ޕްރިންޓަރަކާ ސްކޭނަރެއް ހިފައިގެންދާ ރައީސް އޮފީސްގެ ކުއްޖާ އަށް މުސާރަ ދޭ ވާހަކަ ދެއްކުމަކުން ދެކޮޅެއް ނުޖެހޭ!
މިއީ ހައްތަހާ ވެސް ސުވާާލު. ރައީސް ދެއްކެވި ވާހަކަ ދެކޮޅު ނުޖެހޭ ކަމުގެ ހެކި. މިއީ ބައެއް ކަންކަން. އަމިއްލަފުޅު ދަތުރު ތަކުގައި ނުވަތަ ޗުއްޓީ ތަކުގައި ރައްޔިތުންގެ ލޯ ލާރިއެއް ވެސް ބޭނުން ނުކުރައްވާ ކަމަށް ވާނީ، މި ހުރިހާ ކަމެއްގައި އަމިއްލަ ފައިސާ އިން ޚަރަދު ކުރައްވާ ނަމަ.


ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު. | ރައީސް އޮފީސް
ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވި އެވެ. އެމަނިކުފާނުގެ އަމިއްލަފުޅު އެއްވެސް ދަތުރެއްގައި ދައުލަތުގެ ލޯ ލާރިއެއް ވެސް ބޭނުން ނުކުރައްވާ ކަމަށެވެ. އެކަން ޖަސްޓިފައި ކޮށްދެއްވުމަށްޓަކައި ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ބައެއް އަމިއްލަފުޅު ދަތުރު ތަކުގައި ރައީސް އޮފީހުން ވެސް މުވައްޒަފުން ބައިވެރިވާ ކަމަށެވެ. އެ މުވައްޒަފު ދަނީ ޕްރިންޓަރަކާއި، ސްކޭނަރެއް ހިފައިގެން ކަމަށާއި، އެ މުވައްޒަފަަށް އެ ދަތުރުގައި މުސާރަ ދެއްވަނީ އެމަނިކުފާނު އަމިއްލަފުޅަށް ކަމަށް ވެސް ވިދާޅުވި އެވެ.
އެކަމަކު، އަމިއްލަފުޅު އެއްވެސް ދަތުރެއްގައި ދައުލަތުގެ ލޯ ލާރިއެއް ވެސް ބޭނުން ނުކުރައްވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި ވާހަކަ އަކީ ދެކޮޅު ޖެހޭ ވާހަކައެއް ނޫނެވެ. ސަބަބު ތަކެއް ވެސް އޭގައި އޮތީމަ އެވެ. އެންމެ ފަހުން ރައީސް މުޢިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށް ބަލައިލާ ނަމެވެ.
އަމިއްލަފުޅު ޗުއްޓީ ދަތުރެއްގައި ސިންގަޕޫރަށް ވަޑައިގަންނަވަން، އެއާޕޯޓަށް ކާރު ކޮޅުގައި ވަޑައިގެންނެވީ ކާކު ތެޔޮ އަޅައިގެން ހެއްޔެވެ؟ އެމަނިކުފާނުގެ މޮޓޯކޭޑުގައި ހިމެނޭ ކާރު ތަކަށް އެ ދަތުރުގައި ތެޔޮ އެޅުއްވީ އަމިއްލަ ޚަރަދުގައި ހެއްޔެވެ؟ ވަޑައިގެންނެވި ސެކިއުރިޓީ ބޭފުޅުންގެ މުސާރަ އާއި ކަންކަން ބެލެހެއްޓެވީ އަމިއްލަ ފައިސާ އިން ހެއްޔެވެ؟ އެއާޕޯޓަށް ވަޑައިގެން ވީއައިޕީ ލައުންޖުގައި މަޑު ކުރެއްވީ އަމިއްލަ އަށް ފައިސާ ދައްކަވައިގެން ހެއްޔެވެ؟
