ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި
8 ސެޕްޓެމްބަރު 2026 | އަންގާރަ 13:04ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯ ސެކްޝަނުގައި މަސައްކަތްކުރާ މުވައްޒަފުން ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ބަލާތީ އެތަނުގެ މީޑިއާނެޓް ކަނޑާލައި، އެ ޕްރޮގްރާމް ނުބެލުމަށް ވަނީ އަންގާފައި. މި އެންގުމާ ދެކޮޅު ހެދި ބައެއް މުވައްޒަފުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރުގެ ކުރިމައްޗަށް ހާޒިރުކޮށްފައިވާއިރު، މިއީ ސަރުކާރުގެ ކުންފުނިތަކުގެ ތެރޭގައި ހިނގާ ނޭދެވޭ ކަންކަން އެ ޕްރޮގްރާމުން ފަޅާއަރުވާލުމާ ގުޅިގެން ނިންމި ނިންމުމެއް ކަމަށް މައުލޫމާތު ލިބޭ


ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގެ ތެރެއިން: މިއީ ނިއުސް އެންޑް ކަރަންޓް އެފެއާރޒް ޚަބަރުތަކާއި މުޖުތަމައުގައި ހުންނަ އެކިއެކި މައްސަލަތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ސިޔާސީ ވާހަކަތައް ނުރަސްމީ ސްޓައިލަކަށް ގެނެސްދޭ ޕްރޮގްރާމެއް | ރާއްޖެ އެމްވީ
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯ ސެކްޝަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި އެވެ.
އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީ އަށް މައުލޫމާތުދެމުން ބުނެފައިވަނީ ރާއްޖެޓީވީން ގެނެސްދޭ "ފަށާއިރު" ޕްރޮގްރާމް ނުބެލުމަށް އެއަރޕޯޓްގެ ކާގޯގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މީގެ ދުވަސްކޮޅެއް ކުރިން އަންގާފައިވާ ކަމަށާއި އެ މުވައްޒަފުން ޕްރޮގްރާމް ބަލާތީ އެތަނުން މީޑިއާ ނެޓް ވެސް ކަނޑާލާފައިވާ ކަމަށެވެ.
ނަމަވެސް އެތަނުގެ މުވައްޒަފުން އިތުރު ގޮތެއް ހޯދައި ޕްރޮގްރާމް ބަލަމުން ދިޔުމާ ގުޅިގެން އަދި ފަށާއިރު ޕްރޮގްރާމްގެ ތެރެއިން ސްޓެލްކޯއަށް ގުޅާ ޕީއެންސީއަށް ވަނުމަށް މުވައްޒަފުންނަށް މަޖުބޫރު ކުރަމުންދާކަން ފަޅާއަރުވާލުމާ ގުޅިގެން، އަނެއްކާ ވެސް އެ ޕްރޮގްރާމް ނުބެލުމަށް އަންގާފައިވާ ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވެ އެވެ.
ނަމަވެސް އެތަނުގެ ބައެއް މުވައްޒަފުން މިކަމާ ދެކޮޅު ހެދުމުގެ ސަބަބުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް އަރިހަށް ހާޒިރުކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ދިން ފަރާތުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމަކީ ނިއުސް އެންޑް ކަރަންޓް އެފެއާރޒް ޚަބަރުތަކާއި މުޖުތަމައުގައި ހުންނަ އެކިއެކި މައްސަލަތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ސިޔާސީ ވާހަކަތައް ނުރަސްމީ އަދި މީހުންނަށް ކަމުދާ ސްޓައިލަކަށް ގެނެސްދޭ ޝޯވްއެކެވެ. މި ޝޯވް ރާއްޖެޓީވީން ފާއިތުވި 12 އަހަރުގެ ތެރޭގައި މެދުކެނޑުމެއް ނެތި ކޮންމެ ދުވަހެއްގެ ހެނދުނު 6:30ން 8:45ށް ދަނީ ގެނެސްދެމުންނެވެ.











