މުއިއްޒު ބޭބެ ހާދަ ކޫލް އޭ، އިނގިރޭސި ބަހަށް ހާދަ މޮޅޭ
19 އޯގަސްޓު 2026 | ބުދަ 12:49ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ދަރިވަރުންނާ ބައްދަލުކުރައްވައި ދިވެހި ބަހާއި އިނގިރޭސި ބަސް މަސްހުނިކޮށް ވާހަކަދެއްކެވުމުން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އެމަނިކުފާނަށް އަމާޒުވެއްޖެ. ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ދެއްކެވި މި ވާހަކަފުޅަކީ ގައުމުގެ އެންމެ މަތީ ވެރިޔާގެ ހައިބަތާ ނުގުޅޭ، އަދި ދިވެހި ބަހުގެ ގަދަރަށް އުނިކަން އަންނަ ފަދަ އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުން


ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އުތީމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މުއިއްޒު މާލެ ވަޑައިގަތުމަށް ފުރާވަޑައިގަންނަވާތަނަށް ނެރެފައިވާ ކުޑަކުދިންތަކަކާ ސަލާން ކުރައްވަނީ | ރައީސް އޮފީސް
ވަރަށް ފްރެންޑްލީކޮށް، ވަރަށް ކެޝުއަލް ކޮށް ވާހަކަ ދައްކާލަންވީ. ފީލް ފްރީ ޓު ސޭ އެނީތިންގް....އޯލް ރައުންޑް ޚިދުމަތެއް މި ދެނީ. އެއީ ސްޕިރިޗުއަލް، މެންޓަލް، ފިޒިކަލް.....ޕިޔޯ، އަންއެޑިޓެޑް، ސިންސިއަރ......ސޯޝަލް ފެބްރިކް....ކޮންމެ މީހަކީ އީކުއަލް.....ޑިގްނިޓީ އެއްވަރު.......އަޅުގަނޑަށް ވަރަށް ވެލިއުބަލް، ކޮމެންޓްސް، ކުއެސްޝަންސްރައީސް ޑރ. މުހައްމަދު މުއިއްޒު
ކުއްލިއަކަށް އަމީތާބުގެ "ނަމަކް ހަލާލް" މަތިން ހަނދާން ވެގެން އޭގައި އަމީތާބު އިނގިރޭސިން ވާހަކަ ދައްކަން ކުރާ މަސައްކަތް ހިތައްއެރި އެވެ. އިނގިރޭސިން އެ ކީ ނުކީއެއް ނޭނގުނަސް ހިނިއައިވަރުން އެންމެފަހުން ޖެހުނީ ނިއްވާލާށެވެ. މިއަދު ކުއްލިއަކަށް މި ނަމަކް ހަލާލްގެ މަތިން ހަނދާން ކޮށްދިނީ އަޅުގަނޑުމެންގެ "އެޑިއުކޭޓެޑް" ރައީސް އެވެ.
ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ އިނގިރޭސިވިލާތުން ތައުލީމު ހާސިލު ކުރައްވައިގެން ހުންނެވި ޕީއެޗްޑީ އެއް ވެސް އޮތް "މޮޅު" ބޭފުޅެއް ކަމަށްވެ އެވެ. އިނގިރޭސިވިލާތުން އެހާ މައްޗަށް ކިޔަވާވިދާޅުވެގެން ހުންނެވުމުން "އިންގްލިޝް" އަށް ވެސް މޮޅުވާނެތާ އެވެ. މިކަން މިހެން އޮއްވާ ދާދި ފަހުން އެމަނިކުފާނު މި ވަނީ އެމަނިކުފާނުގެ މޮޅުކަން ދައްކަވާ، ސްކޫލް ދަރިވަރުންތަކަކާ، އިނގިރޭސި ބަހާ ދިވެހި ބަސް މަސްހުނި ކުރައްވައިގެން ވާހަކަތަކެއް ދައްކަވާފަ އެވެ.
ދިވެހިބަހާއި އިނގިރޭސިބަސް މައްސުނިކުރައްވައިގެން ވާހަކަދައްކަވަމުން ދިޔަ އިރު ހަމަ ކޮންމެ ފަހަރަކު ވެސް ހަނދާނަށް އަންނަނީ އަމީތާބެވެ. އިނގިރޭސިވިލާތުން މަތީ ތައުލީމު ހާސިލުކުރައްވައި، ޕީއެޗްޑީ ވެސް ހާސިލުކުރައްވާފައިވާ ގައުމެއްގެ އެންމެ އިސްވެރިޔާ، ޕަބްލިކް ޕްލެޓްފޯމްތަކުގައި އެ ދެއްކެވި ވާހަކަފުޅުތައް ފެނުމުން ހައިރާން ވެސް ވި އެވެ. ޖެންޒީ ސްލޭންގް ބޭނުންކުރައްވައިގެން ޒުވާނުންނަށް "ވަރަށް ކޫލް" މީހަކަށް ވުމަށް ކުރެއްވި މަސައްކަތުން ފެނުނީ ނަމަކް ހަލާލް އެވެ.
