އިޤްތިސާދީ ސިޔާސަތުތައް އިސްލާހު ނުކުރާނަމަ، ރައީސް މުއިއްޒު އިސްތިއުފާ ދެއްވަންދެން ސީދާ ޙަރަކާތަށް ނުކުތުމަށް އެމްޑީޕީން ފާސްކޮށްފި
31 އޯގަސްޓު 2026 | ހޯމަ 17:54ސަރުކާރުގެ އިޤްތިސާދީ ސިޔާސަތުތަކުގެ ސަބަބުން ދައުލަތަށާއި ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށް ބުނެ، އެމްޑީޕީން ވަނީ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރާއެކު މަޝްވަރާކުރުމަށް ގޮވާލާފައި. ނަމަވެސް މިކަމަށް އިޖާބަނުދީ އިޤްތިސާދީ ނިންމުންތައް އިސްލާހު ނުކުރާނަމަ، ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވަންދެން މެދުނުކެނޑި ސީދާ ޙަރަކާތް ހިންގުމަށް އެ ޕާޓީގެ ޤައުމީ މަޖިލީހުން ވަނީ ފާސްކޮށްފައި.


އެމްޑީޕީ ޤައުމީ މަޖިލީހުގެ ބައްދަލުވުން | ރާއްޖެ އެމްވީ
ސަރުކާރުގެ މާލީ އަދި އިޤްތިސާދީ ސިޔާސަތުތައް ހަރުދަނާ ނުކުރާނަމަ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މަގާމުން އިސްތިއުފާ ދެއްވަންދެން މެދުނުކެނޑި ސީދާ ޙަރަކާތް ހިންގުމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޤައުމީ މަޖިލީހުން ފާސްކޮށްފި އެވެ.
މިގޮތަށް ފާސްކޮށްފައިވަނީ ހޯމަ ދުވަހުގެރޭ ބޭއްވި އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.
މި ނިންމުން ނިންމާފައިވަނީ ޕާޓީގެ ޗެއާޕަރސަން މުޙައްމަދު ނަޝީދު ހުށަހެޅުއްވި ޤަރާރެއްގެ މައްޗަށް ބަހުސް ކުރުމަށްފަހުގައެވެ. މި ޤަރާރު ފާސްކުރުމަށްޓަކައި ބޭއްވި ވޯޓުގައި، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 34 މެންބަރުންގެ ތެރެއިން 33 މެންބަރުން ވަނީ ޤަރާރު އޮތްގޮތަށް ފާސްކުރުމަށް ތާއީދުކުރައްވާފަ އެވެ.
އެމްޑީޕީން ފާސްކުރި ޤަރާރުގައި ބުނެފައިވަނީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ދޯހަޅި އިޤްތިސާދީ ސިޔާސަތުތަކުގެ ސަބަބުން ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އިންތިހާއަށް ގެއްލުންވަމުންދާ ކަމަށެވެ. އަދި މި ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދު ދުވަހުން ދުވަހަށް ހީނަރުވަމުންދާކަން އެ ޕާޓީން ވަނީ ފާހަގަކޮށްފަ އެވެ.
މީގެ އިތުރުން، ރާއްޖޭގެ މާލީ އަދި އިޤްތިސާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެމްޑީޕީއާއެކު އެއް މޭޒަކަށް އައިސް މަޝްވަރާކުރުމަށް އެ ޕާޓީން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ. އެމްޑީޕީން ބުނީ ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އިޚްލާޞްތެރި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.
ނަމަވެސް، ސަރުކާރުން މިކަމަށް އިޖާބަ ނުދީ، އިޤްތިސާދީ ސިޔާސަތުތައް އިސްލާހު ނުކުރާނަމަ، ރައީސް މުއިއްޒު އިސްތިއުފާ ދެއްވަންދެން މަގުމަތީގެ އެކިއެކި ސީދާ ޙަރަކާތްތައް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އެމްޑީޕީގެ ޤައުމީ މަޖިލީހުން ވަނީ ދީފަ އެވެ.
މި ބައްދަލުވުމުގައި ވާހަކަދެއްކެވި ގިނަ މެންބަރުން ވަނީ ސަރުކާރުގެ އިޤްތިސާދީ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައްޔިތުންގެ ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރައްވާފަ އެވެ.










