އިންޑޮނީޝިއާގެ ފްލޯރެސްއަށް އައި 7.7 ގެ ބާރުގަދަ ބިންހެލުމުގައި 5 މީހުން މަރު
15 އޯގަސްޓު 2026 | ހޮނިހިރު 05:41އިންޑޮނީޝިއާގެ ފްލޯރެސް އައިލެންޑަށް އައި 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި ފަސް މީހުން މަރުވެ، ގިނަ އިމާރާތްތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ. މި ހާދިސާއާ ގުޅިގެން ސުނާމީގެ އިންޒާރު ނެރުމަށްފަހު މިހާރު އުވާލާފައިވާއިރު، ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުން
އިންޑޮނޭޝިއާއަށް ރިކްޓަރ މިންގަނޑުން 7.7 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ | ސޯޝަލް މީޑިއާ
އިންޑޮނީޝިއާގެ ފްލޯރެސް އައިލެންޑްގެ އައްސޭރިފަށަށް ހޮނިހިރު ދުވަހުގެ ހެނދުނު އައި ބާރުގަދަ 7.7 މެގްނިޓިއުޑްގެ ބިންހެލުމަކާ ގުޅިގެން ގިނަ އިމާރާތްތަކަކަށް ގެއްލުންވެއްޖެ އެވެ. މި ބިންހެލުމުގެ ސަބަބުން ގިނަ ބަޔަކު ނިދާފައި ތިއްބާ ސިއްސައިގެން ގޮސް ހޭލަން ޖެހުނުއިރު، ގިނަ ބަޔަކު ވަނީ ބިރުން މަގުމައްޗަށް ނުކުމެފަ އެވެ.
މި ބިންހެލުމުގައި މަދުވެގެން ފަސް މީހަކު މަރުވެފައިވާ ކަމަށް އެ ސަރަހައްދުގެ ޕޮލިސް ޗީފް ރޫޑީ ދަރުމޯކޯ، ކޮމްޕާސް ޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. އޭނާ މި މައުލޫމާތު ހިއްސާކުރެއްވީ އެކި ސަރަހައްދުތަކުގެ ފުލުހުންގެ މަރުކަޒުތަކުން ލިބުނު ރިޕޯޓުތަކަށް ރިއާޔަތްކުރައްވަ އެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ އެ ގައުމުގެ ގަޑިން ހެނދުނު 6:00 ހާއިރު، އީސްޓް ނޫސާ ތެންގާރާ ޕްރޮވިންސްގެ އެންޑޭ ސިޓީގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 68 ކިލޯމީޓަރު ދުރަށެވެ. އަދި މި ބިންހެލުމަށްފަހު އިތުރު ލޮޅުންތަކެއް (އެފްޓާޝޮކްސް) ވެސް ވަނީ އައިސްފަ އެވެ.
އިންޑޮނީޝިއާގެ ނޭޝަނަލް ޑިޒާސްޓާ މިޓިގޭޝަން އެޖެންސީ (ބީއެންޕީބީ) އިން ބުނި ގޮތުގައި، ބިންހެލުމާ ގުޅިގެން ސުނާމީއެއް އުފެދިދާނެ ކަމަށް ބަލައި ކުރިން އިންޒާރު ނެރުނު ނަމަވެސް، ފަހުން ވަނީ އެ އިންޒާރު އުވާލާފަ އެވެ.
ޔޫއެސްޖީއެސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ގާތްގަނޑަކަށް ފަސް ލައްކަ މީހުންނަށް މި ބާރުގަދަ ބިންހެލުމުގެ އަސަރު ވަރަށް ބޮޑަށް ކުރި އެވެ. މި ބިންހެލުމުގެ ލޮޅުންތައް މުޅި ފްލޯރެސް އައިލެންޑަށް އިހުސާސް ކުރެވުނެވެ. ފްލޯރެސްއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ބާލީ ހިމެނޭ ސުންޑާ ރަށްތަކުގެ ތެރޭގައި ހިމެނޭ، ފެހިކަން ގަދަ ފަރުބަދަ ގިނަ ރަށެކެވެ. މި ރަށަކީ އަލިފާން ފަރުބަދައިގެ ކުލަގަދަ ފެންގަނޑުތަކާއި، ދުނިޔޭގެ އެންމެ ބޮޑު ބޮނޑުގެ ބާވަތް އުޅޭ ކޮމޯޑޯ ނޭޝަނަލް ޕާކަށް ދާން އޮންނަ މައި ދޮރާއްޓެވެ. މި ރަށުގެ ދެ މިލިއަނެއްހާ އާބާދީ ބެހިފައިވަނީ ކުދި އަވަށްތަކަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބިންހެލުމުގެ ސަބަބުން އިމާރާތްތައް ވެއްޓި، މުޅި ސަރަހައްދުގައި ހިރަފުސް ބޯވެފައިވާއިރު، ރައްޔިތުން ދިޔައީ ބިރުން ހަޅޭއްލަވަމުން ދުވަމުންނެވެ. އެގޮތުން އެއިރާމޯ އަވަށުގެ ހޮސްޕިޓަލަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މަންޒަރު އެއް ވީޑިއޯއިން ފެނެ އެވެ.
