ޣައްޒާ ގަތުލުއާންމުގައި ޝަހީދުކޮށްލާފައިވާ 100 އެއްހާ މީހުންގެ ޖަނާޒާ ބާއްވައިފި
7 ސެޕްޓެމްބަރު 2026 | ހޯމަ 03:42ޣައްޒާގެ އިމާރާތްތަކުގެ ދަށުގައި ތިބި 8،000 އެއްހާ މީހުންގެ ހަށިތައް ނެގުމަށް ބޭނުންވާ ބަރު މެޝިނަރީއަށް އިސްރާއީލުން ހުރަސްއަޅާތީ، އެ މަސައްކަތް ނިންމަން އެތައް އަހަރެއް ނަގާނެ ކަމަށް ސިވިލް ޑިފެންސް އިދާރާއިން ބުނޭ. އދ. އިން ވަނީ މި ހަމަލާތަކުގެ ރަހުމުކުޑަކަން ފާހަގަކޮށް، ޒިންމާވާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ގޮވާލާފައި

ޣައްޒާގެ އަލް-ޒައިތޫން އަވަށުގެ އިމާރާތްތަކުގެ ގައުކުނޑީގެ ދަށުން ފެނުނު 100 ފަލަސްތީީނު ރައްޔިތުންގެ ހަށިތައް ވަޅުލުމަށް ބޭއްވި ބޮޑު ޖަނާޒާގެ ތެރެއިން. | އެކްސް
ޣައްޒާ ސިޓީގެ ޒައިތޫން އަވަށުގައި އިސްރާއީލުން ސުންނާފަތިކޮށްލާފައިވާ އިމާރާތްތަކުގެ ދަށުން ފެނުނު 60 ކުޑަކުދިން ހިމެނޭހެން 100 އެއްހާ މީހުންގެ ހަށިގަނޑުގެ ބައިތައް ވަޅުލުމުގެ ޖަނާޒާގެ ރަސްމިއްޔާތުތައް، އުތުރު ޣައްޒާގެ ރައްޔިތުން ބާއްވައިފި އެވެ. ޒައިތޫން އަވަށުން ފެނުނު މި ހަށިތައް ވަޅުލުމަށް ޓަކައި އާއިލާތަކުން އާދީއްތަ ދުވަހު ވަނީ ޣައްޒާ ސިޓީގެ މެދުތެރޭގައި އޮންނަ އަލް މަޢަމްދާނީ ގަބުރުސްތާނަށް ގެންގޮސްފަ އެވެ. މި ހަށިތައް ހޯދުމަށް ސިވިލް ޑިފެންސްގެ ޓީމުތަކާއި އާއިލާތަކުން އެތައް ހަފުތާއެއް ވަންދެން މަސައްކަތް ކޮށްފައި ވަނީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުގައި ސުންނާފަތިކޮށްލާފައިވާ ގޭގޭގެ ކުނިތަކުގެ ދަށުގަ އެވެ. މި ހަމަލާތަކުގައި މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ މަލަކާ އާއިލާއަށް ނިސްބަތްވާ މީހުން ކަމަށްވާއިރު، އެ އާއިލާގެ އެކަނިވެސް 55 މެންބަރަކު ވަނީ މި ހަމަލާތަކުގައި ޝަހީދުވެފަ އެވެ.
