އާރްޓީއައިތަކަށް ޖަވާބުދޭން ރައީސް އޮފީހަށް 7 ދުވަސް ދީ، ދައުވާކުރާނެކަމުގެ އިންޒާރު ދީފައި އޮއްވައި އެ އަމުރަށް ވެސް ރައީސް އޮފީހުން ޚިލާފުވެއްޖެ
23 ޖުލައި 2026 | ބުރާސްފަތި 07:54ރާއްޖެޓީވީން ހުށަހަޅާފައިވާ އާރްޓީއައިތަކަށް ރައީސް އޮފީހުން ޖަވާބު ދިނުމުގައި ބޮޑެތި ލަސްތަކެއްވެ، އައިކޮމްގެ އެންގުންތަކަށް އަމަލުކޮށްފައި ނުވާތީ އިންފޮމޭޝަން ކޮމިޝަނަރު ވަނީ ނުރުހުން ފާޅުކުރައްވާފައި. އެހެންކަމުން، ޖަވާބު ނުދީ ހުރި ހުރިހާ މައްސަލަތަކަށް ހަތް ދުވަސް ތެރޭގައި ޖަވާބު ދިނުމަށް އަމުރުކޮށް، އެ މުއްދަތުގައި ޖަވާބު ނުދީފިނަމަ ދައުވާ ކުރާނެ ކަމުގެ އިންޒާރު ރައީސް އޮފީހަށް ވަނީ ދީފައި. ނަމަވެސް އެ އަމުރާ ރައީސް އޮފީހުން ވަނީ ޚިލާފުވެފައި


ރައީސުލްޖުމްހޫރިއްޔާ "މީޑިއާ ފެންޑާ" ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން | ރައީސް އޮފީސް
މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސް އޮފީހަށް ރައްދުވާ ގޮތަށް ރާއްޖެޓީވީން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި 7 ދުވަސް ތެރޭގައި ޖަވާބު ދިނުމަށް އައިކޮމްއިން ރައީސް އޮފީހަށް އަމުރުކޮށްފައި ވަނިކޮށް އެ އެންގުމާ ވެސް ރައީސް އޮފީހުން ޚިލާފުވެއްޖެ އެވެ.
ރާއްޖެޓީވީން މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައީސް އޮފީހަށް ރައްދުވާ ގޮތަށް ގިނަ މައްސަލަތަކެއް ހުށަހަޅާފައިވެ އެވެ. ނަމަވެސް އޭގެ ޖަވާބުތައް ރައީސް އޮފީހުން ފޮނުވާފައި ވަނީ ވެސް އައިކޮމް އަށް ހުށަހެޅޭ މައްސަލަތަކުގައި ޖަވާބު ފޮނުވަން ޖެހޭ މުއްދަތުގެ ފަހުންނެވެ.
އޭގެ ތެރެއިން އެއް މައްސަލައަކީ ރައީސްގެ ދަތުރުފުޅުތަކާ ގުޅޭގޮތުން ރާއްޖެޓީވީން 28 އޮކްޓޯބަރު 2025 ގައި ހުށަހެޅި މައްސަލައެވެ. އެ އާރްޓީއައިއަށް ރައީސް އޮފީހުން ޖަވާބު ދީފައިވަނީ 8 ޖުލައި 2026 ގަ އެވެ.
މީގެ އިތުރުން، 12 ނޮވެމްބަރު 2025 ގައި ރާއްޖެޓީވީން ހުށަހަޅާފައިވާ އާރްޓީއައި އާއި ގުޅޭގޮތުން ވެސް މި އަޑުއެހުމުގައި ވާހަކަ ދައްކާފައިވެ އެވެ. އެގޮތުން އެ މައްސަލައަކީ މެދުފަންތިއާއި ދަށު ފަންތީގެ މީހުން ކޮރަޕްޝަން ހިންގާކަމަށް ރައީސް މުއިއްޒު ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވިދާޅުވެފައިވާތީ އެކަމާ ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށް ރާއްޖެޓީވީން އައިކޮމްއަށް ހުށަހެޅި މައްސަލައެކެވެ.
މި އާރްޓީއައި އަށް ރައީސް އޮފީހުން ޖަވާބު ދިނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. ނަމަވެސް އެ ޖަވާބު ފުރިހަމަނުވާތީ އޭޕްރީލް މަހު ބޭއްވި އަޑުއެހުމުގައި އައިކޮމްއިން ވަނީ ޖަވާބު އިސްލާޙުކޮށް، އަލުން ޖަވާބު ދިނުމަށް ރައީސް އޮފީހަށް 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ. އެއީ 26 އޭޕްރީލް 2026 ގަ އެވެ.
އެހެންނަމަވެސް އެ މުއްދަތުގެ ތެރޭގައި އައިކޮމްގެ އެންގުމާ އެއްގޮތަށް ރައީސް އޮފީހުން އަމަލުކޮށްފައި ނުވާތީ އައިކޮމްގެ ރައީސް އާހިދު ރަޝީދު ނުރުހުން ފާޅުކުރެއްވި އެވެ.
ޗާގޯސް މައްސަލައިގައި ރާއްޖެޓީވީން ހުށަހެޅި އާރްޓީއައިއަށް ޖަވާބު ދިނުމަށް ވެސް 10 ދުވަހުގެ މުހުލަތެއް ދީފައިވާއިރު، އެ އެންގުމަށް ވެސް ރައީސް އޮފީހުން އަމަލުކޮށްފައިނުވެ އެވެ. އެ އާރްޓީއައި ގައި އެދިފައި އޮތީ ޗާގޯސް އާއި ގުޅޭގޮތުން ރައީސް މުއިއްޒު މަޝްވަރާއެއް ކުރައްވާފައިވޭތޯ ނުވަތަ ނޫންތޯ ސާފުކުރުމަށެވެ.
އައިކޮމްއިން ވަނީ ޖަވާބު ނުދީ ހުރި ހުރިހާ އާރްޓީއައި އަކަށް 7 ދުވަހުގެ ތެރޭގައި ޖަވާބު ދިނުމަށް ރައީސް އޮފީހަށް އަންގާފަ އެވެ. އަދި ޖަވާބު ނުދޭނަމަ، ދައުވާ ކުރާނެކަމުގެ އިންޒާރު އައިކޮމްގެ ރައީސް ދެއްވި އެވެ.
އެ އެންގުން އެންގިތާ 7 ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ރައީސް އޮފީހުން އައިކޮމްގެ އެ އެންގުމާ އެއްގޮތަށް ރާއްޖެޓީވީއަށް ޖަވާބު ފޮނުވާފައިނުވެއެވެ.









