ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި
25 އޯގަސްޓު 2026 | އަންގާރަ 11:07މަރުގެ އިންޒާރުގެ މައްސަލަ ފައިލްކުރިކަން ފުލުހުން އެންގިތާ އެންމެ ދުވަހެއްގެ ތެރޭގައި އަނެއްކާވެސް އާމިރަށް ހަމަލާދޭން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް ރާއްޖެ ޓީވީން ބުނޭ. ރާއްޖެޓީވީން ފުލުހުންނަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، މީގެ ކުރިންވެސް ސިޔާސީ މަގުސަދުތަކުގައި ރާއްޖެ ޓީވީއަށް ބޮޑެތި ގެއްލުންތަކެއް ދީ، ސްޓޭޝަންގައި އަލިފާން ރޯކޮށްލައި، މުވައްޒަފުންނަށް ހަމަލާދީފައިވާތީ މިފަދަ ވާހަކަތަކަކީ ވަރަށް ސީރިއަސްކޮށް ބަލަންޖެހޭ ކަންކަން


ރާއްޖެ ޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް | ރާއްޖެ އެމްވީ
ރާއްޖެ ޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމަށް ބަޔަކު މީހުން ހަމަލާދޭން ރާވަމުންދާ ކަމުގެ މައުލޫމާތު އިތުބާރު ހުރި މަސްދަރަކުން ލިބިފައިވާތީ، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްދިނުމަށް އެދި ރާއްޖެ ޓީވީން ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދަށް ސިޓީއެއް ފޮނުވައިފި އެވެ.
މި މައުލޫމާތު ރާއްޖެ ޓީވީއަށް ލިބިފައިވަނީ 2026 އޮގަސްޓް 25 ވަނަ ދުވަހު އެވެ.
މި މައުލޫމާތު ރާއްޖެ ޓީވީއަށް ލިބިފައި ވަނިކޮށް، ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ހަރަކާތްތެރިވާ "ހަސަން ކުރުސީ" ނަމަކަށް ކިޔާ އެކައުންޓަކުން ވެސް ވަނީ މިފަދަ ޕޯސްޓެއް ފޮޓޯއަކާއެކު އާންމުކޮށްފަ އެވެ.
އެ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި، ވެރިކަންކުރާ ޕީއެންސީން ވަނީ އާމިރު ސަލީމާއި އެމްޑީޕީގެ މަޖިލިސް މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އަށް ހަމަލާ ދިނުމަށް ބަޔަކަށް ފައިސާ ދީފަ އެވެ. މި ހަމަލާ ދޭން އުޅޭ ސީދާ މަގުސަދެއް ސާފުނުވި ނަމަވެސް، މި ނުރައްކަލުގެ މައުލޫމާތު މިހާރު ވަނީ އާމިރު އާއި ކުޑޫގެ ސަމާލުކަމަށް ގެނެސްފަ އެވެ.
މީގެ އިތުރުން، މީގެ ކުރިންވެސް އާމިރު ސަލީމަށް މަރުގެ އިންޒާރު ދީފައިވާ މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން 2025 ސެޕްޓެމްބަރު 9 ވަނަ ދުވަހު "މީޑިއާ ކޮންޓްރޯލް ބިލް" ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުން ސިއްރުކުރުމާ ގުޅިގެން ނޫސްވެރިން ކުރި އިހްތިޖާޖުގެ ތެރޭގައި، އާމިރުގެ ފޮޓޯއަކާއެކު "ރުކްޝާ ރައްޒާޤް" ނަމަކަށް ކިޔާ ފޭސްބުކް އެކައުންޓަކުން ވަނީ އޭނާއަށް މަރުގެ އަދަބު ދޭންޖެހޭ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރަޙައްދުގައި ނޫސްވެރިން ކުރި އިޙްތިޖާޖުގެ ތެރޭގައި، ރާއްޖެ ޓީވީގެ ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް ވާހަކަދައްކަވަނީ: އާމިރުއަށް މަރުގެ އިންޒާރު ދިން މައްސަލަ ވަނީ ފުލުހަށް ހުށަހަޅާފައި | ރާއްޖެއެމްވީ
ނަމަވެސް އެ މައްސަލަ ހުށަހެޅިތާ 11 މަސް ދުވަސް ވީއިރުވެސް އެއްވެސް ތަފްސީލެއް ނުދީ އޮތުމަށްފަހު، 24 އޮގަސްޓު 2026 ގައި ފުލުހުން ވަނީ ފޭސްބުކުން މައުލޫމާތު ނުލިބޭ ކަމަށް ބުނެ އެ މައްސަލަ ފައިލްކުރިކަން އާމިރަށް އަންގާފަ އެވެ.
މަރުގެ އިންޒާރުގެ މައްސަލަ ފައިލްކުރިކަން ފުލުހުން އެންގިތާ އެންމެ ދުވަހެއްގެ ތެރޭގައި އަނެއްކާވެސް އާމިރަށް ހަމަލާދޭން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް ރާއްޖެ ޓީވީން ބުނެ އެވެ.
ރާއްޖެޓީވީން ފުލުހުންނަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، މީގެ ކުރިންވެސް ސިޔާސީ މަގުސަދުތަކުގައި ރާއްޖެ ޓީވީއަށް ބޮޑެތި ގެއްލުންތަކެއް ދީ، ސްޓޭޝަންގައި އަލިފާން ރޯކޮށްލައި، މުވައްޒަފުންނަށް ހަމަލާދީފައިވާތީ މިފަދަ ވާހަކަތަކަކީ ވަރަށް ސީރިއަސްކޮށް ބަލަންޖެހޭ ކަންކަމެވެ.
އެހެންކަމުން، މި މައްސަލަ ފުރިހަމައަށް ތަހުގީގުކޮށް، އާމިރު ސަލީމަށް އެއްވެސް ނުރައްކަލެއް ނެތްކަން ކަށަވަރު ކޮށްދިނުމަށާއި، އޭނާއަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެ ޓީވީން ވަނީ ފުލުހުންގެ ކިބައިން އެދިފަ އެވެ. މި މައްސަލައާ ގުޅޭގޮތުން އެކްސްގައި ކޮށްފައިވާ ޕޯސްޓުގެ ސްކްރީންޝޮޓްތައް ވެސް މިހާރު ވަނީ ފުލުހުންނާ ހިއްސާކޮށްފަ އެވެ.
އާމިރަކީ ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމާއި "ހާލު ކިހިނެއް" އަދި "ޓީވީޓޯކް" ފަދަ ޕްރޮގްރާމްތައް މެދުވެރިކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، ރައްޔިތުންގެ ކަންބޮޑުވުންތައް ތިލަކޮށްދިނުމުގައި އިސް ދައުރެއް އަދާކުރަމުންދާ ފަރާތެކެވެ. އެގޮތުން ދައުލަތުގެ އެކި އިދާރާތަކަށް ގުޅައިގެން، އާންމުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ސުވާލުކޮށް، އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގައި އާމިރު ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މީގެ އިތުރުން، ރަށްރަށުގެ ތަރައްޤީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތާއި، ހުއްޓިފައިވާ މަޝްރޫއުތަކުގެ ތަފްސީލުތައް އެތަންތަނަށް ދަތުރުކޮށްގެން އާންމުންނާ ހަމައަށް ސާފުކޮށްދިނުމަށްވެސް އާމިރު ގެންދަނީ މަސައްކަތް ކުރަމުންނެވެ.