އާއިލާގެ ގިނަ އަދަދެއްގެ މެންބަރުން ވަޅުލަން ޖެހުނު އެކަކަކީ އަލް-ޢަލޫލް އެވެ. އޭނާ ބުނީ، ޝަހީދު ކޮށްލާފައިވާ އޭނާގެ އާއިލާގެ މެންބަރުންގެ ހަށިތައް ގަބުރުސްތާނެއްގައި ވަޅުލުމަށް އެތައް ދުވަހެއްގެ އިންތިޒާރެއް ކުރަން ޖެހުނު ކަމަށެވެ. ނަމަވެސް، ގަތުލުއާންމުގެ ތެރޭގައި އިސްރާއީލު ސިފައިން ޣައްޒާގެ އެކި ސަރަހައްދުތަކުގައި ހުރި ގަބުރުސްތާނުތައް ސުންނާފަތިކޮށް، ކޮނެފައިވާތީ ހުރިހާ އާއިލާތަކަށް އެ ފުރުސަތު ނުލިބޭ ކަމަށް އޭނާ ފާހަގަކުރި އެވެ. އަދި ކަފުންކޮށްފައިވާ އެ ހަށިތަކަކީ ފެންނަ ފެނުމަށް ފުރިހަމަ ހަށިގަނޑުތަކެއްހެން ހީވި ނަމަވެސް، އޭގެ ތެރެއިން ގިނައީ ހަށިގަނޑުގެ ބައިބައި ކަމަށް އޭނާ ބުންޏެވެ. އަދި، "އެއީ ކަށިތަކާއި، ހަށިގަނޑުތަކާ އެކު ފެނުނު ބައެއް އަމިއްލަ ސާމާނު. ހާއްސަކޮށް ކުޑަކުދިންގެ ސާމާނު،" ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން، އެ ސަރަހައްދުން ހުރިހާ ގުނަންތައް ހަމަ އެއްވެސް ފުރިހަމަ ހަށިގަނޑެއް ފެނިފައި ނުވަނީ، އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން މި މަސައްކަތް ލަސްކޮށް، އަވަހަށް ނިންމުމަށް ހުރަސްއަޅަމުންދާތީ ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.
ޣައްޒާގެ ސިވިލް ޑިފެންސް އިދާރާގެ ވެރިޔާ ރާއިދު އަލް-ދަހްޝާން ވިދާޅުވީ، ގެއްލިފައިވާ އިތުރު އެތައް ހާސް ބައެއްގެ ހަށިތައް ހޯދުމަށް ޕްލޭންތަކެއް އެކުލަވާލާފައިވީ ނަމަވެސް، ބަރު މެޝިނަރީ ނެތުމުގެ ސަބަބުން އެ މަސައްކަތަށް ވަރަށް ބޮޑަށް ހުރަސްއެޅިފައިވާ ކަމަށެވެ. "އަހަރެމެންގެ އަތަކު މެޝިނަރީއެއް ނެތް. މަސައްކަތްތެރިން ބޭނުންކުރާނެ ރައްކާތެރިކަމުގެ އާލާތްތަކެއްވެސް ނެތް،" އޭނާ ވިދާޅުވި އެވެ. އަދި، ގާކުނޑިއާއި ކޮންކްރީޓުގެ ދަށުގައި ތިބި ކަމަށް ބެލެވޭ 8،000 އެއްހާ މީހުންގެ ހަށިތައް ނެގުމުގެ މަސައްކަތް، އެކަށީގެންވާ ވަސީލަތްތައް ހުރި ނަމަ 90 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް "އެ ތަކެތި ޣައްޒާއަށް އެތެރެކުރުން މަނާކޮށްފި ނަމަ، މި މަސައްކަތް ނިންމަން އެތައް އަހަރެއް ނަގާނެ" ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ބޭނުންވާ ސާމާނުގެ ތަފްސީލީ ލިސްޓެއް ބައިނަލްއަގުވާމީ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށާއި، އެ ތަކެތި ސިވިލް ޑިފެންސްގެ ބެލުމުގެ ދަށުގައި ބެހެއްޓުމުގެ ބަދަލުގައި ބައިނަލްއަގުވާމީ ކޮންޓްރޯލްގެ ދަށުގައި ބެހެއްޓުމަށް ވެސް ތައްޔާރަށް ތިބި ކަމަށެވެ. އަދި ބިން ކޮނުމަށް ބޭނުންވާ ބޮޑެތި މެޝިނަރީތަކާއި، މުވައްޒަފުންގެ ރައްކާތެރިކަމުގެ ސާމާނާއި، ހަށިތައް ހުރި ތަންތަން ދެނެގަންނާނެ އާލާތްތައް މިހާރުން މިހާރަށް ބޭނުންވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ޣައްޒާގެ އަލް-ޒައިތޫން އަވަށުގެ އިމާރާތްތަކުގެ ގައުކުނޑީގެ ދަށުން ފެނުނު 100 ފަލަސްތީީނު ރައްޔިތުންގެ ހަށިތައް ވަޅުލުމަށް ބޭއްވި ބޮޑު ޖަނާޒާގެ ތެރެއިން. | އެކްސް/ދި ކްރޭޑްލް
