އިސްރާއީލުގެ ހަމަލާތައް ވަރުގަދަކޮށް ލުބްނާނުން 12 މީހުން ޝަހީދުކޮށްލައިފި
8 ސެޕްޓެމްބަރު 2026 | އަންގާރަ 04:13އިސްރާއީލާއި ލުބްނާނާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލާފައިވީ ނަމަވެސް، އިސްރާއީލުން ލުބްނާނުގެ ދެކުނަށް ދޭ ހަމަލާތައް ވަރުގަދަކޮށް އާންމުންގެ ގެދޮރު ދަނީ ސުންނާފަތިކުރަމުން. މި ހަމަލާތަކަކީ އެއްބަސްވުމުގެ އުސޫލުތަކާ ޚިލާފަށް ދެވޭ ހަމަލާތަކެއް ކަމަށް ލުބްނާނުގެ ރައީސް ވިދާޅުވިއިރު، މި ޢުދުވާނުގައި މިހާތަނަށް 4،350 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައި

އިސްރާއީލު ސިފައިން ލުބްނާންގެ ދެކުނަށް ދެމުންދާ ވަރުގަދަ ޢުދުވާނީ ހަމަލާތަކުގައި ގެއްލުން ދީފައިވާ ސަރަހައްދެއް | އެކްސް
އިސްރާއީލުން ލުބްނާނުގެ ދެކުނަށް ދިން ވައިގެ ހަމަލާތަކެއްގައި، ކުޑަކުދިންނާއި ސިއްހީ ޚިދުމަތްތެރިން ހިމެނޭހެން މަދުވެގެން 12 މީހަކު ޝަހީދުކޮށްލައިފި އެވެ. ލުބްނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ، ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އިސްރާއީލުގެ އަސްކަރީ މަތިންދާބޯޓުތަކުން އެ ގައުމުގެ ދެކުނުގައިވާ ކަފްރް ރިންމާން އަވަށުގެ މީހުން ދިރިއުޅޭ އިމާރާތަކަށް ދިން ހަމަލާއެއްގައި 11 މީހަކު ޝަހީދުވި ކަމަށެވެ. މީގެ ތެރޭގައި ދެ ކުޑަކުދިން ހިމެނޭއިރު، އިތުރު ފަސް މީހަކަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ. މީގެ އިތުރުން، ނަބަތިއްޔާ ޕްރޮވިންސްގެ އަވަށެއްގައި އާންމުން ދަތުރުކުރި އުޅަނދަކަށް އިސްރާއީލުގެ ޑްރޯނަކުން ދިން ހަމަލާއެއްގައި ސިއްހީ ޚިދުމަތްތެރިއަކު ޝަހީދުވި ކަމަށް ލުބްނާނުގެ ދައުލަތުގެ މީޑިއާ، ނޭޝަނަލް ނޫސް އޭޖެންސީން ރިޕޯޓުކުރި އެވެ.
ލުބްނާނުގެ ސިއްހަތާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި އިސްރާއީލުން ލުބްނާނުގެ ދެކުނަށް ދޭ ހަމަލާތައް ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ. މި ގޮތުން، މި ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 27 މީހަކު ޝަހީދުކޮށްލައި، 69 މީހަކު ވަނީ ޒަޚަމްކޮށްލާފަ އެވެ.
އަދި، އެ ސަރަހައްދު ހުސްކުރުމަށް އަމުރު ނެރުމަށް ފަހު، ރޭގަނޑުގެ ވަގުތެއްގައި އިސްރާއީލު ސިފައިން ވަނީ ލުބްނާނުގެ ދެކުނުގައިވާ ދަޔިރް އަލް-ޒަހްރާނީ އަވަށުގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް ވެސް ހަމަލާދީފަ އެވެ. އިސްރާއީލު ސިފައިން ބުނީ، މިއީ ލުބްނާންގެ މުޖާހިދުންގެ ހިޒްބުالله ޖަމާއަތުގެ މަރުކަޒަކަށް އަމާޒުކޮށްފައިވާ ހަމަލާތަކެއް ކަމަށެވެ. މި ހަމަލާތައް ދީފައި މި ވަނީ، ނަބަތިއްޔާ ޑިސްޓްރިކްޓްގައި ހިމެނޭ އަރަބް ސާލިމް އަވަށަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކެއްގައި މަދުވެގެން ހަތް މީހަކު ޝަހީދުވެ، 20 މީހަކު ޒަޚަމްވިތާ އެއް ދުވަސް ފަހުން ކަމަށް ވެސް ލުބްނާންގެ އިދާރާތަކުން ބުނެ އެވެ.
