ބޮޑުވަޒީރު މޯދީގެ ވައުދާ އެއްގޮތަށް ކެރެލާ ސްޓޭޓުން ރާއްޖެއަށް 1،200 ގަސް ހަދިޔާކޮށްފި
3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 15:06އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ވެވަޑައިގެންނެވި ވައުދުގެ ދަށުން، ކެރެލާ ސްޓޭޓުން ހަދިޔާކުރި 600 އަނބުގަހާއި 600 ހައިވަކަރު ގަސް ތިރުވަނަންތަޕޫރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓާ މިހާރު ވަނީ ހަވާލުކޮށްފައި. މީގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ކެރެލާ ސްޓޭޓް ސަރުކާރުން ބުނޭ

ކެރެލާގެ ފޮރެސްޓް ޑިޕާޓްމަންޓުން ހަދިޔާކުރި 1,200 ގަސް މުގުރާ، އިންޑިއާގެ ތިރުވަނަންތަޕޫރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލް އާމިނަތު ޝިފާނާއާ ހަވާލުކުރަނީ | މޯލްޑިވްސްއިންޓްރިވެންޑްރަމް
ދިވެހި ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާގެ ކެރެލާ ސްޓޭޓުން ރާއްޖެއަށް 1،200 ގަސް ހަދިޔާކޮށްފި އެވެ.
ތިރުވަނަންތަޕޫރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓްގައި ބޭއްވި ރަސްމިއްޔާތެއްގައި، 600 އަނބުގަހާއި 600 ހައިވަކަރު (ޓީކް) ރާއްޖެއާ ހަވާލުކޮށްދެއްވީ ކެރެލާގެ ފޮރެސްޓް މިނިސްޓަރު ޝިބޫ ބޭބީ ޖޯން އެވެ. ރާއްޖޭގެ ފަރާތުން މި ގަސްތަކާ ހަވާލުވެވަޑައިގަތީ ކޮންސުލް ޖެނެރަލް އާމިނަތު ޝިފާނާ އެވެ.
މި މަޝްރޫއަށް ހަދިޔާކުރި އަނބުގަސްތަކަކީ ވެލަޔާނީގައި ހުންނަ ކޮލެޖް އޮފް އެގްރިކަލްޗަރުން ހޯދާފައިވާ ގަސްތަކެކެވެ. އަދި ހައިވަކަރު ގަސްތައް ހޯދާފައިވަނީ ކުލަތުޕުޒާގައި ހުންނަ ސެންޓްރަލް ނާސަރީންނެވެ. ރާއްޖެއަށް އުފުލުމުގެ ތެރޭގައި ގަސްތަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށްޓަކައި، މި ގަސްތައް ބަންދުކޮށްފައިވަނީ ހާއްސަ އިންތިޒާމެއްގެ ދަށުން ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކެރެލާގެ މިނިސްޓަރު ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ މިފަދަ މަސައްކަތެއްގައި ބައިވެރިވުމަކީ ކެރެލާއަށް ލިބޭ ފަހުރެއް ކަމަށެވެ.
މި ގަސްތަކަކީ، މިދިޔަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރާއްޖޭގެ ގަސް އިންދުމުގެ މަޝްރޫއަށް އެހީތެރިވެދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދުގެ ދަށުން ހަދިޔާކުރި ގަސްތަކެކެވެ.











