60،000 ރުފިޔާާގެ އާމްދަނީ ލިބޭ މީހުންނަށް އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަން ނިންމައިފި
7 ސެޕްޓެމްބަރު 2026 | ހޯމަ 09:09ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ، އަންނަ މަހުން ފެށިގެން 60،000 ރުފިޔާގެ އާމްދަނީ ލިބޭ މީހުންގެ އާސަންދަ ފުލް ކަވަރޭޖް ކަނޑާލަން ނިންމާފައިވާ ކަމަށް. މިކަމުގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ކަންކަމަށް ޚަރަދު ކުރުމަށް ފައިސާ ލިބޭނެކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެކަމުގެ ސަބަބުން 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް.


ރައީސް ޑރ. މުޙައްމަދު މުއިއްޒު | ރައީސް އޮފީސް
މުސާރަ އާއި އާމްދަނީގެ ގޮތުގައި 60،000 ރުފިޔާާގެ އާމްދަނީ ލިބޭ ހުރިހާ އެންމެންނަށް އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.
ހޯމަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ، އަންނަ މަހުން ފެށިގެން 60،000 ރުފިޔާގެ އާމްދަނީ ލިބޭ މީހުންގެ އާސަންދަ ފުލް ކަވަރޭޖް ކަނޑާލަން ނިންމާފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ކަންކަމަށް ޚަރަދު ކުރުމަށް ފައިސާ ލިބޭނެކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެކަމުގެ ސަބަބުން 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ ފަރާތްތަކަށް އާސަންދަ ލިބޭނީ ކޯޕޭ، ނުވަތަ ޕްރީ ޕޭ ނިޒާމެއްގެ ތެރެއިން ކަމަށެވެ. އެއާއެކު ރައީސް މުއިއްޒު ވަނީ އާންމު ރައްޔިތުންނަށް ލިބޭ ފުލް ޕެކޭޖާ އެއްގޮތަށް، އާމްދަނީގެ ޓެކްސް ދައްކާ ފަރާތްތަކާއި، މުއްސަނދިންނަށް އާސަންދަ ލިބެން ނުޖެހޭ ކަމަށް ވިދާޅުވެ ފައެވެ.
އެހެންވީމާ މުއްސަނދިންނާއި އިންކަމް ޓެކްސް ޕޭކުރާ ފަރާތްތަކަށް، އާންމުންނަށް މި ލިބޭ ގޮތަށް ހުރިހާ ކަމެއް ފްރީކޮށް ލިބޭކަށް ނުޖެހޭ. އެހެންވީމާ އެ ބަދަލު މި އަންނަ މަހުން ފެށިގެން ގެނެވޭނެ.ރައީސް ޑރ. މުޙައްމަދު މުއިއްޒު
އެކަން އިއުލާން ކުރެއްވުމަށް ފަހު ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ، އެކަމުގެ ތަފްސީލުތައް ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި ފިނޭންސް މިނިސްޓްރީ އިން ވެސް އާންމު ކުރަމުން ގެންދާނެ ކަމަށެވެ.
އާސަންދަ އަށް ކުރަމުން އަންނަ ޚަރަދު ބޮޑުވެ، އެކަން ރަނގަޅު ގޮތެއްގައި ނުބެލެހެއްޓިއްޖެ ނަމަ، އެއް އަހަރުން އަނެއް އަހަރަށް ޚަރަދުތައް އިތުރުވެގެންދާނެ ކަމަށް އޮޑިޓް އޮފީހުން ކޮށްފައިވާ އޮޑިޓް ރިޕޯޓެއްގައި ވެސް ވަނީ ފާހަގަ ކޮށްފައި އެވެ.











