ވެމްކޯގައި ހަތަރު އަހަރު ވަންދެން މަސައްކަތް ކުރި ފަހުން ވަޒީފާއިން ކަނޑާލީ އެމްޑީޕީ ދަފްތަރުގައި ނަން އޮތީމަ!
4 ސެޕްޓެމްބަރު 2026 | ހުކުރު 06:28އިގުތިސާދީ ސަބަބުތަކާ ހުރެ ކަމަށް ބުނެ ވެމްކޯގެ ސީނިއަރ އެޗްއާރު އޮފިސަރު އަލީ ސާތިއު ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އެއީ ސިޔާސީ ނުފޫޒުން ނިންމި ނިންމުމެއް ކަމަށް ބުނެ އޭނާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފި. ސާތިއުގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ އިތުރު ދެ މުވައްޒަފަކު ވެސް ވަނީ ވަޒީފާއިން ވަކިކޮށްފައި


ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލު | ވެމްކޯ
ވެމްކޯގައި ހަތަރު އަހަރު ވަންދެން މަސައްކަތް ކުރި ފަހުން ސީނިއަރ ހިއުމަން ރިސޯސް އޮފިސަރު އަލީ ސާތިއު އާދަމް ނަސީރު ވަޒީފާއިން ވަކިކޮށްފި އެވެ.
އޭނާ ވަޒީފާއިން ވަކި ކުރިކަން އަންގައި ވެމްކޯއިން ފޮނުވި ލިއުމުގައި ބުނެފައިވަނީ، އޭނާ ވަކިކުރީ އިގުތިސާދީ ސަބަބުތަކާ ގުޅިގެން ކަމަށާއި، ވަކިކޮށްފައިވަނީ ނޯޓިސް މުއްދަތަށްވާ ފައިސާއާއެކު ވަޒީފާއިން އޭނާ ދޫކޮށްލާ ގޮތަށް ކަމަށެވެ. އަދި އޭނާއަށް ލިބެންޖެހޭ ފައިސާ 1 މަސް ދުވަހުގެ ތެރޭގައި ލިބިގެންދާނެކަމަށް އެ ލިއުމުގައިވެ އެވެ.
އޭނާ އެކްސްގައި ކުރި ޕޯސްޓެއްގައި މިކަން ހާމަކޮށް، ސަރުކާރުގެ މި ފިޔަވަޅަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.
ސާތިއު ބުނީ ސިޔާސީ ގޮތުން ޚިޔާލު ތަފާތުވާ ކޮންމެ މީހެއްގެ ވަޒީފާ ގެއްލުވާލުމަކީ ސަރުކާރު ފެއިލްވެފައިވާ މިންވަރު ހާމަވާ ކަމެއް ކަމަށެވެ. އަދި މަގާމާއި ބާރަކީ އަބަދު ދެމިއޮންނާނެ އެއްޗެއް ނޫން ކަމަށާއި، ވެރިކަން ވެސް ބަދަލުވާނެ ކަމަށާއި، މަގާމުތަކުގައި ތިބި މީހުން ވެސް ބަދަލުވާނެ ދުވަސް މާ ދުރެއް ނޫން ކަމަށް އޭނާ ބުނެފައިވެ އެވެ.
ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލަށް އަމާޒުކޮށް އޭނާ ބުނީ ސިޔާސީ ފިކުރު ތަފާތުވުމުގެ ސަބަބުން މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ބަދަލުގައި، މުވައްޒަފުންގެ މުސާރައިން ޕެންޝަނަށް ކެނޑުމަށްފަހު ޕެންޝަން ފަންޑަށް ޖަމާނުކޮށް އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ފައިސާ ޖަމާކޮށްދިނުން މާ ރަނގަޅުވާނެ ކަމަށެވެ. އަދި އެ ފައިސާއަށް ވާގޮތެއް ސާފުކޮށްދެއްވުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށް އޭނާ ބުނެފައިވެ އެވެ.
ސާތިއު ބުނީ އޭނާއަކީ ސިޔާސީ މަގާމެއްގައި ހުރި މީހެއް ނޫން ކަމަށެވެ. އަދި އޭނާގެ ވަޒީފާގެ އެއްބަސްވުމުގައި ވަކި ޕާޓީއަކަށް ވަނުން މަނާކޮށްފައެއް ވެސް ނެތް ކަމަށެވެ.
ސާތިއުގެ އިތުރުން ވެސް ވެމްކޯގެ އެޗްއާރުގައި މަސައްކަތްކުރި އެމްޑީޕީ ދަފްތަރުގައި ހިމެނޭ އިތުރު ދެ މުވައްޒަފަކު ވެސް ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.











