ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒު އަށް ރިޔާސީ ޓިކެޓު ދިނުމަށް ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްފި
17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 07:142028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ރައީސް މުއިއްޒު އަށް ދިނުމަށް ޕީއެންސީގެ ކޮންގްރެސްއިން ފާސްކުރީ އެމަނިކުފާނުގެ ޚިދުމަތްތަކުގެ އަގުވަޒަންކުރުމަށް. ނަމަވެސް، ތަކެތީގެ އަގުބޮޑުވުމާއި މަޝްރޫއުތައް ހުއްޓިފައިވުމުގެ އިތުރުން، މި ނިންމުމަކީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީއަށް ހުރަސްއެޅޭ ކަމެއް ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައި


ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ކޮންގްރެސް | ޕީއެންސީ
ޕްރައިމަރީއަކާ ނުލައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ދިނުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު ފާސްކޮށްފި އެވެ.
މި ގަރާރު އެޕާޓީގެ މަތީ މަޖިލިސް ކޮންގްރެސްއަށް ހުށަހަޅާފައިވަނީ ޕާޓީގެ މެންބަރު އަބްދުﷲ އިބްރާހީމް އެވެ.
ބުރާސްފަތި ދުވަހު ކޮންގްރެސްގައި މި ގަރާރު ފާސްކުރީ، ކޮންގްރެސްގަައި ބައިވެރިވި 1119 މެމްބަރުންގެ އިއްތިފާގުންނެވެ. ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދިނުމާ ގުޅޭގޮތުން މަޖިލީހަށް ހުށަހެޅި ގަރާރުގެ ބަހުސްގައި މިހާރުގެ ނައިބްރައީސް ހުސައިން މުޙައްމަދު ލަތީފުވެސް ވަނީ އެކަމަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވާފަ އެވެ.
ގަރާރުގައި ބުނެފައިވަނީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ފަދަ ގައުމީ ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ރައްޔިތުންނަށް ދަތިނުވާނޭހެން ގައުމުގެ ދަރަނިތައް ޒިންމާދާރުކަމާއެކު އަދާކުރައްވަމުން ގެންދަވާކަމަށް ވެސް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
ގަރާރުގައި އިތުރަށް ބުނެފައިވަނީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގައުމުގެ މިނިވަންކަމާއި އިގްތިސާދާއި އިޖުތިމާއީ ދުޅަހެޔޮކަމަށްޓަކައި ކޮށްދެއްވަމުން ގެންދަވާ އަގުހުރި ހިދުމަތްތައް ބަލައިގަނެ، އެކަންކަން ފާހަގަކުރުމުގެ ގޮތުން އެމަނިކުފާނަށް ޕްރައިމަރީއަކާއި ނުލައި ޓިކެޓު ދޭން ޖެހޭކަމަށެވެ.
ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ޒުވާނުންނާއި އަންހެނުން އިގްތިސާދީ ގޮތުން ބާރުވެރިކުރުވުމާއި، ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ރަސްމާލެ ފަދަ ބިޔަ މަޝްރޫއުތައް ފެށުން ހިމެނޭކަމަށް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. އަދި ސިއްހީ ދާއިރާ ތަރައްގީކުރުމާއި، އިސްރަށްވެހިންނަށް ހައްގު ގަދަރާއި ރައްކާތެރިކަން ހޯދައިދިނުމުގައި ދައްކަވާ އިސްނެންގެވުމަކީ ގައުމަށް ނަމޫނާއެއްކަމަށް ވެސް ގަރާރުގައި ބުނެފައިވެ އެވެ.
ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގައުމުގެ ތަރައްގީއަށާއި ރައްޔިތުންގެ ދިރިއުޅުން ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވަ އެވެ. މީގެ ތެރޭގައި ގައުމުގެ މިނިވަންކަން ދެމެހެއްޓުމާއި، އިގްތިސާދު ހަރުދަނާކުރުމާއި، އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހިމެނެ އެވެ.
މި ގަރާރު ހުށަހަޅާފައިވަނީ ސަރުކާރުގެ ސިޔާސަތުތަކަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ޕީއެންސީގެ ސެނެޓަށް މި ގަރާރު ހުށަހަޅާފައިވަނީ ރައީސް މުއިއްޒުނއަށް ދެވަނަ ދައުރެއް ކަށަވަރުކޮށްދިނުމުގެ މަގުސަދުގަ އެވެ. ނަމަވެސް، މި ފިޔަވަޅަކީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީއަށް ހުރަސްއެޅޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގައުމުގެ ހާލަތު ގޯސްވަމުންދާ ކަމަށް ބުނެ އާންމުންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ.
ޚާއްސަކޮށް ރަށްރަށުގައި ކުރިއަށްދިޔަ ތަރައްޤީގެ މަޝްރޫއުތައް ހުއްޓިފައި އޮތުމާއި، ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވަމުންދިއުމަކީ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއެވެ. މީގެ އިތުރުން، ބޭންކުތަކުން ޑޮލަރު ލިބުމުގެ ދަތިކަމާއި، ސިއްހީ ނިޒާމުގެ ތެރެއިން ޒަރޫރީ ބޭސް ނުލިބުމުގެ މައްސަލަ ބޮޑުވެ، ރައްޔިތުން ތިބީ އިންތިހާއަށް މާޔޫސްވެފަ އެވެ.
ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން މުވައްޒަފުން ނުޙައްޤުން ވަކިކުރަމުންދާ މައްސަލައަކީ ވެސް މި ސަރުކާރަށް އޮތް އިތުބާރު ކުޑަވެފައިވާ ސަބަބެކެވެ. ސިޔާސީ ބޭނުމަށްޓަކައި ގިނަ އަދަދެއްގެ ބަޔަކު ވަޒީފާއިން ވަކިކުރަމުންދާއިރު، ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން ހުރަސްތައް ކުރިމަތިކުރަމުންދާ ކަމުގެ ތުހުމަތުތައް ވަނީ ބޮޑުވެފަ އެވެ.
މިފަދަ ގިނަ މައްސަލަތަކަކާ ގުޅިގެން ސަރުކާރު ދެކެ ރައްޔިތުން ފޫހިވެފައިވާ ދަނޑިވަޅެއްގައި، ޕްރައިމަރީއަކާ ނުލައި ރިޔާސީ ޓިކެޓު ދިނުމަށް މަސައްކަތް ކުރުމަކީ ރައްޔިތުންނަށް ވެވޭ ބޭއިންސާފެއްކަމަށް ގިނަ ބަޔަކު ދެކެ އެވެ.











