށް ހަމަ އެކަނި އެއްކާޑަށް އަހަރީ ފީ ނެގުމަށް ނިންމާ، އިތުރުކާޑުތަކަށް އަހަރީ ފީ ނުނަގާގޮތަށް ހަމަޖެއްސުމަށް ނިންމާފައިވެ އެވެ.
ބީއެމްއެލް އިން ބުނީ ޓީޓީ ތަކަށް ބޭރު ފައިސާ ވިއްކުން ބޭންކް ހުޅުވިފައި ހުންނަ ގަޑިއަށް ހަމަޖައްސާފައިވާއިރު ބޭރު ފައިސާ އެ ޓީޓއަކަށް ހަމަޔަށް ހުރެގެން ފޮނުވާ ޓީޓީތައް ބަންދު ދުވަސްތައް ވެސް ހިމަނައިގެން ހުރިހާގަޑިއެއްގައި ފޮނުވޭނެ ކަމަށެވެ. އަދި ޓީޓީ ތައް ސްޕްލިޓް ކޮށްގެން ފޮނުވާ ފަރާތްތައް ފާހަގަކޮށް، އެފަރާތްތަކަށް ކަޑައެޅިފައިވާ ލިމިޓްގެ ތެރެއިން ބޭރު ފައިސާ ވިއްކޭނެ ކަމަށެވެ.





