ލިބޭ ކޮންމެ 100 ރުފިޔާއަކަށް މުއިއްޒު ގެންދަވަނީ 104 ރުފިޔާ ޚަރަދު ކުރައްވަމުން
4 ސެޕްޓެމްބަރު 2026 | ހުކުރު 16:16ދައުލަތުގެ އާމްދަނީއަށްވުރެ ޚަރަދުތައް ދެގުނަ ހަލުވިމިނެއްގައި އިތުރުވުމުގެ ސަބަބުން، މިއަހަރުގެ އޮގަސްޓް 20 އާ ހަމައަށް ބަޖެޓު 1.13 ބިލިއަން ރުފިޔާއިން ވަނީ ދަރަނިވެފައި. ރިކަރަންޓް ޚަރަދުތަކާއި ސަބްސިޑީއަށް ކުރާ ހޭދަ ބޮޑުތަނުން އިތުރުވެފައިވާއިރު، ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ހޭދަ މިދިޔަ އަހަރާ އަޅާބަލާއިރު 29 އިންސައްތަ ވަނީ ދަށްވެފައި

ރިޔާސީ އިންތިޚާބަށްފަހު، 2023 އޮކްޓޫބަރު 2 ވީ ހޯމަ ދުވަހު މާލޭގައި ސަޕޯޓަރުންނާ ބައްދަލުކުރައްވައި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން އިންތިޚާބުވެވަޑައިގަތް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ | ގެޓީ އިމޭޖަސް
ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބޭ ކޮންމެ 100 ރުފިޔާ އަކަށް 104 ރުފިޔާ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ހޭދަކުރާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ހާމަވެއްޖެ އެވެ.
ފިނޭންސުން ހާމަކުރި 2026 ވަނަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހާއި ބައިގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދައުލަތުގެ އާމްދަނީއަށްވުރެ ޚަރަދުތައް ދެގުނަ ހަލުވިމިނެއްގައި އިތުރުވެފައިވާކަން ވަނީ ހާމަވެފަ އެވެ. މީގެ ސަބަބުން، މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ބަޖެޓު ސާޕްލަސްއެއްގައި ނުވަތަ އިތުރުވެފައި އޮތް ނަމަވެސް، މިއަހަރު ވަނީ 1.13 ބިލިއަން ރުފިޔާއިން ބަޖެޓު ދަރަނިވެފަ އެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން އާންމުކޮށްފައިވާ ހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ޖެނުއަރީ 1 އިން އޮގަސްޓް 20 ގެ ނިޔަލަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 27.61 ބިލިއަން ރުފިޔާ އެވެ. ނަމަވެސް، ހަމަ މި މުއްދަތުގެ ތެރޭގައި ހިނގާފައިވާ ޚަރަދާއި ކެޕިޓަލް ޚަރަދުގެ ޖުމްލަ ވަނީ 28.74 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.
ޚަރަދުތައް ކުރުން އިތުރުވެފައިވާއިރު، އަނެއްކޮޅުން ދައުލަތަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2.61 ބިލިއަން ރުފިޔާ ނުވަތަ 10.4 އިންސައްތަ އިތުރުވެފަ އެވެ. ނަމަވެސް، އާމްދަނީއަށްވުރެ ބޮޑަށް ޚަރަދުތައް ވަނީ 4.65 ބިލިއަން ރުފިޔާ ނުވަތަ 19.3 އިންސައްތަ އިތުރުވެފަ އެވެ.
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 78 އިންސައްތަ ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ލިބުނު 21.48 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް 20 އާ ހަމައަށް ލިބުނު 19.16 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 12.1 އިންސައްތައިގެ ކުރިއެރުމެކެވެ.
އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީ.އެސް.ޓީ) އެވެ. އެގޮތުން ޖީ.އެސް.ޓީގެ ގޮތުގައި 10.92 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ ތެރެއިން 7.39 ބިލިއަން ރުފިޔާއަކީ ފަތުރުވެރިކަމުގެ ދާއިރާގެ ޖީ.އެސް.ޓީ (ޓީ-ޖީ.އެސް.ޓީ) އެވެ. އަދި އާންމު ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވަނީ 3.53 ބިލިއަން ރުފިޔާ އެވެ.
