ޤައުމު ސަލާމަތްކޮށް ތަނަވަސްކަން ހޯދައިދެވޭނެ އެންމެ ގާބިލު ލީޑަރަކީ ޝާހިދު: އަހުމަދު އަބްދުﷲ
5 ސެޕްޓެމްބަރު 2026 | ހޮނިހިރު 18:35ރާއްޖޭގެ އިގުތިސާދީ ހާލަތު ގޯސްވެފައިވާ މިދަނޑިވަޅުގައި، ގައުމު ސަލާމަތްކުރުމަށްޓަކައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޝާހިދަށް ފުރުސަތު ދެއްވުމަށް އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އަބްދުﷲ ގޮވާލައްވައިފި. އޭނާ ވިދާޅުވީ ޝާހިދަކީ އެކި ފިކުރުތަކުގެ މީހުންނާއެކު މަސައްކަތްކުރައްވާ ނަތީޖާ ނެރެދެއްވާފައިވާ ގާބިލު ލީޑަރެއް ކަމަށާއި މިހާރުގެ ސަރުކާރުން ގައުމުގެ ނިޒާމު ހަލާކުކޮށްލާފައިވާ ކަމަށް


'ޝާހިދު 2028' ކުޅުދުއްފުށި ސިޓީގައި ބޭއްވި ޖަލްސާގައި އަހުމަދު އަބްދުﷲ ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ
ދިވެހިރާއްޖެ މިހާރު ވެއްޓެމުންދާ އިގުތިސާދީ ފުން އަނދަވަޅުން ޤައުމު ސަލާމަތްކޮށް، ރައްޔިތުންނަށް ތަނަވަސްކަމާއި ފުދުންތެރިކަން ހޯދައިދެވޭނެ އެންމެ ގާބިލު ލީޑަރަކީ އަބްދުﷲ ޝާހިދު ކަމަށް އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއަރޕާސަން އަދި އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ހޮނިހިރު ދުވަހުގެރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި "ޝާހިދު 2028" ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އަހްމަދު އަބްދުﷲ ވިދާޅުވީ، ރިޔާސީ ޕްރައިމަރީގެ ދަތުރު އައްޑޫ ސިޓީ އިން ފެށިގެން ކުޅުދުއްފުށި ސިޓީއާ ހަމައަށް އައިއިރު މުޅި ޓީމަށް ބޮޑު އާރޯކަމަކާއި ޖޯޝެއް ލިބިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އެކި ފަންތީގެ، އެކި ގިންތީގެ ތައުލީމީ އަދި ފަންނީ ބޭފުޅުން ޝާހިދުގެ ޓީމާ ގުޅިވަޑައިގަންނަވަމުންދާ ކަމަށާއި، މި ޓީމު ކުރިއަށް ދަނީ ވަރަށް ބާރު ދުވެއްޔެއްގައި ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ޤައުމުގެ މިހާރުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން އަހްމަދު އަބްދުﷲ ވިދާޅުވީ، މިހާރު އޮތް ސަރުކާރުގެ އަނިޔާވެރިކަމުން ރައްޔިތުންނަށް ލިބޭ ގެއްލުންތަކުންނާއި ޤައުމު ވެއްޓެމުންދާ އިގުތިސާދީ ފުން އަނދަވަޅުން ސަލާމަތްކުރަން ޖެހޭ ކަމަށެވެ. އެގޮތުން ޤައުމީ ޒިންމާއެއްގެ ދަށުން، އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަންކަމުން އިސްތިއުފާދެއްވައި، ޝާހިދުގެ ކެމްޕޭނަށް ނުކުމެވަޑައިގަތީ އެ ސަބަބަށްޓަކައި ކަމަށާއި، މި މަސައްކަތުގައި އެންމެ ފިޔަވަޅެއް ވެސް ފަހަތަށް އަޅުއްވަން ނުވިސްނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑުމެންނަށް ފެންނަން މިހުރީ އަމަލީ ގޮތުން ނަތީޖާ ދައްކަވާފައިވާ ލީޑަރެއް. އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި އިރު، މުޅި ރާއްޖެއަށް މިސާލު ދައްކަވައި، ފަޚުރުވެރި ކާމިޔާބީތަކެއް ހޯއްދަވައިދެއްވި. ފޮރިން މިނިސްޓްރީ ހިންގެވީ ވެސް ހަމަ އެފަދަ ފުރިހަމަކަމާއެކު. ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވި އިރު، ތަފާތު ފިކުރުތަކުގެ ބޭފުޅުންނާއެކު އެއް މޭޒެއްގައި މަސައްކަތް ކުރައްވައި ނަތީޖާ ނެރެދެއްވިއަހުމަދު އަބްދުﷲ
އަދި ހަމައެއާއެކު، ރުހޭ މީހާއާއި ނުރުހޭ މީހާއާ ވެސް މަޝްވަރާކުރައްވައިގެން އެންމެން ގޮވައިގެން ކުރިއަށް ވަޑައިގަތުމުގެ ޤާބިލުކަން ހުރި ހަމައެކަނި ލީޑަރަކީ ޝާހިދު ކަމަށާއި ރާއްޖެއަށް މިއަށްވުރެ ވަކިން މޮޅު ގޮތެއް ދެން ނުފެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިހާރުގެ ހާލަތަށް އިޝާރާތް ކުރައްވަމުން އޭނާ އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު "އެލް-ބޯޑު" އަޅުއްވައިގެން ވެރިކަން ކުރައްވާތާ ތިން އަހަރު ވެގެން ދިޔައިރު، އެޅިހައި ބިންގާތައް ހަލާކުވެ، ޖެހިހާ ތަނބުތައް ދަބަރަށްވެ، ޤައުމުގެ މުޅި ނިޒާމު ހަލާކުވެ ރައްޔިތުންގެ ދިރިއުޅުން ދެކޮޅުނުޖެހޭ ހާލަތަށް ގޮސްފައިވާ ކަމަށެވެ. އެހެންކަމުން، ދިވެހިރާއްޖެއަށް ލިބިފައިވާ "ޖަވާހިރެއް" ފަދަ ގާބިލު ލީޑަރެއްގެ ބޭނުން ހިފައި، ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޝާހިދަށް ފުރުސަތު ދެއްވުމަށް އަހްމަދު އަބްދުﷲ ވަނީ ރައްޔިތުންނަށް ގޮވާލައްވާފަ އެވެ.











