ބޮޑު ތަފާތަކުން ރާއްޖެ ބަލިކޮށް، މިޔަންމާ އަށް ގުރޫޕުގެ އެއް ވަނަ
7 ސެޕްޓެމްބަރު 2026 | ހޯމަ 01:27އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު މެޗަށް ނުކުތްއިރު، ގުރޫޕުގެ އެއް ވަނަ ލިބެން އޮތީ މި މެޗުން މޮޅުވާ ޓީމަކަށް. އެއީ ދެ ޓީމުން ވެސް ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެފައި އޮތުމުން. އެ މެޗުގައި މިޔަންމާ އިން ވަނީ 6-0 އިން ރާއްޖެ ބަލިކޮށްފައި


ރާއްޖެއާ ދެކޮޅަށް ލަނޑު ޖެހުމަށް ފަހު މިޔަންމާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ | އޭއެފްސީ
އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސްގެ ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި ދިވެހިރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުން ބޮޑު ތަފާތަކުން މޮޅުވެ، މިޔަންމާ އިން ގުރޫޕުގެ އެއް ވަނަ ހޯދައިފި އެވެ.
އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު މެޗަށް ނުކުތްއިރު، ގުރޫޕުގެ އެއް ވަނަ ލިބެން އޮތީ މި މެޗުން މޮޅުވާ ޓީމަކަށެވެ. އެއީ ދެ ޓީމުން ވެސް ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެފައި އޮތުމުންނެވެ. އެ މެޗުގައި މިޔަންމާ އިން ވަނީ 6-0 އިން ރާއްޖެ ބަލިކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި މިޔަންމާ އިން ދެ ލަނޑު ޖެހިއިރު، އަނެއް ހަތަރު ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.
މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ސައި ބޯ ބޯ ޖެހި ލަނޑުން މިޔަންމާ އިން ވަނީ ލީޑު ނަގައިފަ އެވެ. އޭގެ ފަހުން މެޗުގެ 21 ވަނަ މިނެޓުގައި މިޔަންމާގެ ތުރާ މިން ތަންޓު ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފަ އެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި މިން ތަންޓު ވަނީ މިޔަންމާގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާކޮށްފަ އެވެ. މިޔަންމާގެ ހަތަރު ވަނަ ލަނޑަކީ އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި ކިޔާލް ޔައުން ފޮނުވާލި ބޯޅަ، ރާއްޖޭގެ މުހައްމަދު އިލާމް އިމްރާންގެ ފައިގައި ޖެހި ގޯލަށ ވަތް ލަނޑެކެވެ.
މެޗުގެ 70 ވަނަ މިނެޓުގައި ކައުން ކަޓް ވަނީ މިޔަންމާގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް، ސްވަން ޒަރް ނީ ވަނީ މިޔަންމާގެ ހަ ވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގައި ރާއްޖެ އިން ވެސް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ހޯދައިފަ އެވެ.
މޮޅާ އެކު މިޔަންމާ ވަނީ ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓާ އެކު ގުރޫޕުގެ އެއް ވަނަ ހޯދައިފަ އެވެ. ތިން މެޗުން ހަ ޕޮއިންޓާ އެކު ރާއްޖެ އަށް ލިބުނީ ދެ ވަނަ އެވެ. މި ދެ ޓީމަށް ވެސް ވަނީ އޭޝިއަން ކަޕް ކޮލިފައިން ފޭސް އިން ޖާާގަ ހޯދައިފަ އެވެ.










