ސަލީމްބެ ވިދާޅުވަނީ ޚަލީފާއިންގެ ވާހަކަ، ސަލީމްބެގެ ސަރުކާރު މި އުޅެނީ ކިހިނެއް؟
25 އޯގަސްޓު 2026 | އަންގާރަ 10:11ކޮންމެ ދުވަހަކު ސަލީމްބެ ޚަލީފާއިންގެ ވާހަކަ ވިދާޅުވާއިރު، ޚަލީފާއިން ކަންތައް ކުރެއްވި ގޮތާއި މިހާރު ހުންނެވި ވެރިމީހާ ކަންތައްތައް ކުރައްވާ ގޮތް ވެސް ވިދާޅުވެދެއްވުމަކީ އެންމެ ރަނގަޅު ގޮތް


ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް | ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ނައިބު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އަކީ، ޚަލީފާއިންގެ ޒަމާނުގެ ވާހަކަ އެންމެ ގިނައިން ވިދާޅުވާ އެއް ބޭފުޅާ އެވެ. އިހަކަށް ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެސް ސަލީމްބެ ވަނީ އެފަދަ ވާހަކައެއް ވިދާޅުވެފަ އެވެ. އެގޮތުން ޚަލީފާ އިން ވެރިކަން ކުރައްވަމުން ގެންދެވިއިރު، ގަވަރުނަރުން އައްޔަނު ކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް، ޤައުމުގެ ކަންކަން ކުރިއަށް ގެންދިޔުމާއި ޤައުމު އިސްލާހު ކުރުމުގެ ބާާރު ޚަލީފާ އަށް އޮންނަ ކަމަށާއި، ގަވަރުނަރުން ނިންމާ ނިންމުން ބަދަލުކުރުމުގެ އިހުތިޔާރު ޚަލީފާއިންނަށް އޮންނަ ކަމަށް ވިދާޅުވި އެވެ.
އެ ވާހަކަ ސަލީމްބެ ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުންނެވެ. ސަލީމްބެ ވިދާޅުވަނީ، ރަށްރަށުގެ ކައުންސިލްތަކުން ނިންމުމެއް ނިންމި ނަމަވެސް، ވެރިކަމުގައި ހުންނަވާ ރައީސް ބޭނުންފުޅުވާ ގޮތަށް އެކަމެއް ބަދަލު ކުރެއްވޭނެ ވާހަކަ އެވެ. ރަށްރަށުގެ އިހްތިސާސްގައި ހުރި ބިންތަކާއި މުދާތައް ވެސް ރައީސް ބޭނުންފުޅުވީމާ ނެންގެވޭނެ ވާހަކަ އެވެ.
ޚަލީފާއިންގެ ޒަމާނުން މިސާލު ނަންގަވައިގެން ސަަލީމްބެ ވާހަކަ ވިދާޅުވާއިރު، ސަލީމްބެގެ ސަރުކާރުން ކަންތައް ކުރަނީ ކިހިނެއް ހެއްޔެެވެ؟
އުމަރުގެފާނު ޚުތުބާ ވިދާޅުވާން މިންބަރަށް އަރައިވަޑައިގެންނެވިއިރު، ތުރުކުރައްވައިގެން ހުންނެވި ހެދުން ކޮޅުގެ ވާހަކަ އަކީ މަޝްހޫރު ވާހަކަ އެވެ. އުމަރުގެފާނު ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅަކީ، އެކަލޭގެފާނަށް ލިބިވަޑައިގެންނެވި ފޮތިކޮޅު ކުޑަކަމުން އެގޮތަށް ހެދުން ފެހުނުތޯ ސުވާލު ދެންނެވުމުން، އެ ސުވާާލަށް ޖަވާބު ދެއްވާފައި ނޫނީ ޚުތުބާ ވިދާޅުވުން ކުރިއަށް ނުގެންދެއްވި އެވެ. އެއީ އެކަލޭގެފާނުގެ ދަރިކަލުންނަށް ލިބުނު ފޮތިކޮޅާ އެއްކޮށްލައިގެން ފެއްސެވި ހެދުން ކޮޅެއް ކަމަށް އަވަހަށް ސާފު ކޮށްދެއްވި އެވެ.
