ކޯފާވެގެން ހަޅޭ ފަޅޭ ޖެއްސެވިޔަސް ކަމަކު ނުދާނެ، އިސްލާޙު ވެވަޑައިގަންނަވަންވީ އަމިއްލަފުޅަށް!
11 އޯގަސްޓު 2026 | އަންގާރަ 09:57ރައީސް އެވެ. ޚަރަދު ބޮޑީ އެވެ. މަނިކުފާނު އާރަށަށް ތިޔަ ކުރައްވާ ޚަރަދުން ފެށިގެން ގޮސް، މިނިސްޓަރުން އެ އުޅުއްވާ ދިރިއުޅުމުގެ ޚަރަދު ބޮޑީ އެވެ. މަޖާ ކުރެއްވުމާއި މުނިފޫހިފިއްލެވުމަށް ތިޔަ ކުރައްވާ ޚަަރަދުން ފެށިގެން، ޕާޓީ ކުދިންކޮޅު ހިތްހަމަޖައްސަން ތިޔަ ދެއްވާ ވަޒީފާތަކަކީ ވެސް ލައްކަ ޚަރަދު ނޫން ތޯ އެވެ؟ ރައީސް އެވެ. ހެޔޮ ނިޔަތުގައި ދަންނަވަން ތޯ އެވެ؟ ކޯފާ އިސް ނުކުރައްވާށެވެ. ދެ ލޯ މަރާފައި ވިޔަސް، ޚަރަދު ކުޑަ ކޮށްލައްވާށެވެ


ކެބިނެޓުގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު އާއި ވަޒީރުން ބައިވެރިވެ ވަޑައިގަންނަވަނީ | ރައީސް އޮފީސް
އާދީއްތަ ދުވަހު އޮތް ކެބިނެޓު ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާ، މިނިސްޓަރުންނާ ވާހަކަފުޅު ދެއްކެވި ކަމުގެ ޚަބަރުތައް އޮތީ ފެތުރިފައި އެވެ. ސަރުކާރުން ހިންގާ ޕްރޮޖެކްޓުތައް ކުރިއަށް ނުދާ މައްސަލަ އާއި ޕްރޮޖެކްޓުތަކަށް ފައިސާ ނުލިބޭ މައްސަލައިގައި، ރައީސް ވަރަށް ބޮޑަށް ނުރުހުން ވެވަޑައިގެން ހުންނަވައި މިނިސްޓަރުންނާ ވާހަކަފުޅު ދެއްކެވި ކަމަށް ޚަބަރުތައް ބުނެ އެވެ. އަދި އާންމުކޮށް ކެބިނެޓުގެ ބައްދަލުވުން ނިންމަވާލައްވާ ގަޑިއަށް ވުރެ އަވަހަށް ނިންމަވާލެއްވުމަށް ފަހު، ރައީސް ވަޑައިގެންނެވި ކަމަށް ވެސް ބުނެ އެވެ.
ރައީސް އެވެ. ކޯފާ އިސްކުރައްވާނެ ކަމެއް ނެތެވެ. ރުންކުރުވެ ހުންނަވާ ވާހަކަފުޅު ދައްކަވާނެ ކަމެއް ވެސް ނެތެވެ. ހަމަ ކޯފާާވެ ވަޑައިގަންނަވާއިރަށް، ކެބިނެޓުގެ ބައްދަލުވުން ނިންމަވާލެއްވުމަށް ފަހު ވަޑައިގެންނެވިޔަސް ކަންކަން ޙައްލެއް ނުވާނެ އެވެ. މިނިސްޓަރުންނާ ދިމާލަށް ކޯފާވެ ވަޑައިގެން ކޮންމެ އެއްޗެއް ވިދާޅުވި ނަމަވެސް، އަސްލު މައްސަލައެއް ޙައްލެއް ނުވާނެ އެވެ. ތިޔައީ މިއަދު ނޫނީ އިއްޔެއަކު ދިމާވެގެން އުޅޭ މައްސަލައެއް ވެސް ނޫނެވެ. ވެރިކަން ފެށުނީއްސުރެ އޮތީ ތިޔަ މައްސަލަ އެވެ.