"މީގެ ކުރިން ވެސް ފްލޯރެސްގައި ބިންހެލުންތައް ތަޖުރިބާކުރެވުނު. އެކަމަކު މިއީ މިހާތަނަށް ދިމާވި އެންމެ ބާރުގަދަ އަދި އެންމެ ވަގުތު ގިނަ ބިންހެލުން. ލޮޅުންތައް އައީ ވަރަށް ބާރަށް،" ކަމަށް އާއްމުންގެ މީހަކު ސީއެންއެންގެ ރިޕޯޓަރަށް މައުލޫމާތުދެމުން ބުންޏެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި، ރައްކާތެރި ހިސާބަކަށް ދިއުމަށް އޭނާގެ ކާރުގައި ދަތުރުކުރަން އުޅުނު ނަމަވެސް، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މަގުތައް ވަނީ ބަންދުވެފަ އެވެ.
ތަލިބޫރާ އަވަށުގެ އުމުރުން 51 އަހަރުގެ އަންހެނަކު ބުނި ގޮތުގައި، ބިންހެލުން އައީ ވަރަށް ބާރަށެވެ. އަދި އެ ވަގުތު ގޭގައި ތިބި އޭނާގެ އާއިލާގެ 13 މީހުން ވެސް ވަނީ ސަލާމަތްވުމަށްޓަކައި ބޭރަށް ދުވެފަ ނުކުމެފަ އެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ 16 އަހަރުގެ ޒުވާނަކު ރޮއިޓާސްއަށް ބުނީ، މިއީ މިހާ ބާރުގަދަ ބިންހެލުމެއް އޭނާއަށް އިހުސާސް ކުރެވުނު ފުރަތަމަ ފަހަރު ކަމަށެވެ. ބިންހެލުން އައި ވަގުތު ނިދާފައި އޮތް ނަމަވެސް އަވަހަށް ތެދުވެގެން، ވަގުތުން އުސް ބިމަކަށް ދިއުމަށް ދުވި ކަމަށާއި، އަދިވެސް ހުރީ ވަރަށް ބޮޑަށް ބިރުގެންފައި ކަމަށް އޭނާ ބުންޏެވެ.
ބީއެންޕީބީން ބުނި ގޮތުގައި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނަގެކެއޯ ރީޖަންގެ ގާތްގަނޑަކަށް 2،000 ރައްޔިތުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ. އެ އެޖެންސީން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހެލިކޮޕްޓަރަކާއި އިމަޖެންސީ ޓީމެއް ފޮނުވާފަ އެވެ. ނަމަވެސް އެ ސަރަހައްދަކީ ގިނަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ތަނަކަށް ވުމުން، އެހީ ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރިކަން އެ އެޖެންސީން ފާހަގަކުރި އެވެ.
ސީއެންއެން އިންޑޮނީޝިއާއިން އާންމުކުރި ވީޑިއޯތަކުން ފެންނަ ގޮތުގައި، ރެސްކިއު ޓީމުތަކުން ދަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި މީހަކު ތާށިވެފައިވޭތޯ ބަލައި، ކޮނުމުގެ މަސައްކަތް ކުރަމުންނެވެ. ބީއެންޕީބީގެ ވަގުތީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިހާތަނަށް ގޭބިސީތަކާއި ސަރުކާރުގެ އޮފީސްތައް ހިމެނޭހެން 15 އިމާރާތަކަށް ވަނީ ގެއްލުން ލިބިފަ އެވެ.
17،000 އަށްވުރެ ގިނަ ރަށްތަކުގެ މައްޗަށް އެކުލެވޭ އިންޑޮނީޝިއާއަކީ އާންމުކޮށް ބިންހެލުންތައް އަންނަ ގައުމެކެވެ. އެ ގައުމު އޮންނަނީ "ރިންގް އޮފް ފަޔަރ" ސަރަހައްދުގަ އެވެ. މިއީ ޕެސިފިކް ކަނޑުގެ ވަށައިގެން އޮންނަ، ދުނިޔޭގައި އެންމެ ގިނައިން ބިންހެލުންތަކާއި އަލިފާން ފަރުބަދަތައް ގޮވާ ސަރަހައްދެވެ. މި ސަރަހައްދު ދެމިގެން ގޮސްފައިވަނީ ޖަޕާނާއި އިންޑޮނީޝިއާއިން ފެށިގެން ކެލިފޯނިއާ އަދި ދެކުނު އެމެރިކާއާ ހަމައަށެވެ.
2004 ވަނަ އަހަރު އިންޑިއާ ކަނޑަށް އައި ބޮޑު ސުނާމީ އުފެދުނީ ވެސް އިންޑޮނީޝިއާގެ ސުމަޓްރާ އައިލެންޑަށް އައި 9.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމަކާ ގުޅިގެންނެވެ. އެ ހާދިސާގައި 220,000 އަށްވުރެ ގިނަ މީހުން މަރުވިއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަކީ އިންޑޮނީޝިއާގެ ރައްޔިތުންނެވެ.
މީގެ އިތުރުން، 2018 ވަނަ އަހަރުގެ އޮގަސްޓް މަހު ލޮމްބޮކް އައިލެންޑަށް އައި 6.9 މެގްނިޓިއުޑްގެ ބިންހެލުމުގައި ވެސް އެތައް ސަތޭކަ މީހުންނެއް މަރުވި އެވެ. އަދި ހަމަ އެ އަހަރުގެ ސެޕްޓެމްބަރު މަހު ސުލަވެސީ އައިލެންޑަށް އައި 7.5 މެގްނިޓިއުޑްގެ ބިންހެލުމާއި ސުނާމީގައި ވެސް އެތައް ސަތޭކަ ބަޔަކު ވަނީ މަރުވެފަ އެވެ.