މިދިޔަ ޖޫން މަހު އިސްރާއީލާއި ލުބްނާންގެ ސަރުކާރާ ދެމެދު އެކުލަވާލި އެއްބަސްވުމަށް އަމަލުކުރަން ފެށި ނަމަވެސް، އިސްރާއީލުގެ ހަމަލާތައް އަދިވެސް މެދުކަނޑާލާފައެއް ނުވެ އެވެ. މި އެއްބަސްވުމުގެ ދަށުން، ހިޒްބުﷲ އިން ހަތިޔާރު ބަހައްޓަން ޖެހޭއިރު، ސަލާމަތީ ކަންކަން ބެލުން ހަވާލުކޮށްފައި ވަނީ ލުބްނާންގެ އަސްކަރިއްޔާއަށެވެ. އަދި، ލުބްނާންގެ ދެކުނަށް އަރައިގަނެފައިވާ އިސްރާއީލުގެ ސިފައިން އެ ބިންތަކުން ފައިބަން ޖެހޭނެ އެވެ.
ނަމަވެސް، އިސްރާއީލުން އަދިވެސް ލުބްނާނުގެ ދެކުނުގެ އެތައް އަވަށަކަށް އަތްގަދަކޮށްގެން ތިބުމާއި، އެ ސަރަހައްދުތަކުން ފޭބުމަށް ދެކޮޅު ހެދުމުގެ ސަބަބުން ޚާރިޖީ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. ޖޫން މަހު ސޮއިކުރި އެއްބަސްވުމާއެކު ހަމަލާތައް ހުއްޓޭނެ ކަމުގެ އުންމީދުގައި ގިނަ ބަޔަކު އެނބުރި އެ މީހުންގެ ގެދޮރަށް ގޮސްފައިވާއިރު، ލުބްނާންގެ ދެކުނުގައި އަދިވެސް އޮތީ ބިރުވެރިކަމާއި ނުތަނަވަސްކަން ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.
"މި ތަނުގެ މަސްރަހުން ފެންނަނީ އިސްރާއީލުން ހަނގުރާމައިގެ އާ އުސޫލުތަކެއް ކަނޑައަޅަން މަސައްކަތްކުރާ ތަން،" ލުބްނާންގެ ދެކުނުގައި ހުރި ނޫސްވެރިއަކު ބުންޏެވެ. "ކުރިއަށް އޮތީ ކޮން ކަމެއް ކަމެއް އާންމުންނަކަށް ނޭނގޭ. ވޭތުވެދިޔަ 48 ގަޑިއިރު ތެރޭގައި އިސްރާއީލުން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައި. އާންމުން ޝަހީދުވެ، މީހުން ދިރިއުޅޭ ގެދޮރު ދަނީ ސުންނާފަތިވަމުން."
އިސްރާއީލު ސިފައިން ލުބްނާންގެ ދެކުނަށް ދެމުންދާ ވަރުގަދަ ޢުދުވާނީ ހަމަލާތަކުގައި ގެއްލުން ދީފައިވާ ސަރަހައްދެއް | އެކްސް/ދި ކްރޭޑްލް
ލުބްނާނުގެ ސިއްހަތާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މާރިޗު މަހުގެ ކުރީކޮޅު އިސްރާއީލުގެ ޢުދުވާނީ ހަމަލާތައް ވަރުގަދަވި ފަހުން 4,350 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި، 12,300 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފަ އެވެ. އެ ވުޒާރާއިން ބުދަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނީ، މާރިޗު މަހުގެ 2 ވަނަ ދުވަހުން ފެށިގެން ލުބްނާނުގެ އެމްބިއުލާންސްތަކަށް އިސްރާއީލުން 179 ފަހަރު ހަމަލާދީފައިވާ ކަމަށާއި، މި ހަމަލާތަކުގައި ސިއްހީ ޚިދުމަތްތެރިންގެ 135 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށެވެ.