އުމަރު ބިން ޢަބްދުލް ޢަޒީޒް ބައްތި ދިއްލަވައިގެން މަސައްކަތް ކުރައްވަން އިންނަވަނިކޮށް، އަމިއްލަ ކަމެއްގައި ވާހަކަ ދައްކަވަން ބޭފުޅަކު ވަޑައިގެންނެވި އެވެ. އެވަގުތު ބައްތި ދިއްލާފައި ހުރީ ދައުލަތުގެ މަސައްކަތެއް ކުރުމަށް، ދައުލަތުގެ ފައިސާ އިން އަޅާފައިވާ ތެލުން ކަަމަށްވާތީ، ދައުލަތުން ތެޔޮ އަޅާފައިވާ ބައްތި ބޭނުން ކޮށްގެން އަމިއްލަ ވާހަކައެއް ނުދައްކަވަން ބައްތި ނިއްވާލެއްވި އެވެ.
އަނެއް ހާދިސާއެއްގައި އުމަރު ބިން ޢަބްދުލް ޢަޒީޒްގެ އަނބިކަނބަލުން ކުދިންނަށް އައު ހެދުން ކޮޅެއް ހޯއްދަވަން ބޭނުންފުޅު ވެގެން އެ ވާހަކަ ދެންނެވުމުން، ފައިސާ ނެތް ކަމަށް ވިދާޅުވި އެވެ. އެއާ އެކު އަނބިކަނބަލުން އަންނަ މަހުގެ މުސާރަ އެޑްވާންްސްކޮށް ނަންގަވަން އެދިވަޑައިގަތުމުން، މާލީ ކަންކަން ބަލަހައްޓަވާ ބޭފުޅާ އަށް ސިޓީ އެއް ފޮނުއްވި އެވެ. މުސާރަ އެޑްވާންސްކޮށް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި، ކުދިންނަށް ހެދުން ކޮޅެއް ގަންނަން ބޭނުންފުޅު ވާހަކަ ލިޔުއްވި އެވެ.
ފޮނުއްވި ސިޓީގެ އަނެއް ފުށުގައި މާލީ ކަންކަމާ ހަވާލުވެ ހުންނެވި ބޭފުޅާ ލިޔުއްވީ، އަންނަ މަހުގެ މުސާރަ އެޑްވާންސް އަށް ދެއްވާއިރު، އެކަލޭގެފާނު ދުނިޔޭގައި ހުންނަވާނެ ކަމުގެ ޔަޤީންކަމެއް ދެއްވުމަށެވެ. އޭރުން ފައިސާ ދެއްވާނެ ކަމަށެވެ. އެއާ އެކު އެ ވާހަކަ ނިންމަވައި ލެއްވީ އެވެ.
ސަލީމްބެގެ ސަރުކާރުން ކަންތައް ކުރަނީ އެހެން ހެއްޔެވެ؟ ޕެންޝަން ފަންޑުގައި ހުރި ފައިސާ ނެގުމާ ދެކޮޅަށް އެ ބޯޑުގެ މެމްންރުން ތެދުވުމުން، އެތަނުގައި ތިބި އެންމެން ވަޒީފާއިން ކަނޑާލާފައި، އަތް އަނބުރާލައިގެން ފައިސާ ކޮޅު ނަގަނީ ނޫން ހެއްޔެވެ؟ އެމްއެމްއޭ އިން ބޭނުންހާ ގޮތެއް ނުހެދުނީމާ، މިނިސްޓަރު ފެންވަރުގައި އެޑްވައިޒަރަކަށް ހުންނެވި ބޭފުޅާ މިއަދު އެ ހުންނެވީ ގަވަރުނަރުގެ މަގާމުގައި އެވެ.
