ކުރަންވީ ކަމަކީ ރައްޔިތުންނަށް އިިޚުލާސްތެރިވުން!
5 ސެޕްޓެމްބަރު 2026 | ހޮނިހިރު 13:36ސަރުކާރާ މެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އިންތިހާ އަށް އެބަ އޮތެވެ. ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުދި ގިނަ ދުވަސްތަކެއް ވަމުންދާއިރު، ރައްޔިތުންގެ ކަންބޮޑުވުމާއި، ނުތަނަވަސްކަން ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވަމުންނެވެ.


ރައީސް މުއިއްޒު | ރައީސް އޮފީސް
ސަރުކާރާ މެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އިންތިހާ އަށް އެބަ އޮތެވެ. ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުދި ގިނަ ދުވަސްތަކެއް ވަމުންދާއިރު، ރައްޔިތުންގެ ކަންބޮޑުވުމާއި، ނުތަނަވަސްކަން ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވަމުންނެވެ. ސަރުކާރަށް ތިން އަހަރުވާން ކައިރިވެފައިވާއިރު، ސަރުކާރު ގެންނަން މަސައްކަތް ކުރި ގިނަ މީހުން ވެސް މާޔޫސްވެއްޖެ އެވެ.
މިއަދު ރައްޔިތުން އުޅެމުން ދަނީ ދަތި ޙާލުގައި އެވެ. މީގެ ކުރިން ރަށް ރަށުން ލިބެމުން ދިޔަ އެންމެ އާދައިގެ ބޭސް ކޮޅު މިއަދު ނުލިބެ އެވެ. ރަށް ރަށުގައި ހުރި ފާމަސީ ތަކަކީ ނަމެއްގައި ހުރި ތަންތަނަށް ވެއްޖެ އެވެ. އާދައިގެން ހަކުރު ބޭހާއި، ލޭ މައްޗަށް ދާތީ ކާ ބޭހާއި، ހުން އަންނާތީ ކާ ބޭހުން ފެށިގެން ގޮސް، އެންމެ އާދައިގެ ޕެނަޑޯލް ގުޅަ ހޯދުމަކީ ވެސް ދަތި ކަމަަކަށް ވެއްޖެ އެވެ. މިޝަކުވާ ރައްޔިތުން ކުރާތާ ކިތަންމެ ދުވަހެއް ވެއްޖެ އެވެ.
ރަށް ރަށުގައި ފަށާފައި ހުރި ތަރައްޤީގެ މަޝްރޫއުތައް ހުއްޓިއްޖެ އެވެ. ކުރީގެ ސަރުކާރުން މަސައްކަތް ފަށައި، ބޮޑު އިންސައްތައެއް ނިންމާފައިވާ މަސައްކަތްތައް ވެސް އެ ހުރީ އެ ހުރި ހިސާބެއްގައި އެވެ. ފެނާއި ނަރުދަމާގެ މަސައްކަތް ފުރިހަމަ ނުކުރެވި، ދަތި ޙާލުގައި މިއަދު ވެސް އުޅޭ ރައްޔިތުން މަދެއް ނޫނެވެ. ފެނުން ދުވާ ނުބައި ވަހާއި، ނަރުދަމާ ނެތުމުގެ ދަތިކަން ތަހަންމަލު ކުރަމުން އަންނަ ރަށް ރަށް ވެސް މަދެއް ނޫނެވެ.
އިންތިޚާބެއް ބޯމަތިވާއިރަށް، ރައްޔިތުންނަށް ވައުދުތައްވެ، ރައްޔިތުންނަށް ހުވަފެން ދައްކައި، އަދި ރައްޔިތުންނަށް ފޮނި އުންމީދުތަކެއް ދެއްކުން ނޫން އެހެން ކަމެއް ނެތެވެ. އެކަންކަމުގެ މައްޗަށް އިތުރު ވައުދުތައްވެ، ރައްޔިތުންނަށް ކޮށްދޭނެ ކަންތައްތަކުގެ ވާހަކަ ދައްކަވަނީ ސުމާރެއް ނެތި އެވެ. އެކަމަކު، ކޮށްދިން ކަމެއް، އަދި ކޮށްދެވުނު ކަމެއް ވެސް ނެތެ އެވެ. ޝަކުވާ ކުރަނީ ރައްޔިތުންނެވެ. އުދާސްތައް ބަންޑުން ކުރަމުން ދަނީ ވެސް އެ ރައްޔިތުންނެވެ.
ދަންނަވަންތޯ އެވެ. މޮޅެތި ކަންކަން ކުރައްވަން އުޅުއްވުމަކީ، ރައްޔިތުން ޤަބޫލު ކުރާނެ ކަމެއް ނޫނެވެ. ރައްޔިތުންގެ ވިންދާއި، އިޙުސާސް ދަންނަ ކަމަށްވާ ނަމަ، ރައްޔިތުންނަށް ދަތިވެފައި ހުރި ކަންކަން ޙައްލު ކޮށްދެއްވާށެވެ. ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަވައި ދެއްވާށެވެ. ފަސޭހަ އިން ބޭސް ލިބޭނެ ގޮތާއި، ރަށް ރަށުގެ ބަނދަރުތަކާއި، ފެނާއި. ނަރުދަމާ އާއި، ޞިއްޙީ މަރުކަޒުތަކާއި، ސްކޫލް ތަކާއި، މިސްކިތްތައް، ދެން މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ.
އިޚުލާސްތެރިކަން ދައްކަވާށެވެ. ވާހަކަ އަކުން ނޫނެވެ. އަމަލުންނެވެ.