އެމަނިކުފާނުގެ ވާހަކަދެއްކެވުމުގައި ކުދިންނާ ގުޅޭގޮތަށް، ނުވަތަ "ކޫލް" ކޮށް ވާހަކަދައްކަން އުޅުއްވި ނަމަވެސް، ވާހަކަދެއްކެވުމުގެ ވައްޓަފާޅިއާއި ބަސްމަގު ހުރިގޮތުން އެކަން ވީ މާ ބޮޑަށް ހެއްވާ ކަމަކަށެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ފަދަ ގައުމެއްގެ އެންމެ މަތީ މަގާމުގައި ހުންނެވި ބޭފުޅަކު ގައުމުގެ ކުޑަކުދިންނާ މުޚާތަބުކުރައްވާއިރު، ގައުމީ ބަހުގެ ހައިބަތާއި މަގާމުގެ ގަދަރަށް ބަލައިގެން ވާހަކަދެއްކެވުމުގެ ބަދަލުގައި، ތިމާގެ އަމިއްލަ އުމުރާ ވެސް ނުގުޅޭ ފާޑަކަށް ބަސްމަގު ބެހެއްޓެވުންވީ މީހުންނަށް ބަލައިގަންނަން އަދި މާ އުނދަގޫ ކަމަކަށެވެ.
ޒަމާނީ އިނގިރޭސިބަހުން ރަނގަޅަށް މުއާމަލާތް ނުކުރެއްވިގެން ނުވަތަ ރީތި ދިވެހި ބަހުން ވާހަކަ ނުދެއްކެވިގެން، ދިވެހި ބަހުގެ ތެރެއަށް އިނގިރޭސި ބަސްތައް ގަދަކަމުން ވައްދައި ނުވަތަ އިނގިރޭސިބަހުގެ ތެރެއަށް ދިވެހިބަސް ވައްދައިގެން އެ އުޅުއްވި މަންޒަރު ފެނުމުން މި ދެއްވަން އުޅުނު މެސެޖެއް ސާފެއް ނުވި އެވެ. މިއަދުގެ ޒުވާނުންނަކީ ދިވެހި ބަހާއި އިނގިރޭސިބަހާ މައްސުނިކޮށްގެން ވާހަކަދައްކައިގެން ނޫނީ އެއްޗެއް ފަހުމު ނުވާނެ ބައެއް ކަމަށް ދެއްކެވީ ކަމެއް، ނޫނީ ތިމަން މަނިކުފާނަކީ މާ މޮޅަށް ކިޔައިވެގެން ހުންނެވި ބޭފުޅެއްގެ ގޮތުގައި އެކުދިން "އިމްޕްރެސް" ކުރަން އުޅުއްވީ އެއްކަމެއް ނޭނގެ އެވެ. ހަމަ ނަމަކް ހަލާލް އެވެ.
މިފަދަ ކަންކަމުގެ ސަބަބުން ގައުމުގެ އެންމެ މަތީވެރިޔާގެ ހައިބަތު ގެއްލި، ރައްޔިތުންގެ މެދުގައި އެމަނިކުފާނަކީ ގާބިލު ނޫން އަދި ހަރުދަނާކަމެއް ހަގީގަތުގައި ނެތް ބޭފުޅެއްގެ ގޮތުގައި ސިފަވެ އެވެ. ގައުމެއްގެ ރައީސަކު ރައްޔިތުންނާ ވާހަކަ ދައްކަވަން ވާނީ ވަރަށް ސާބިތުކަމާއެކު، ގައުމީވަންތަކަން އިސްކޮށްގެންނެވެ. މާދަރީ ބަހަށް އޮތް ގަދަރަށް އުނިކަމެއް ނުގެނެހެވެ. ނަމަވެސް، ރައީސް މުއިއްޒު ޒުވާނުންނާއި އަދުގެ ކުޑަކުދިންނަށް މި ދެއްކެވީ ކޮންކަހަލަ ނަމޫނާ އެއް ހެއްޔެވެ؟ ޚާއްސަކޮށް ގައުމީ ދުވަސް ފާހަގަކުރައްވަން ބޮޑުތަކުރުފާނުގެ އުފަން ރަށަށް ވަޑައިގެން މިހެއްދެވި އެއްޗަކުން އެތައް ބައެއްގެ ފާޑުކިޔުމާއި ނުރުހުން އަމާޒުވުން ނޫން އެހެން ކަމެއް ނުވި އެވެ.
އެއްފަރާތުން ދިވެހިވަންތަކަމާއި ނޭޝަނަލިޒަމްގެ ވާހަކަދައްކަމުން، އަނެއްފަރާތުން ބޭރު ބަސްބަސް ކޮންމެހެން ބޭނުންނުވާ ތަންތަނުގައި ގަދަކަމުން ހިމަނައިގެން "ކޫލް" ވާން އުޅުއްވުން އަސްލު އެހާ “ފަން” އެއް ނޫނެވެ. ފެނިގެން މިދިޔައީ ހަމަ ހަމަ ނަމަކް ހަލާލް އެވެ. ތަފާތަކީ މި ދެ އެޕިސޯޑުގައި އެކްޓުކުރި އެކްޓަރުން ތަފާތުވުމެވެ.









