ދައުލަތުން ބާއްވާ އެކިއެކި އިންތިޚާބުތައް ޑިޖިޓަލް ވޯޓިން ނިޒާމަށް ބަދަލުކުރަން ޖެހޭ: ފުއާދު
18 ސެޕްޓެމްބަރު 2026 | ހުކުރު 06:59ޕީއެންސީގެ ކޮންގްރެސްގައި ބޭނުންކުރި ޑިޖިޓަލް ވޯޓިން ނިޒާމަކީ ޚަރަދު ކުޑަ އަދި ތިމާވެއްޓާ ރައްޓެހި ނަމޫނާއެއް ކަމަށް ފުއާދު ވިދާޅުވި. މި ނިޒާމުގެ ސަބަބުން ވަގުތުން ނަތީޖާ ލިބި، އިންތިޚާބުތަކުގެ އިތުބާރު ބޮޑުވާނެތީ، ދައުލަތުގެ އިންތިޚާބުތައް ވެސް މަޑުމަޑުން ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމަށް އޭނާ ވަނީ ގޮވާލައްވާފައި


ޕީއެންސީ ކޮންގްރެސްގައި ހުންނަވައި ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު އިންޓަވިއު ދެއްވަނީ | ރާއްޖެއެމްވީ
ކުރިއަށް އޮތް ތަނުގައި ދައުލަތުން ބާއްވާ އެކިއެކި އިންތިޚާބުތައް ޑިޖިޓަލް ވޯޓިން ނިޒާމަށް ބަދަލުކުރުމަށް ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ގޮވާލައްވައިފި އެވެ.
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސްގައި ހުންނަވައި މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ފުއާދު ވިދާޅުވީ، އެޕާޓީގައި ބޭނުންކުރި ޑިޖިޓަލް ވޯޓިން ނިޒާމަކީ ވަރަށް ފުރިހަމަ ފެށުމެއް ކަމަށާއި، ޕީއެންސީން ދެއްކީ ވަރަށް ރަނގަޅު މިސާލެއް ކަމަށެވެ.
ފުއާދު ވިދާޅުވީ، ވޯޓު ނެގުމަށްފަހު ވަގުތުން ވަގުތަށް އަދި އެއްވެސް ސުވާލެއް އުފެދުމުގެ ފުރުސަތެއް ނެތި ނަތީޖާ ލިބިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މެންދުރުކުރީގައި ވޯޓުލުން ކުރިއަށްދިޔައިރު، 12 ޖެހުމުގެ ކުރިން ނަތީޖާތައް އެއްކޮށް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
މި ޒަމާނަކީ ޑިޖިޓަލް ޒަމާން ކަމަށް ވާތީއާ އެކީގައި އަޅުގަނޑު ދެކެނީ މި ވަރަށް ވަރަށް ރަނގަޅު، ވަރަށް ފުރިހަމަ ފެށުމެއް ކަމަށް. އަދި ކުރިއަށް އޮތް ތަނުގައި ދައުލަތުންވެސް ބާއްވާ އެކިއެކި އިންތިޚާބުތައް މަޑުމަޑުން ނަމަވެސް މި ގޮތަށް ބަދަލުކުރައްވަމުން ގެންދަވާނެ ކަމަށް އަޅުގަނޑަށް ފެނޭފުއާދު ތައުފީގު
މީގެއިތުރުން ފުއާދު ވިދާޅުވީ ކުއްލިއަކަށް ހުރިހާ ކަމެއް ބަދަލުނުވި ނަމަވެސް، އެކި މަރުހަލާތަކަށް ބަހާލައިގެން މިފަދަ ނިޒާމަކަށް ދިޔުމަކީ ރަނގަޅު ނަމޫނާއެއް ކަމަށެވެ. މިގޮތަށް ވޯޓުލުން ބަދަލުވުމުން ޚަރަދު ވަރަށް ބޮޑަށް ކުޑަވާނެ ކަމަށާއި ތިމާވެއްޓަށް ލިބޭ ގެއްލުންތައް ވެސް ކުޑަކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެންމެ ދުވަހެއްގެ ކުޑަ ވަގުތުކޮޅަކަށް ބޭނުންކުރުމަށްފަހު އެއްލައިލަންޖެހޭ އެތައް ހާސް ވޯޓު ކަރުދާސް، ޑިޖިޓަލް ނިޒާމުގެ ސަބަބުން ސަލާމަތްކުރެވޭނެކަން ފާހަގަކުރައްވައި ފުއާދު ވަނީ ޕީއެންސީން ދެއްކި މި މަގަށް އެހެން ޕާޓީތަކުން ވެސް ތަބާވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ފުއާދުގެ އިތުރުން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިސްބޭފުޅުން މިފަހަކަށް އައިސް ގެންދަވަނީ އީވޯޓިންގެ ނިޒާމަށް ދިއުމަށް ގޮވާލަމުންނެވެ. ނަމަވެސް މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އޮޅުވާލުމަށްޓަކައި މިސަރުކާރުން ފަށާފައިވާ ހީލަތްތެރި ރޭވުމެއް ކަމަށް ސިޔާސީ އިދިކޮޅު ބައެއް އިސް ބޭފުޅުންނާއި ބައެއް އާއްމު ރައްޔިތުން ދަނީ ތުހުމަތު ކުރަމުންނެވެ.










