އިންޑޮނޭޝިއާ ފެރީއެއްގައި އަލިފާން ރޯވުމުން 5 މީހަކު މަރު، 41 މީހުން ގެއްލިއްޖެ
2 އޯގަސްޓު 2026 | އާދީއްތަ 11:10އިންޑޮނޭޝިއާގެ ސުރަބާޔާ އިން މަކަސާރަށް ދަތުރުކުރި "ކޭއެމްޕީ މުތިއާރާ ސެންޓޯސާ 2" ފެރީގައި ރޯވި އަލިފާންގަނޑު މުޅި އުޅަނދަށް ފެތުރުމާ ގުޅިގެން، އޭގައި ތިބި މީހުން ސަލާމަތްވުމަށް ކަނޑަށް ފުންމާލާފައި. މަދޫރާ އައިލެންޑް ކައިރިން ހިނގި މި ހާދިސާގައި މީހުން ސަލާމަތްކުރުމަށް ކުދި ބޯޓުފަހަރު ހަރަކާތްތެރިވެފައިވާއިރު، ފެރީގައި ރޯވި ވަގުތު ގިނަ ބަޔަކު ތިބީ ލައިފް ޖެކެޓް އަޅައިގެން

ކޭއެމްޕީ މުތިއާރާ ސެންޓޯސާ 2 ފެރީގައި ރޯވެ ބޯ ދުންތަކެއް އަރަމުންދަނީ | ބަސަރްނާސް
އިންޑޮނޭޝިއާގައި މަދުވެގެން 250 މީހުންނާއެކު ދަތުރުކުރި ފެރީއެއްގައި ކަނޑުމަތިން އަލިފާން ރޯވުމުގެ ހާދިސާއެއް ހިނގައި، ފަސް މީހަކު މަރުވެ 41 މީހަކު ގެއްލިފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
އިންޑޮނޭޝިއާގެ ނޭޝަނަލް ސާޗް އެންޑް ރެސްކިއު އެޖެންސީ (ބަސަރްނަސް) އިން މައުލޫމާތު ދޭ ގޮތުގައި، މަދޫރާ އައިލެންޑް ކައިރިން މި ހާދިސާ ހިނގާފައިވަނީ އެ ގައުމުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ އީސްޓް ޖާވާގެ ސުރަބާޔާ އިން ސައުތު ސުލަވެސީގެ މަކަސާރަށް އެ އުޅަނދު ދަތުރުކުރަނިކޮށެވެ. މި ހާދިސާގެ ރިޕޯޓް ކޮށްފައިވަނީ އެ ފެރީގެ ކެޕްޓަނެވެ.
އިންޑޮނޭޝިއާގެ ޚަބަރު ފަތުރާ ވަސީލަތެއް ކަމަށްވާ "އައިނިއުސް" އިން އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ލައިފް ޖެކެޓް އަޅައިގެން ތިބި ގިނަ އަދަދެއްގެ ބަޔަކު ސަލާމަތްވާން ކުދި ބޯޓުފަހަރަށް އަރާފައިވެ އެވެ.
އެހެން ބައެއް ވީޑިއޯ ކްލިޕްތަކުން ފެންނަ ގޮތުގައި، ފެރީގެ މަތީބައިން ބޮޑެތި އަލިފާންގަނޑުތަކާއެކު ދުން އަރަމުންދާއިރު، މީހުން ފެރީން ތިރިއަށް ފައިބަމުންދެއެވެ.
ބަސަރްނަސްގެ ޓިކްޓޮކް އެކައުންޓުގައި އާންމުކޮށްފައިވާ ވީޑިއޯއަކާއެކު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ކޭއެމްޕީ މުތިއާރާ ސެންޓޯސާ 2" ނަމަކަށް ކިޔާ މި ފަސިންޖަރުން އުފުލާ އުޅަނދުގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ސުރަބާޔާ ސާޗް އެންޑް ރެސްކިއު އޮފީހަށް ލިބިފައިވަނީ އެ ގައުމުގެ ގަޑިން ހެނދުނު 08:24 (ޖީއެމްޓީން 02:24) ގަ އެވެ.
ބަސަރްނަސް އިން ފަހުން ބުނެފައިވާ ގޮތުގައި، އެ ފެރީގައި އެހީއަށް އެދި ތިބި މީހުން ސަލާމަތްކުރަންދެން އުޅަނދުގެ ބްރިޖާއި ކުރީކޮޅުގައި މަޑުކޮށްގެން ތިއްބާ، މުޅި ފެރީގައި ވަނީ އަލިފާން ހިފާފަ އެވެ.
އާންމުވެފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި، ބައެއް މީހުން ކަނޑަށް ފުންމާލަމުންދާއިރު، ލައިފް ޖެކެޓް އަޅައިގެން ތިބި ގިނަ ބަޔަކު އެއްތަނަކަށް ޖަމާވެފައިވެ އެވެ. އަދި ކަނޑަށް ފުންމާލި މީހުން ސަލާމަތްކުރާ ބޯޓަކަށް އެރުވުމުގެ ކުރިން، އެމީހުންނަށް ލައިފްބޯއީ އުކާ މަންޒަރުވެސް ފެނެ އެވެ.










