މި ސަރުކާރުން ލައްކަ ގިނަ ކަންކަން އެބަކުރޭ، އެކަމަށް ކިޔަނީ ވައްކަން: ޝާހިދު
5 ސެޕްޓެމްބަރު 2026 | ހޮނިހިރު 17:57ރާއްޖޭގެ އިގުތިސާދާއި ސިއްހީ ނިޒާމު ބޮއްސުންލައި، ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާތީ އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ސަރުކާރުގެ ހިންގުންތެރިކަން ކުޑަވުމުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށާއި ޚާރިޖީ ގުޅުންތައް ބަދަހިކޮށްގެން ގައުމުގެ ހާލަތު ރަނގަޅު ކުރެވޭނެ ކަމަށް


ހޮނިހިރު ދުވަހުގެރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި "ޝާހިދު 2028" ޖަލްސާގައި، އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަފުޅު ދައްކަވަނީ | ރާއްޖެއެމްވީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ލައްކަ ގިނަ ކަންކަން ކުރަމުންދާ ކަމަށާއި އެކަމަށް ކިޔަނީ ވައްކަން ކަމުގައި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހުގެރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި "ޝާހިދު 2028" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވަނީ މި ރާއްޖޭގެ ކަންކަން ބޮއްސުންލައިގެން ގޮސް، މުޅި އިގުތިސާދު ހަލާކުވެ، ރައްޔިތުން އުޅެމުންދާ ދަތި ހާލަތަށް އަލިއަޅުއްވާލައްވާފަ އެވެ.
އެގޮތުން ރާއްޖޭގެ ސިއްހީ ނިޒާމު އޮތް ހާލަތާއި ފަތުރުވެރިކަމާއި ރައްޔިތުންގެ އާންމު ހާލަތު ދަށަށް ގޮސްފައިވާ މިންވަރު އެނގިވަޑައިގަންނަވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ހިތާމަވެރި ހަގީގަތް ބަދަލު ކުރެވޭނީ ރަސްމާލެ ނޫން ގޮތެއް އަދި ބިއްލޫރި ޓަނަލް ނޫން ގޮތެއް އެބައޮތްކަން ގަބޫލުކުރާ ސަރުކާރެއް ދިވެހިރާއްޖޭގައި އޮވެގެން ކަމަށެވެ. އެ ސަރުކާރު ވެގެންދާނީ އެމަނިކުފާނުގެ ސަރުކާރަކަށް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެމަނިކުފާނުގެ ޚާރިޖީ ވަޒީރުކަމުގައި ޕްލޭނެއް އޮވެގެން ކުރެހި ކުރެހުމެއް ކަމަށެވެ. އަދި ފައިސާ ހޯދައި، އެ މަސައްކަތް ތަރުތީބު ކުރީ އެމްޑީޕީގެ ސަރުކާރުން ކަމަށާއި އެހެން ނަމަވެސް މި ސަރުކާރާއެކު އެ ބޮޑު ތަސައްވަރު ހުރީ ފަޅަށް ކަމުގައި ޝާހިދު ވިދާޅުވި އެވެ. އަދި ވިދާޅުވީ މޫސުމީ ގޮތުން އެ ސަރަހައްދަށް އަންނަ ގުޑުގުޑާ ދޫންޏެއް ވެސް އެތަނަށް ނުޖައްސާ ކަމަށެވެ.
މި ސަރުކާރުން އެބަ ކުރޭ ކަންކަން. ލައްކަ ގިނަ ކަންކަން. އިންތިޒާމުވެގެން އެކަން އެ ކުރަނީ ވެސް. އެކަމަށް ކިޔަނީ ވައްކަން. ވާދައަށް ވެސް ކުރަނީ ވައްކަން. އެ ނޫންކަމެއް ކުރާތަނެއް ނުފެނޭ. އެކަން ކުރާލެއް މުރާލި ވެސް މެ. ހީވާގިވެސް މެ. އެކަން ކުރާލެއް މުރާލިކަމުން އެހެން ކަމެއް ކުރަން ހަނދާނެއް ވެސް ނުވޭ. އެހެން ނޫން ނަމަ މި އެއާޕޯޓް ނިމެންވާއިރަށް މި ސަރަހައްދުގައި އަޅަންޖެހޭ ޓޫރިޒަމް އެނދުތައް ހުންނާނީ އަޅައި ނިމިފައިއަބްދުﷲ ޝާހިދު
ޝާހިދު ވިދާޅުވީ ގައުމުގެ ހާލަތު ރަނގަޅު ކުރެވޭނެ އެތައް ގޮތެއް އެބައޮތް ކަމަށެވެ. އަދި އެކަން ކުރުމަށް ރޮކެޓް ސައިންސް ބޭނުން ނުވާ ކަމަށާއި ދޭދޭ ގުޅުންތަކާއި ޒަމާންވީ ޑިޕްލޮމަސީގެ އެހީގައި ގައުމުގެ ހާލަތު ރަނގަޅު ކުރެވިދާނެ ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން މި ހުރިހާ ކަމެއް އެއްފަރާތް ކުރުމަށްފަހު، ހުވާކުރުމުގެ ރަސްމިއްޔާތާ އެކު ފެށި މަސައްކަތަކީ ކައިރި ގައުމުތަކަށް ބަދުބަސް ބުނުން ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޚާއްސަކޮށް ދިވެހީންގެ އެންމެ އަވައްޓެރި އަދި އެންމެ ރަހުމަތްތެރި ގައުމުގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީގެ މާލި ހަދައިގެން މަގުމަތީގައި ހިނގައި ފުރައްސާރަ ކުރި ކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން ވެސް އެމަނިކުފާނުގެ މި ސަރުކާރުން ވަނީ މުޅި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ހަލާކު ކުރުމުގެ މަސައްކަތް ފަަށާފައި ކަމަށެވެ.