ވިޔަފާރިއާއި މުދަލުން ނަގާ ޓެކުހުގެ އާމްދަނީ 20.5 އިންސައްތަ އިތުރުވެ 5.55 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 1.87 ބިލިއަން ރުފިޔާއިން 2.19 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީއަށް އައިސްފައިވަނީ ވަރަށް ކުޑަ ކުރިއެރުމެކެވެ. އެގޮތުން އެ އާމްދަނީ 0.9 އިންސައްތަ އިތުރުވެފައިވަނީ 5.67 ބިލިއަން ރުފިޔާއަށެވެ. އެކި ކަންކަމަށް ނަގާ ފީއާއި ޗާޖުތަކުން ލިބުނު އާމްދަނީ 11 އިންސައްތަ ދަށްވެ 2.3 ބިލިއަން ރުފިޔާއަށް ވެއްޓިފައިވާއިރު، މި އުނިވުން ކޮންމެވެސް ވަރަކަށް ފޫބައްދާފައިވަނީ ދައުލަތުގެ މުދަލާއި، ރިސޯޓު ކުއްޔާއި، ބިމާ ގުޅޭ ފައިސާއިން ލިބުނު އާމްދަނީ އިތުރުވުމުންނެވެ.
ދައުލަތުގެ މާލިއްޔަތަށް އެންމެ ބޮޑު ބުރައެއް އުފުލަން ޖައްސާފައިވަނީ ދައުލަތް ހިންގުމަށް، ނުވަތަ ރިކަރަންޓް ޚަރަދުތައް ކުރުމަށެވެ. މީގެ ތެރޭގައި މުވައްޒަފުންގެ މުސާރަ، ޕެންޝަން، ސަބްސިޑީ، އެހީގެ ފައިސާ އަދި އިދާރީ ހިންގުމުގެ ޚަރަދުތައް ހިމެނެ އެވެ.
ރިކަރަންޓް ޚަރަދުތައް 20.8 އިންސައްތަ އިތުރުވެ، ގާތްގަނޑަކަށް 25 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ދައުލަތުގެ ޖުމްލަ ޚަރަދުގެ 87 އިންސައްތަ އެވެ. އިމާރާތްތަކާއި، މެޝިނަރީ އަދި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިމެނޭ ކެޕިޓަލް ޚަރަދަށް ހޭދަވެފައިވަނީ ބާކީ ހުރި 13 އިންސައްތަ ނުވަތަ 3.75 ބިލިއަން ރުފިޔާ އެވެ.
އިދާރީ އަދި ހިންގުމުގެ ޚަރަދުތައް ވަނީ 27 އިންސައްތަ އިތުރުވެ 15.54 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.
އެކި ފަރާތްތަކަށް ދޭ އެހީއާއި ސަބްސިޑީއަށް 8.47 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 43 އިންސައްތައިގެ އިތުރުވުމެކެވެ. ވަކިން ހާއްސަކޮށް ސަބްސިޑީއަށް ކުރި ސީދާ ހޭދަ ވަނީ 2.01 ބިލިއަން ރުފިޔާއިން 3.54 ބިލިއަން ރުފިޔާއަށް، ނުވަތަ 76.3 އިންސައްތައަށް އިތުރުވެފަ އެވެ.
ހިންގުމުގެ ޚަރަދުތަކަށް ބަޖެޓުގެ ބޮޑުބައި ހޭދަކުރަމުން ގެންދާއިރު، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ނުވަތަ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) އަށް ކުރި ހޭދަ ވަނީ މިދިޔަ އަހަރުގެ 5.32 ބިލިއަން ރުފިޔާއިން މިއަހަރު 3.77 ބިލިއަން ރުފިޔާއަށް، ނުވަތަ 29.1 އިންސައްތަ ދަށްވެފަ އެވެ.
ހިސާބުތަކުގައިވާ ގޮތުން، އޮގަސްޓް 10 ގެ ނިޔަލަށް ދައުލަތުން ދޫކޮށްފައިވާ ސެކިއުރިޓީޒްގެ އަދަދު ހުރީ 99.01 ބިލިއަން ރުފިޔާގަ އެވެ. މީގެ ތެރޭގައި ޓްރެޜަރީ ބިލާއި ބޮންޑު ފަދަ، ދައުލަތުން ފައިސާ ހޯދުމަށް ބޭނުންކުރާ ވަސީލަތްތައް ހިމެނެ އެވެ. މި އަދަދުތަކުން ސަރުކާރުން ނަގާފައިވާ އެތެރޭގެ ދަރަނީގެ ބޮޑުމިން ހާމަވެ އެވެ.
މުޅި އަހަރުގެ ބަޖެޓަށް ބަލާއިރު، އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 40.37 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ޚަރަދު ހުންނާނެ ކަމަށް ބެލެވެނީ 49.21 ބިލިއަން ރުފިޔާގަ އެވެ. އޮގަސްޓް 20 އާ ހަމައަށް ސަރުކާރަށް ލިބިފައިވަނީ އަހަރަށް ލަފާކުރި އާމްދަނީގެ 68.4 އިންސައްތަ އެވެ. އަދި ޚަރަދުކޮށްފައިވަނީ ބަޖެޓުގައި ކަނޑައެޅި ޖުމްލަ ޚަރަދުގެ 58.4 އިންސައްތަ އެވެ.