ރައީސް އެވެ. ފައިސާ ނެތީ ކީއްވެގެންކަން އަޅުގަނޑުމެންނަށް ސާފުވެ އެވެ. ވެރިކަމަށް ވަޑައިގެންނެވި ގޮތަށް ގިއްކިޔާފައި ބޭކާރު ޚަރަދުތައް ކުރެއްވީ ކޮންބޭފުޅެއް ހެއްޔެވެ؟ ދެ ނޭވާ ދޭތެރެއިން ރާއްޖެ އިން ބޭރުގެ އެކި އެކި ޤައުމު ތަކަށް ވަޑައިގެން، ރީތިވިހާ ތަންތަން ބައްލަވަން ވަޑައިގެންނެވީ ކޮން ފައިސާ އަކުން ހެއްޔެވެ؟ އަރިހުގައި ގެންދެވި ބޮޑު ވަފުދުގެ ޚަރަދުތައް ކުރެއްވީ ކޮން ފައިސާ އަކުން ހެއްޔެވެ؟ އެކަމަކު، އެއިން ދަތުރަކުން ރާއްޖެ އަަށް އެންމެ ޑޮލަރު ގަނޑެއް ވެސް ލިބުނު ހެއްޔެވެ؟
ރައީސް އެވެ. ވެރިކަމަށް ވަޑައިގެންނެވީ އެތައް ކަމެއް ހަމަޖެހިގެން ކަމަށް ވިދާޅުވީ ކޮން ބޭފުޅެއް ހެއްޔެވެ؟ ކަރުން ހަތަރު ނާރު ހިލުއްވާ ލައްވަވައި، އަޑު ފުޅަށް ބާރު ލައްވާފައި އެހެން ވިދާޅުވީ ކޮން ބޭފުޅެއް ހެއްޔެވެ؟ ވެރިކަމަށް ވަޑައިގެންނެވި ފަހުން ޤައުމަކުން ހިލޭ އެހީ ކީއްކުރަންތޯ، ލޯނު ގަނޑެއްގެ މިންވަރު ވެސް ނުދިނީ ކީއްވެ ހެއްޔެވެ؟ އެކަން އެހެން ވާން ޖެހުނީ ކޮން ބައެއް ކުރި ކަމަކުން ހެއްޔެވެ؟ ދަރަނި ދައްކަން ޖެހޭ ކަމަށާއި، ބޭކާރު ޚަރަދު ކުރުމަކީ އިޤްތިޞާދު ފުނޑު ފުނޑުވާނެ ކަމެއްކަން އެނގިވަޑައިގެން ހުންނަވައި، އިންތިހާ އަށް ޚަރަދު ކުރައްވަމުން ގެންދެވީ އެއްވެސް މިނެއް، އިމެއް އަދި ސުމާރެއް ނެތި އެވެ.
ރައީސް އެެވެ. ސަރުކާރުގެ ޚަރަދު ބޮޑީ އެވެ. ދައުލަތް ހިންގުމަށް ކުރަން ޖެހޭ ޚަރަދު އެ ހުރީ އެންމެ އުހުގައި އެވެ. އެންމެ ފަހުން މިދިޔަ ޖުލައި މަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީ އިން ނެރުނު ރިޕޯޓަށް ބެއްލެވި ނަމަވެސް، ފެންނަން އޮތީ އެކަން ނޫން ތޯއެވެ؟ ޖުލައި މަހުގެ 23 ގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ދައުލަތަށް 24.1 ބިލިއަން ދިވެހި ރުފިޔާ ލިބުނުއިރު، ދައުލަތުގެ ޖުމުލަ ޚަރަދު ހުރީ 25.5 ބިލިއަން ރުފިޔާގައި އެވެ.
މި އާމްދަނީގެ ތެރެއިން ހިނގަމުންދާ ޚަރަދު ނުވަތަ އެކްސްޕެންޑިޗަރ އަށް 22.3 ބިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފައި އެވެ. އޭގެ ތެރެއިން ވެސް މުސާރަ އާއި އިނާޔަތް ތަކަށް 8.5 ބިލިއަން ރުފިޔާ ވަނީ ހޭދަ ކޮށްފައި އެވެ. އިދާރީ އަދި ހިންގުމުގެ ޚަރަދުގެ ގޮތުގައި 13.7 ބިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފައި އެވެ. މިއީ ފިނޭންސް މިނިސްޓްރީގެ ހިސާބު ތަކުން ފެންނަން ހުރި އަދަދު ތަކެވެ.
ރައީސް އެވެ. ޚަރަދު ބޮޑީ އެވެ. މަނިކުފާނު އާ ރަށަށް ތިޔަ ކުރައްވާ ޚަރަދުން ފެށިގެން ގޮސް، މިނިސްޓަރުން އެ އުޅުއްވާ ދިރިއުޅުން ތަކުގެ ޚަރަދު ބޮޑީ އެވެ. މަޖާ ކުރެއްވުމާއި، މުނިފޫހި ފިއްލެވުމަށް ތިޔަ ކުރައްވާ ޚަަރަދުން ފެށިގެން، ޕާޓީ ކުދިން ކޮޅު ހިތްހަމަ ޖައްސަން ތިޔަ ދެއްވަމުން ގެންދަވާ ވަޒީފާ ތަކަކީ ވެސް ލައްކަ ޚަރަދު ނޫން ތޯއެވެ؟ ރައީސް އެވެ. ހެޔޮ އެދުމުގެ ނިޔަތުގައި ބުނެލަން ހެއްޔެވެ؟ ކޯފާ އިސް ނުކުރައްވާށެވެ. ދެ ލޯ މަރާލައްވަވާފައި ވިޔަސް، ޚަރަދު ކުޑަ ކޮށްލައްވާށެވެ.