އެމެރިކާއިން މެދުވެރިވެގެން އެކުލަވާލި ސުލްހައިގެ އެއްބަސްވުމާއެކު ހަމަލާތައް މަދުވި ނަމަވެސް، އިސްރާއީލު ސިފައިން ދަނީ ލުބްނާނުގެ ދެކުނުގައި އެ މީހުން ކަނޑައަޅާފައިވާ "ސެކިއުރިޓީ ޒޯން" ގެ ތެރޭގައި ހުރި އަވަށްތައް ބިމާ ހަމަކޮށް، އެ ސަރަހައްދުގެ އެތެރެއަށާއި އުތުރުގެ ސަރަހައްދުތަކަށް އެއްވެސް އިންޒާރަކާ ނުލައި ވައިގެ ހަމަލާތައް ދިނުމުގެ އިތުރުން، އެކި ސަރަހައްދުތަކުގައި ހުރި އިމާރާތްތައް ގޮއްވާލައި ސުންނާފަތި ކުރަމުންނެވެ. ލުބްނާންގެ ރަސްމީ ނޫސް އޭޖެންސީން ބުނީ، ހޯމަ ދުވަހު އަލް-މަންސޫރީ އަވަށުގައި "ބާރުގަދަ ގޮވުންތަކެއް" ގޮވާފައިވާ ކަމަށެވެ. އެއީ، ގޮވާތަކެތި ހަރުކޮށް އާންމުންގެ ގެދޮރު ސުންނާފަތިކޮށްލުމަށް އިސްރާއީލު ސިފައިން ހިންގި އޮޕަރޭޝަނެއްގެ އަޑުފަށްގަނޑު ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. އެ އަވަށުގެ ތިންބައިކުޅަ ދެބައި ގެދޮރު މިހާރު މުޅިން ސުންނާފަތިކޮށްލާފައިވާއިރު، ބާކީ ހުރި ގެތަކަކީ ވެސް މީހުން ދިރިއުޅެން ކަމުދާ ފަދަ ހާލަތެއްގައި ހުރި ތަންތަން ނޫން ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.
ހަމަލާތައް އިތުރުވަމުންދާ މައްސަލައިގައި، އިސްރާއީލުން ދެމުންދާ ހަމަލާތަކާއި ހިންގާ ހަރަކާތްތަކުގެ މަގްސަދަކީ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ މެދުވެރިވެގެން އެކުލަވާލާފައިވާ އެއްބަސްވުމުގެ އުސޫލުތައް ނައްތާލުން ކަމަށް ލުބްނާނުގެ ރައީސް ޔޫސުފް އައުން ވިދާޅުވި އެވެ. އަދި، ލުބުނާނަށް ޒިޔާރަތްކުރެއްވި ފަރަންސޭސިވިލާތުގެ ޖަސްޓިސް މިނިސްޓަރު ޖެރާލްޑް ދާރްމަނިންއާ ބައްދަލުކުރައްވައި އައުން ވިދާޅުވީ، "މި ހަމަލާތަކަކީ އެއްބަސްވުމުގެ އުސޫލުތަކަށް އަމާޒުކޮށް، ލުބްނާނުގެ ދެކުނާއި މުޅި ސަރަހައްދުގެ މަސްރަހު ފިނިކުރުމަށް ކުރެވޭ ހުރިހާ މަސައްކަތަކަށް ހުރަސްއެޅުމަށް ދެވޭ ހަމަލާތަކެއް" ކަމުގަ އެވެ.
މަސްދަރު: އަލް ޖަޒީރާ










