ރާއްޖޭގައި ބޭރަށްހިންގުމާއި ހޮޑުލުން އިތުރުވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
12 ސެޕްޓެމްބަރު 2026 | ހޮނިހިރު 11:54ރާއްޖޭގައި ބޭރަށްހިންގުމާއި ހޮޑުލުން އިތުރުވާތީ، ގިނައިން ދިޔާތަކެތި ބުއިމަށާއި، އަތްދޮވެ ސާފުތާހިރުކަމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކުރޭ. އަދި ހާލަތު ބޮޑުނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ބަލި ރަނގަޅުވާތާ 24 ގަޑިއިރު ވަންދެން ބޭރަށް ނުނިކުމެ ގޭގައި މަޑުކުރުމަށް އެ އެޖެންސީން އިރުޝާދު ދޭ


އައިޖީއެމް ހޮސްޕިޓަލް | ރާއްޖެއެމްވީ
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ދުވަސްވަރު ބޭރަށްހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ، އެކަމަށް އާންމުން ހޭލުންތެރިވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަރަށް ބޮޑަށް އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭއިން ވިދާޅުވީ، ބޭރަށްހިންގުމާއި ހޮޑުލުމުގެ އަލާމާތްތައް ފެނި، ސީރިއަސް ހާލަތަކަށް ގޮސްފިނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އެހީތެރިކަން ހޯދުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ.
އެގޮތުން ޑޮކްޓަރަށް ދައްކަންޖެހޭ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ގިނަގިނައިން ހޮޑުލެވުން، މާބޮޑަށް ވަރުދެރަވެ، ދިޔާތަކެތި ބޭނުންކުރެވޭ މިންވަރު މަދުވުން، ބޮލަށް އެނބުރުން އެރުން، އާދަޔާ ޚިލާފަށް ކަރުހިއްކުން، އާދަޔާ ޚިލާފަށް ބަނޑުގައި ރިއްސުން، ލެވޭ ހޮޑުގައި ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރުން، ކުޑަކަމުދެވޭ މިންވަރު އާދަޔާ ޚިލާފަށް މަދުވުން ހިމެނެވެ.
މި ބަލިން ރައްކާތެރިވުމަށާއި، ބަލިޖެހިއްޖެނަމަ ހަށިގަނޑުން ފެން މަދުވިޔަނުދިނުމަށްޓަކައި ލޮނުޕެކެޓާއި ފެނުގެ އިތުރުން ސޫޕް ފަދަ ފައިދާހުރި ދިޔާތަކެތި ގިނަގިނައިން ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފަ އެވެ. އަދި އަމިއްލަ ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން، ފާހާނާ ކުރުމަށްފަހުގައާއި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށާއި، ފާހާނާ ބޭނުންކުރުމަށްފަހު ރަނގަޅަށް ސެނިޓައިޒްކޮށް ސާފުކުރުމަށް ވެސް ވަނީ އަންގާފަ އެވެ.
މީގެއިތުރުން، މުޖުތަމައުގެ ތެރޭގައި އެހެން މީހުންނަށް ބަލި ފެތުރުން ހުއްޓުވުމުގެ ގޮތުން، ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަތާ 24 ގަޑިއިރު ނުވަތަ އެއް ދުވަސް ވަންދެން ކުދިން ސްކޫލަށް ނުފޮނުވުމަށާއި، ބޮޑެތި މީހުން ވެސް ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.










