ގަތަރަށް ބޮން އެޅުމަކީ ފަޚުރުވެރިވާ ކަމެއްކަން ނަތަންޔާހޫ ހާމަކޮށްފި
6 ސެޕްޓެމްބަރު 2026 | އާދީއްތަ 10:27ގަތަރުގެ ދޯހާއަށް އިސްރާއީލުން ދިން ހަމަލާއާ ގުޅޭ ގޮތުން އިންތިޚާބު ކައިރިވެފައިވަނިކޮށް ނަތަންޔާހޫ މިފަދަ މޭރުމަކުން ވާހަކަދައްކަވަނީ ސިޔާސީ ތާއީދު ހޯއްދެވުމަށް ކަމަށް މުހައްލިލުން ބުނާއިރު، ގަތަރުން ވަނީ އިސްރާއީލުގެ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ފިނޑި އަމަލެއްގެ ގޮތުގައި ކުރިން ސިފަކޮށްފައި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އޭނާއަށް ތާއީދުކުރާ މީހަކާއެކު ސެލްފީއެއް ނަންގަވަނީ | އޭއެފްޕީ
ޣައްޒާއަށް ފޮނުވި އެހީގެ ފައިސާ ބޭނުންކުރީ ހަމައެކަނި އިންސާނީ އެހީއަށް ކަމަށް ވިދާޅުވެ، އިސްރާއީލުގެ އެތެރެއިން އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރައްދުދެއްވައި، ގަތަރަށް ބޮމުގެ ހަމަލާދިން ކަމަށް ބުނެ އެކަމާ ފަޚުރުވެރިވެވަޑައިގެންފި އެވެ.
އިސްރާއީލުގެ "އައި24 ނިއުސް" އަށް ދެއްވި އިންޓަވިއުއެއް ހޮނިހިރު ދުވަހު ސޯޝަލް މީޑިއާގައި ހިއްސާކުރައްވަމުން ނަތަންޔާހޫ ވިދާޅުވީ، ގަތަރަކީ އިސްރާއީލާ ދެކޮޅުވެރި "ހޮސްޓައިލް" ދައުލަތެއް ކަމަށާއި، ޣައްޒާގައި ކުރިއަށްދާ ގަތުލުއާންމުގެ ތެރޭގައި އިސްރާއީލުގެ ސިޔާސަތުތައް ކަނޑައެޅުމުގެ ބާރު ގަތަރަށް ނޯންނާނެ ކަމަށެވެ. އަދި ހަނގުރާމައިގެ ތެރޭގައި ގަތަރަށް ހަމަލާދީ ބޮން އެޅި ކަމަށާއި، އެ ގައުމުން ވެސް ރައްދު ހަމަލާދިން ކަމަށް ބުނެ ނަތަންޔާހޫ ވަނީ އެކަމާ ފަޚުރުވެރިވާކަން ހާމަކޮށްފަ އެވެ.
ނަތަންޔާހޫ މި މޭރުމުން ވާހަކަދައްކަވާފައި މިވަނީ، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ގަތަރުގެ ދޯހާއަށް އިސްރާއީލުން ދިން ހަމަލާއަށް އަހަރެއް ފުރެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ. އެމެރިކާގެ ތާއީދާއެކު ހުށަހަޅާފައިވާ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމަކަށް އަމާޒުކޮށް ދިން އެ ހަމަލާގައި، ހަމާސްގެ ފަސް މެންބަރަކާއި ގަތަރުގެ ސަލާމަތީ އޮފިސަރަކު ވަނީ މަރުވެފަ އެވެ.
މެދުއިރުމަތީގެ މައްސަލަތަކުގައާއި އެ ނޫންވެސް ހަމަނުޖެހުންތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުން އަންނަ ގަތަރުން ބުނާގޮތުގައި، އެމެރިކާގެ އެދުމުގެ މަތިން 2012 ވަނަ އަހަރުން ފެށިގެން ހަމާސްގެ ސިޔާސީ އޮފީސް ހިންގަމުންދަނީ އެ ގައުމުގަ އެވެ.
ދޯހާއަށް ދިން މި ހަމަލާއަކީ ބައިނަލްއަގުވާމީ ހުރިހާ ގާނޫނުތަކާއި އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއްގެ ގޮތުގައި ގަތަރުން ވަނީ ކުށްވެރިކޮށްފަ އެވެ. ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދު އަލް އަންސާރީ އެ ހަމަލާ ސިފަކުރެއްވީ ފިނޑި އަމަލެއްގެ ގޮތުގަ އެވެ.
އިރާނާއި ޕާކިސްތާނު ހިމެނޭ ގޮތަށް ސަރަހައްދީ ގިނަ ގައުމުތަކަކުން މި ހަމަލާ ކުށްވެރިކޮށްފައިވާއިރު، އުރުދުން، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ސައުދީ އަރަބިއްޔާގެ ލީޑަރުން ވަނީ ގަތަރާ އެކު ސާބިތުވެ ތިއްބެވިކަން ހާމަކުރުމަށް އެ ގައުމަށް ޒިޔާރަތްކުރައްވާފަ އެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވެސް ވަނީ އެ ހަމަލާއަކީ ގަތަރުގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތުމުގެ "ބޮޑު އުދުވާނެއް" ކަމަށް ވިދާޅުވެފަ އެވެ.