މީގެ އިތުރުން، އިސްރާއީލުގެ ސިފައިން ހަމަލާތައް ދިން ވަގުތު އިމާރާތްތަކުގައި ތިބީ ކޮން ބައެއްކަމާއި އެ މީހުން ތިބީ ކޮން ތަނެއްގައިކަން ދެނެގަތުމަށް، ސަލާމަތްވި މީހުންނާއި އަވަށްޓެރި އާއިލާތަކުގެ އެހީތެރިކަން ހޯދަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަަދި، މި މަސައްކަތުގައި އިންޖިނޭރުންގެ ޓީމަކުން ފެންނަ ހެކިތައް ލިޔެކިޔުމުން ބަލަހައްޓަމުންދާއިރު، އިސްރާއީލުން ހަމަލާދިނުމުގެ ކުރިން އެއްވެސް އިންޒާރެއް ނުދޭތީ، "އެތައް ދަހަރެއް ނުވަތަ އެތައް ސަތޭކަ" ގެއެއް އަދިވެސް ކޮންނަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ ފަލަސްތީނުގެ ސަރަހައްދުތަކަށް ކަނޑައަޅާފައި ހުންނަވާ އދ. ގެ ހިއުމަން ރައިޓްސް އޮފީހުގެ ވެރިޔާ އަޖިތު ސުންގެއި ވިދާޅުވީ، މި މަންޒަރުތަކުން ހަނގުރާމައިގެ ރަހުމުކުޑަކަން ހާމަވާ ކަމަށާއި، ފެނުނު ބައެއް ހަށިތަކަކީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އެ ތަނުގައި ހުރި ހަށިގަނޑުތައް ކަމަށެވެ. "އަދިވެސް އެތައް ހާސް ބަޔަކު އެ ތިބީ ގާކުނޑިތަކުގެ ދަށުގައި... އަހަރެމެން މި ދައްކަނީ އިސްރާއީލު ސިފައިންގެ ކޮންޓްރޯލްގެ ދަށުގައި އޮތް ސަރަހައްދުތަކުގެ ވާހަކަ. ޣައްޒާގެ 70 އިންސައްތަ ސަރަހައްދަށް ވަދެ، މި ހަށިތައް ނެރުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައި،" އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، މި ކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވަންޖެހޭނެ ކަމަށާއި، މި ނާޒުކު ދަނޑިވަޅުގައި ލިބޭ ހެކިތައް ރައްކާތެރިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް މަދުވެގެން 73,651 ފަލަސްތީނު މީހުން ޝަހީދުވެފައިވާއިރު، 174,592 މީހުން ޒަޚަމްކޮށްލާފައިވާ ކަމަށެވެ. ވޭތުވެދިޔަ ހަފުތާތަކުގައި ހިންގި މި ފަދަ އޮޕަރޭޝަންތަކުގައި، އެއް ހަމަލާއެއްގައި ޝަހީދުކޮށްލާފައިވާ އަބޫ ޝަރީއާ އަދި ހައްސާނިއްޔާ އާއިލާގެ 100 އަށްވުރެ ގިނަ މީހުންގެ ހަށިތައް ފެނިފައި ވެ އެވެ. މީގެ އިތުރުން އަލް ތާޖް ޓަވަރު ހުރި ސަރަހައްދުން 500 އަށްވުރެ ގިނަ ހަށިގަނޑު ފެނިފައިވާ ކަމަށް އޮފިޝަލުންނާއި އެކްޓިވިސްޓުން ބުނެ އެވެ.
މަސްދަރު: އަލް ޖަޒީރާ