މީގެއިތުރުން މިއަދު މި ގައުމުގައި އެއްވެސް މަޝްރޫއެއް ނުހިނގާ ކަމަށާއި އެއީ ބޯހިޔާވަހިކަން ވިޔަސް، މަގުހެދުން ކަމަށް ވިޔަސް އަދި ކަރަންޓުގެ މަސައްކަތް ކަމަށް ވިޔަސް ހުރިހާ މަސައްކަތެއް ހުރީ ހުއްޓި ގައުވެފައި ކަމަށް ޝާހިދު ވިދާޅުވި އެވެ. ނަމަވެސް މި ކަންކަމަށް ނިމުމެއް ގެންނަވައި، އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ނުނިމި ހުރި މަޝްރޫއެއް ނިންމަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
މިއަދު ދިވެހީން މި ދެކެނީ ދިވެހި ތާރީޚުގައި ވެސް މިސްމެނޭޖްޑް ކްރައިސިސް އިކޮނޮމީއެއް. ހިންގަން ނޭނގި ހަލާކު ކޮށްލާފައިވާ އިގުތިސާދެއް. ކޮންމެ ދުވަހަކު ޕޮލިސީ އެބަ ބަދަލު ވޭ. ހުރިހާ ބަޔަކާ ކުރަނީ ޖަދަލު. ޑޮލަރުގެ އަގު ދަނީ މައްޗަށް، އިންފްލޭޝަން ދަނީ މައްޗަށް، ބާޒާރުގެ އަގުތައް ދަނީ މައްޗަށް. ބުރަ މަސައްކަތްކޮށްގެން ރައްޔިތުން ހޯދާ ފައިސާ އިސްރާފު ކުރަނީ ސިޔާސީ މުވައްޒަފުންނަށް. ބުރަ މަސައްކަތުން ރައްޔިތުން ހޯދާ ފައިސާ އިސްރާފު ކުރަނީ ސިޔާސީ އިސްރާފަށް. ޗާލާކީ ޕްރޮޖެކްޓަކަށް. މިހެންވުމުން ރައްޔިތުންނާއި މުވައްޒަފުންނާއި އިންވެސްޓަރުންނަށް ސަރުކާރުން މި ކިޔާ ލަވަޔާ ކުޅޭ ރާގާއި ޖަހާ ބެރަކާ ދިމަލެއް ނުވޭ. ހަގީގަތަކީ ސަރުކާރު ހިންގަން ހަމަ ނޭނގެނީ. އެއްގޮތަކަށް ވެސް ނޭނގެނީއަބްދުﷲ ޝާހިދު
ޝާހިދު ވިދާޅުވީ މި ސަރުކާރުން އެމްޑީޕީ އާއި ސަރުކާރާ އިދިކޮޅު ޚިޔާލުތަކުގެ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުންދާ ދިއުމަކީ ގޯހެއް ކަމަށެވެ. އަދި މިހާރުން މިހާރަށް އެކަން ހުއްޓާލަން ޖެހޭ ކަމަށާއި ދިވެހި ރައްޔިތުން ނިކަމެތިކޮށްފައި ކުރާނެ ވެރިކަމެއް ނޯންނާނެ ކަމަށެވެ.
ދެން ވެސް އަނެއްކާ މި ގައުމުގައި ވެރިކަން ކުރާނީ އެމްޑީޕީ ކަމަށާއި، އެމްޑީޕީ އިން ފުދުންތެރި، އުއްމީދީ ބަދަލުތަކާއެކު ވެރިކަން ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި އެކަމަށްޓަކައި ހުރިހާ އެންމެންގެ ތާއީދު ބޭނުންވެވަޑައިގަންނަވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.











