އެމްޑީޕީގެ ކުއްލި ހަރަކާތެއް، ހަރުގެ ކުރިމަތީގައި އިހުތިޖާޖުކޮށްފި!
29 އޯގަސްޓު 2026 | ހޮނިހިރު 03:16ތަކެތީގެ އަގުބޮޑުވުމާއި ބޭސްފަރުވާގެ ދަތިކަމުގެ އިތުރުން ސަރުކާރުން ގާނޫނުތަކަށް ގެންނަ ބަދަލުތަކާ ދެކޮޅަށް އެމްޑީޕީ އިން އަޑުއުފުލައިފި. ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކާ މެދު ކަންބޮޑުވުން ފާޅުކުރި މި ސުލްހަވެރި އިހުތިޖާޖަށް ފުލުހުން ވަނީ ހުރަސްއަޅާފައި. މި ހަރަކާތުގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކަށް ހައްލު ހޯދައިދިނުމަށް އެ ޕާޓީން ގޮވާލާފައިވޭ


ހުކުރު ދުވަހުގެރޭ އެމްޑީޕީ އިން ކުރި އިހުތިޖާޖުގެ ތެރެއިން | ރާއްޖެއެމްވީ
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އެ ޕާޓީގެ ހަރުގެ ކުރިމަތީގައި އިހުތިޖާޖުކޮށްފި އެވެ.
ހުކުރު ދުވަހުގެރޭ ބޭއްވި މި ކުއްލި ހަރަކާތުގައި އެމްޑީޕީގެ މެންބަރުން ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާފަ އެވެ. އެގޮތުން ރައްޔިތުން މިހާރު ދިރިއުޅެމުންދާ ދަތި ހާލާއި، ތަކެތީގެ އަގުބޮޑުވުމުގެ މައްސަލައާއި ރައްޔިތުންނަށް ބޭސް ނުލިބޭ ކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ.
މީގެ އިތުރުން، ޕީއެންސީގެ ފުލް މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، ގާނޫނުތަކަށް ގެންނަމުންދާ ބަދަލުތަކާއި ރައްޔިތުންނަށް ކަންކަން އޮޅުވާލަމުންދާތީ އެކަމާ ދެކޮޅަށް ވެސް ވަނީ އަޑު އުފުލާފަ އެވެ.
އެމްޑީޕީ އިން އިހުތިޖާޖު ކުރިއަށް ގެންގޮސްފައި ވަނީ ސުލްހަވެރިކަމާއެކުގައި ނަމަވެސް ފުލުހުން ވަނީ މުޅި ސަރަހައްދު ވަށައި ބެރިކޭޑް ޖަހައި، އިހުތިޖާޖުގެ ބައިވެރިންނަށް އެ ސަރަހައްދު ދޫކޮށް ނުދެވޭގޮތަށް، މުޅި ސަރަހައްދު ބަންދުކޮށްފަ އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގައި ހުރިހާ ކަމެއްގައި ދަތިކުރަމުންދާ ކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ. އަދި ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތައް ގެނެސް ކައުންސިލަރުންގެ ބާރު ހަނި ކުރުމަށް ވެސް މަސައްކަތް ކުރާ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. މިހާރު ވެސް ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާއިރު، އަތޮޅު ކައުންސިލްތައް ވަނީ އުވާލާފަ އެވެ. އަދި ކައުންސިލްގެ ފަހު ދައުރު މަސައްކަތް ނުކުރެވޭ ގޮތް ވެސް ވަނީ ހަދާފަ އެވެ.
މިކަމާ ގުޅިގެން ވެސް އެމްޑީޕީ އިން މި ފަހުން އިހުތިޖާޖު ކޮށްފައިވާއިރު، ތަކެތީގެ އަގު އުފުލި، ރައްޔިތުންގެ ހާލަތު ދަށަށް ދަމުން ދިއުމާ ގުޅިގެން 'ދަތިވެއްްޖެ' ނަމުގައި ވެސް އެމްޑީޕީ އިން ވަނީ އިހުތިޖާޖުކޮށްފަ އެވެ.











