މި ސަރުކާރަށް ތިން އަހަރުވާއިރު، ބަޖެޓުގެ ގޮތުގައި 170 ބިލިއަން ރުފިޔާ ދީފި، މިއީ ނިމިދިޔަ ފަސް އަހަރުގެ މުޅި ބަޖެޓާ ގާތްކުރާ އަދަދެއް: މެންބަރު ޣަފޫރު
27 އޯގަސްޓު 2026 | ބުރާސްފަތި 06:59ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ގައުމުގެ އިގްތިސާދު ބޮޑު އަނދަވަޅަކަށް ވެއްޓެމުންދާކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެ. ދައުލަތުގެ ޕޭރޯލް ބޮޑުވެ، ޓީބިލާއި ޕެންޝަން ފަންޑުން ފައިސާ ނަގައިގެން މުސާރަ ދޭންޖެހުމަކީ ކަންބޮޑުވުމެއް ކަމަށާއި، ކުންފުނިތަކަށް މުވައްޒަފުން އިތުރުކުރުމުން ފައިދާ ދަށްވެ ޑޮލަރުގެ އަގު އުފުލިފައިވާކަން އޭނާ ފާހަގަކުރެއްވި


ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) | ރާއްޖެ އެމްވީ
މި ސަރުކާރަށް ތިން އަހަރުވީއިރު، ރައްޔިތުންގެ މަޖިލީހުން ބަޖެޓުގެ ގޮތުގައި 170 ބިލިއަން ރުފިޔާ ސަރުކާރާ ހަވާލުކޮށްފައިވާ ކަމަށާއި، މިއީ ނިމިދިޔަ ފަސް އަހަރުގެ މުޅި ބަޖެޓާ ގާތްކުރާ އަދަދެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ، ރާއްޖެއަށް މިއަދު ދިމާވެގެން އުޅޭ އިގްތިސާދީ ދަތި ހާލަތަކީ ސަރުކާރުން ގެންގުޅޭ ފެންނުހިފޭ ސިޔާސަތުތަކުގެ ނަތީޖާ ކަމަށެވެ. އަދި މިއަދު ފެންނަމުންދަނީ މުޅި ގައުމު އިގްތިސާދީ ބޮޑު އަނދަވަޅަކަށް ވެއްޓެމުންދާ މަންޒަރު ކަމަށް އޭނާ ސިފަކުރެއްވި އެވެ.
ޣަފޫރު ވިދާޅުވީ، މި ސަރުކާރަށް ތިން އަހަރުވީއިރު، ރައްޔިތުންގެ މަޖިލީހުން ބަޖެޓުގެ ގޮތުގައި 170 ބިލިއަން ރުފިޔާ ސަރުކާރާ ހަވާލުކޮށްފައިވާ ކަމަށެވެ. މިއީ ނިމިދިޔަ ފަސް އަހަރުގެ މުޅި ބަޖެޓާ ގާތްކުރާ އަދަދެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެހާ ބޮޑު ހޭދައެއް ކުރިއިރު ވެސް އޭގެއިން ރައްޔިތަކަށް ވީ އެއްވެސް ފައިދާއެއް ފެންނަން ނެތް ކަމަށެވެ.
ދައުލަތުގެ ހަރަދުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ، ނިމިދިޔަ ސަރުކާރުގެ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަސް ނިމުނުއިރު ދައުލަތުގެ ޕޭރޯލް ހުރީ އެއް ބިލިއަން ރުފިޔާގައި ކަމަށެވެ. ނަމަވެސް މިހާރު އެ އަދަދު 1.5 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި، މީގެ މާނައަކީ ކޮންމެ އަހަރަކު އިތުރު ހަ ބިލިއަން ރުފިޔާ ސަރުކާރުގެ މުސާރައަށް އެކަނި ހަރަދުވަމުންދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި މިއީ ދައުލަތުގައި ހުރި ފައިސާއެއް ނޫން ކަމަށާއި، މުސާރަ ދިނުމަށް ސަރުކާރުން ބޭނުންކުރަނީ ޓީބިލު ވިއްކައިގެންނާއި ޕެންޝަން ފަންޑުން ނަގާ ފައިސާ ކަމަށް ޣަފޫރު ތުހުމަތު ކުރެއްވި އެވެ.
މީގެ އިތުރުން، ސަރުކާރުގެ މި އަމަލުތަކުގެ ސަބަބުން ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައިވާކަން ޣަފޫރު ފާހަގަކުރެއްވި އެވެ. އަދި ދައުލަތުގެ ކުންފުނިތަކުގެ ފައިދާ 30 އިންސައްތަ އުނިވެފައިވާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 25 އިންސައްތައަކީ ކުންފުނިތަކަށް ބޭނުން ނުވާވަރަށް މުވައްޒަފުން ވެއްދުމުގެ ސަބަބުން ހިނގާ ހަރަދުތައް ކަމަށް އޭނާ ވިދާޅުވި އެވެ.
ޣަފޫރުގެ ވާހަކަ ނިންމަވާލައްމުން ވިދާޅުވީ، ސަރުކާރުން ހިންގާ މިފަދަ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން މުޅި އިގްތިސާދު ފުނޑި، އޭގެ ހުރިހާ ގެއްލުމެއް ލިބެމުންދަނީ އާންމު ރައްޔިތުންނަށް ކަމަށެވެ. އަދި މި ސަރުކާރުގެ ކިބައިގައި ރައްޔިތުންނާ މެދު އެއްވެސް ވަރެއްގެ އިހުލާސްތެރިކަމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.