ރައީސް ސިންގަޕޫރަށް ވަޑައިގެންނެވިއިރު، ރައީސްގެ އަނބިކަނބަލުން ސިންގަޕޫރު އެއާޕޯޓުގައި މަޑު ކޮށްލައްވައިގެން އިންނެވި ވާހަކަ ވެސް ވިދާޅުވި އެވެ. ސިންގަޕޫރު އެއާޕޯޓުގެ ވީއައިޕީގައި ރައީސްގެ އަނބިކަނބަލުން އިންނެވީ، ރައީސް އަމިއްލަ އަށް ފައިސާ ދައްކަވައިގެން ހެއްޔެވެ؟ ސިންގަޕޫރުން ރައީސް އަށް މަރުޙަބާ ދެންނެވުމަށް ހައި ކޮމިޝަނަރާއި، ޑެޕިއުޓީ ހައި ކޮމިޝަނަރު އަދި ހައި ކޮމިޝަންގެ މުވައްޒަފުން ވަޑައިގެންނެވި ވާހަކަ ވެސް ރައީސް ވިދާޅުވި އެވެ. ރައީސްގެ އަމިއްލަ ޗުއްޓީ ދަތުރެއްގައި މި ބޭފުޅުން ވަޑައިގެންނެވީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ އެ ބޭފުޅުންގެ އެ ވަގުތުގެ މުސާރަ އާއި، ޚަރަދުގެ ކަންކަން ބެލެހެއްޓެވީ ރައީސްގެ އަމިއްލަ ފައިސާ އިން ހެއްޔެވެ؟
ރައީސްގެ އަމިއްލަ ދަތުރުފުޅު ތަކުގައި ރައީސް އޮފީހުގެ މުވައްޒަފުން ބައިވެރިވާ ވާހަކަ ވިދާޅުވި އެވެ. ޕްރިންޓަރާއި ސްކޭނަރު ގެންދަވާ ވާހަކަ ވެސް ވިދާޅުވި އެވެ. އަމިއްލަފުޅު ދަތުރު ތަކުގައި ގެންދަވަނީ ރައީސް އަމިއްލަ އަށް ފައިސާ ދައްކަވައިގެން ގަނެފައިވާ ޕްރިންޓަރާއި ސްކޭނަރު ހެއްޔެވެ؟ ނުވަތަ ރައީސް އޮފީހުގައި ބޭނުން ކުރާ ޕްރިންޓަރާއި ސްކޭނަރު ހެއްޔެވެ؟
ހަފުތާ ބަންދުގައި ރައީސް އާރަށަށް ވަޑައިގަންނަވަނީ އަމިއްލަ އަށް ޚަރަދު ކުރައްވައިގެން ހެއްޔެވެ؟ ތިން ހަތަރު ލޯންޗު ފުރެންދެން ބޭފުޅުންނާ އެކު އާރަށަށް ވަޑައިގަންނަވާއިރު، އެ ދަތުރު ތަކުގައި ލޯންޗަށް ތެޔޮ އެޅުމާއި ކަންކަން ކުރައްވަނީ ރައީސްގެ އަމިއްލަ ފައިސާ އިން ހެއްޔެވެ؟ ޗުއްޓީ އަށް ރައީސް އާރަށުގައި ހުންނަވާއިރު، ބޭނުން ކުރައްވާ ކަރަންޓާއިި ފެނުގެ ބިލު ދައްކަވަނީ އަމިއްލަ ފައިސާ އިން ހެއްޔެވެ؟ ފަރިއްކުޅުއްވަނީ އަމިއްލަ ފައިސާ އިން ގަނެގެން ތައްޔާރު ކުރާ ކާާނާާ ހެއްޔެވެ؟
މިއީ ހައްތަހާ ވެސް ސުވާާލެވެ. ރައީސް ދެއްކެވި ވާހަކަ ދެކޮޅު ނުޖެހޭ ކަމުގެ ހެއްކެވެ. މިއީ ބައެއް ކަންކަމެވެ. އަމިއްލަފުޅު ދަތުރު ތަކުގައި ނުވަތަ ޗުއްޓީ ތަކުގައި ރައްޔިތުންގެ ލޯ ލާރިއެއް ވެސް ބޭނުން ނުކުރައްވާ ކަމަށް ވާނީ، މި ހުރިހާ ކަމެއްގައި އަމިއްލަ ފައިސާ އިން ޚަރަދު ކުރައްވާ ނަމަ އެވެ.