އެ ހަމަލާ ދިން މަހުގެ ފަހުކޮޅު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި، ނަތަންޔާހޫ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ގަތަރުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު ޝައިޚް މުޙައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލްޘާނީއަށް ފޯނުން ގުޅުއްވައި، އެ ހަމަލާއާ ގުޅިގެން މާފަށް އެދިވަޑައިގެންފަ އެވެ.
"އައި24 ނިއުސް" އަށް ދެއްވި އިންޓަވިއުގައި ނަތަންޔާހޫ ވަނީ، އިސްރާއީލު މެދުވެރިވެގެން ގަތަރުގެ އެތައް މިލިއަން ޑޮލަރެއް ޣައްޒާއަށް ފޮނުވި ފޮނުވުމުގެ ދިފާއުގައި ވެސް ވާހަކަދައްކަވާފަ އެވެ. އޭނާ ވިދާޅުވީ އެ ފައިސާއަކީ އިންސާނީ އެހީގެ ބޭނުމަށް ފޮނުވި ފައިސާ ކަމަށާއި، އެކަން ކުރީ އިސްރާއީލުގެ ސަލާމަތީ އިދާރާތައް ކަމަށްވާ މޮސާޑް އަދި ޝިން ބެޓްގެ ލަފާގެ މަތިން ކަމަށެވެ.
"މި ހުރިހާ ފައިސާއަކީ ޣައްޒާއަށް ވަތް ޖުމްލަ ފައިސާގެ އެންމެ 2 އިންސައްތަ،" ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވި އެވެ.
ނަތަންޔާހޫއަށް ފާޑުކިޔާ ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، އެ ފައިސާ ބޭނުންކޮށްފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާ ތައްޔާރުކުރުމަށެވެ. އެ ހަމަލާއާ ގުޅިގެން އިސްރާއީލުން ވަނީ ޣައްޒާގައި ގަތުލުއާންމެއް ފަށާފަ އެވެ.
ނަމަވެސް ގަތަރުން މި ތުހުމަތުތައް ދޮގުކުރެ އެވެ. ހަމާސްއަށް ފަންޑުކުރާ ކަމަށް ބުނެ ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި، އެހީގެ ފައިސާ ފޮނުވަނީ ވަރަށް ހަރުދަނާ އުސޫލުތަކެއްގެ ދަށުން ބަލައި ޗެކްކުރުމަށްފަހު ކަމަށް ގަތަރުން ބުނެ އެވެ.
"މިއަދު އިސްރާއީލުން އެ ބުނާ ގަތަރުން ހަމާސްއަށް ފަންޑުކުރާ ވާހަކައަކީ އެއްވެސް އަސާސެއް އޮތް ވާހަކައެއް ނޫން،" މިދިޔަ އަހަރު ބޭއްވި ދޯހާ ފޯރަމްގައި ޝައިޚް މުޙައްމަދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ހުރިހާ އެހީއެއް ދިޔައީ ޣައްޒާގެ ރައްޔިތުންނަށް. އެއީ އެމެރިކާއަށް ވެސް ފުރިހަމައަށް އެނގިގެން، ވަރަށް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކުރިއަށްދިޔަ ކަމެއް."
ނަތަންޔާހޫ މި މޭރުމުން ވާހަކަދައްކަވާފައި މިވަނީ، އޮކްޓޯބަރު 27 ގައި އިސްރާއީލުގެ އާންމު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ. މިއީ 2023 ވަނަ އަހަރު ޣައްޒާ ހަނގުރާމަ ފެށުނު ފަހުން އެ ގައުމުގައި ބާއްވާ ފުރަތަމަ އިންތިޚާބެވެ.
އިންތިޚާބު ކައިރިވަމުން އަންނައިރު، ޣައްޒާ ހަނގުރާމަ ކުރިއަށްގެންދާ ގޮތާއި، އިގްތިސާދީ ހާލަތުގެ އިތުރުން އިރާނާއެކު އޮތް ހަނގުރާމައިގެ މައްސަލައިގައި ނަތަންޔާހޫގެ ސަރުކާރަށް ވަނީ ގައުމުގެ އެތެރެއިން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފަ އެވެ. މި ކަންކަމަކީ އިންތިޚާބީ ކެމްޕޭނުގެ މައިގަނޑު މައުޟޫއުތަކެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އިންތިޚާބުތަކާ ދިމާކޮށް ގައުމީ ޖޯޝް އުފައްދައި ތާއީދު ހޯދުމުގެ ބޭނުމުގައި، ނަތަންޔާހޫ ތަކުރާރުކޮށް އެހެން ގައުމުތަކާއެކު އޮންނަ މަސްލަހަތު ގޯސްކޮށް، ނުތަނަވަސްކަން އުފައްދަވަ އެވެ.