އަބޫބަކުރުގެފާނުގެ ޚަލީފާކަމުގައި އެކަލޭގެފާނު ކޮންމެ ރެޔެއްގެ ފަތިސް ނަމާދުން ފައިބައިވަޑައިގެން ރަށް ބޭރަށް ވަޑައިގަންނަވާ މަންޒަރު، އުމަރުގެފާނަށް ފެނިވަޑައިގެންނެވުމުން، އަބޫބަކުރުގެފާނު އެ ވަޑައިގަންނަވާ ތަނެއް ބައްލަވަން ބޭނުންފުޅުވި އެވެ. ތަންކޮޅެއް ދުރުން ހިންގަވާފައި ވަޑައިގެންނެވިއިރު، އަބޫބަކުރުގެފާނު ވަޑައިގަންނަވަނީ ތަންކޮޅެއް ދުރުގައި ހުރި ޖިފުޓި ގަނޑަކަށެވެ. ވަރަށް ގިނައިރު ފަހުން އެކަލޭގެފާނު ނުކުމެވަޑައިގެންނެވުމުން، އުމަރުގެފާނު އެ ޖިފުޓިގަނޑަށް ވަޑައިގެން ސަލާމް ވިދާޅުވި އެވެ.
އެއާ އެކު ލޯފަން މުސްކުޅި އަންހެނަކު ނުކުތުމުން އުމަރުގެފާނު އެއްސެވި އެވެ. މި ތަނުން ދެންމެ އެ ވަޑައިގެންނެވީ ކޮން ބޭފުޅެއް ހެއްޔެވެ؟ ޖަވާބުގައި އެ އަންހެން މީހާ އެއީ ކާކުކަން ނޭނގޭ ކަމަށް ބުނުމާ އެކު، އެ ބޭފުޅަކު އެ ޖިފުޓިގަނޑަށް ވަޑައިގެން ކުރެއްވީ ކޮން ކަމެއްތޯ އުމަރުގެފާނު އެއްސެވި އެވެ. އަންހެން މީހާ ބުނީ، އެ ބޭފުޅަކު ކޮންމެ ދުވަހަކު އައިސް އެ ޖިފުޓިގަނޑު ފޮޅައި ސާފުކޮށް، އެއްޗެހި ދޮވެދީ އަދި ކައްކާދީފައި ދާ ކަމަަށެވެ. އެއީ ކޮން ބޭފުޅެއްކަން އެ އަންހެން މީހާއަކަށް ނޭނގެ އެވެ.
ސަލީމްބެ އެވެ. މިހާރު އެހެން ހެއްޔެވެ؟ ޤައުމުގެ ރައީސް ރައްޔިތުންނާ އެ ބައްދަލުކުރައްވަނީ ހަތަރު ފަރާތުން ކެމެރާ އަޅުއްވައިގެން، ރައްޔިތުން އެ ހިއްސާކުރާ ހުރިހާ ޝުއޫރުތަކެއް މުޅި ޤައުމުގެ ކުރިމަތީގައި ލައިވްކުރައްވާ ދުރަށް ދައްކަވައިގެންނެވެ. ފޮޓޯ އާއި ވީޑިއޯ ނަގަމުންދާއިރު، ރައްޔިތުން ދައްކާ ހުރިހާ ވާހަކައެއް މުޅި ޤައުމުގެ ކުރިމަތީގައި އެ ހުރީ ހާމައަށް ފެންނާށެވެ. މިއީ ޚަލީފާއިންގެ ދައުރުގައި ރައްޔިތުންގެ އިހުސާސް އަޑު އެއްސެވި ގޮތް ހެއްޔެވެ؟
ކޮންމެ ދުވަހަކު ސަލީމްބެ ޚަލީފާއިންގެ ވާހަކަ ވިދާޅުވާއިރު، ޚަލީފާއިން ކަންތައް ކުރެއްވި ގޮތާއި މިހާރު ހުންނެވި ވެރިމީހާ ކަންތައްތައް ކުރައްވާ ގޮތް ވެސް ވިދާޅުވެދެއްވުމަކީ އެންމެ ރަނގަޅު ގޮތެވެ.









