އުމްރާގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި
2 އޯގަސްޓު 2026 | އާދީއްތަ 07:52އުމްރާގެ އަޅުކަމަށްފަހު އެނބުރި އަންނަ މީހުންގެ މެދުގައި އަރިދަފުސް ރޯގާ އާއި ހުން ފެތުރުން އިތުރުވާތީ، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. އެގޮތުން ބަލިވެ އުޅޭނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި ޑޮކްޓަރުގެ އިރުޝާދާ ނުލައި އަމިއްލައަށް ބޭސް ބޭނުން ނުކުރުމަށް ވެސް އެދިފައިވޭ


ހައްޖު ކޯޕްރޭޝަންގެ ހަވާލުގައި އުމްރާގެ އަޅުކަން އަދާ ކުރުމަށް ގޮސް ތިބި އުމްރާވެރިންތަކެއް | ސޯޝަލް މީޑިއާ
އުމްރާގެ އަޅުކަމަށް ފަހު އެނބުރި ރާއްޖެ އަންނަ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އާއްމުކޮށް ހައްޖާއި އުމްރާގެ މާތް އަޅުކަމަށް ފަހު، އެނބުރި އަންނައިރު ގިނަ ބަޔަކަށް އަރިދަފުސް ރޯގާ ޖެހެ އެވެ. އަދި އެ ދުވަސްވަރު ވަރަށް ބޮޑަށް ހުން ވެސް ރާއްޖޭގައި ފެތުރެ އެވެ.
އެކަމާއި ގުޅިގެން އާދިއްތަ ދުވަހު އެޗްޕީއޭއިން ބުނީ، އަރިދަފުސް ރޯގާ އަދި ވައިރަލް ހުމުން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ.
އެގޮތުން ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި ޚާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުން ނުދިއުމަށް އެދިފައިވެ އެވެ.
މީގެ އިތުރުން އުމްރާއިން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި ހުން އައުން، ކެއްސުން، ނޭވާލާން އުދަނގޫވުން، މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ މަޝްވަރާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެ އެވެ.
އެޗްޕީއޭއިން ބުނީ، ޑޮކްޓަރަށް ދައްކާއިރު، އުމްރާއިން އެނބުރި އައި މީހެއްކަމުގެ މައުލޫމާތު ދޭން ޖެހޭ ކަމަށާއި ޑޮކްޓަރަށް ނުދައްކައި އަމިއްލައަށް އެންޓިބަޔޮޓިކް ފަދަ ބޭސްތައް ބޭނުން ކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ.
ބަލިވެ އުޅޭ ނަމަ ގިނައިން ދިޔާތަކެތި ބުއިމަށާއި އެކަށީގެންވާ ވަރަށް އަރާމުކުރުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެ އެވެ. އަދި ބަލި ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގައި އާއްމު ރައްޔިތުންގެ ފަރާތުން އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ދިރާސީ އަހަރު ކިޔެވުމުގެ ފުރަތަމަ ޓާމުގެ ޗުއްޓީއާ ދިމާކޮށް، ޖުލައި މަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މެދުވެރިކޮށް 5،565 އަށް ވުރެ ގިނަ މީހުން ވަނީ އުމްރާގެ އަޅުކަމަށް ފުރާފަ އެވެ. އަދި މިއީ ފަހުގެ ތާރީހެއްގައި އެއް މަހެއްގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ ބަޔަކު އުމްރާއަށް ފުރި ފުރަތަމަ ފަހަރު ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ. މީގެ އިތުރުން މިފަހަރު އަމިއްލަ ޖަމާއަތަކުން ވަނީ އައްޑޫ ސިޓީން ވެސް ސީދާ ސައުދީ އަރަބިއްޔާއަށް އުމްރާވެރިން ގެންގޮސްފަ އެވެ.











