ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި
5 ސެޕްޓެމްބަރު 2026 | ހޮނިހިރު 09:48އެފްރިކާ ބައްރުގެ ހަގީގީ ބޮޑުމިން އޮޅޭގޮތަށް ކުރަހާފައިވާ "މާކޭޓާ" ޗާޓުގެ ބަދަލުގައި، ސައްހަ މައުލޫމާތު ހިމެނޭ އައު ޗާޓެއް ބޭނުންކުރުމަށް 164 ގައުމެއްގެ ތާއީދާއެކު އދ. އިން ވަނީ ފާސްކޮށްފައި. މި ނިންމުމަކީ އެފްރިކާގެ ވަސީލަތްތަކާއި ފުރުސަތުތަކާ މެދު ދުނިޔެ ދެކޭގޮތް ބަދަލުކޮށް، ޒަމާނުއްސުރެ އޮތް އޮޅުވާލުންތައް އިސްލާހުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެފްރިކާގެ ގައުމުތަކުން ބުނޭ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރަމުން އަންނަނީ "މާކޭޓަރ ޕްރޮޖެކްޝަން" މެޕް ނުވަތަ ޗާޓު ކަމަށްވީ ނަމަވެސް، މި ޗާޓުން ގައުމުތަކާއި ބައްރުތަކުގެ އަސްލު ބޮޑުމިން ސައްހަގޮތެއްގައި ދައްކުވައެއް ނުދޭ | ބީބީސީ
އެފްރިކާ ބައްރުގެ އަސްލު ބޮޑުމިން ދައްކުވައިދޭ ދުނިޔޭގެ އައު ޗާޓެއް ބޭނުންކުރުމަށް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި އެވެ.
ޓޯގޯއިން ހުށަހަޅައި، އެފްރިކަން ޔޫނިއަން (އޭޔޫ) ގެ މެންބަރު ގައުމުތަކުން ތާއީދުކުރި "ކަރެކްޓް ދަ މެޕް" ނުވަތަ ޗާޓު އިސްލާހުކުރުމުގެ ގަރާރު ފާސްވީ ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތް ހިމެނޭހެން 164 ގައުމެއްގެ ތާއީދާއެކުގަ އެވެ. މި ގަރާރާ ދެކޮޅަށް ވޯޓު ދިން ހަމައެކަނި ގައުމަކީ އެމެރިކާ އެވެ. އަދި ހަ ގައުމަކުން ވަނީ ވޯޓުގައި ބައިވެރިނުވެ ވަކިފަރާތަކަށް ނުޖެހި ތިބެފަ އެވެ.
އދ. އިން ފާސްކުރި މި ނިންމުމަކީ ގައުމުތަކުގެ މައްޗަށް މަޖުބޫރު ނިންމުމެއް ނޫން ނަމަވެސް، މީގެ ސަބަބުން ދުނިޔޭގެ އެކި މުއައްސަސާތަކުން ބޭނުންކުރާ ޗާޓުތަކަށް ބަދަލުތަކެއް އަންނާނެ އެވެ.
16 ވަނަ ގަރުނުން ފެށިގެން އާންމުކޮށް ބޭނުންކުރަމުން އަންނަ "މާކޭޓާ" ޗާޓަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އެއީ އެފްރިކާ ބައްރަކީ ގްރީންލޭންޑާ އެއްވަރުގެ ތަނެއްގެ ގޮތުގައި އެ ޗާޓުން ދެއްކި ނަމަވެސް، ހަގީގަތުގައި އެފްރިކާއަކީ ގްރީންލޭންޑަށްވުރެ 14 ގުނަ ބޮޑު ބައްރަކަށް ވާތީ އެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، މިގޮތަށް ޗާޓު ކުރެހުމުގެ ސަބަބުން ދުނިޔޭގެ މެދުތެރޭގައި ނުވަތަ އީކުއޭޓަރާ ކައިރީގައިވާ ގައުމުތަކުގެ ތަރައްގީގެ ބޭނުންތަކާއި އެ ގައުމުތަކުގައި ހުރި ފުރުސަތުތަކަށް ދެވޭ ސަމާލުކަން ކުޑަވެގެންދެ އެވެ.
މާކޭޓާ ޗާޓަކީ 1569 ވަނަ އަހަރު ފްލެމިޝް މެޕް ކުރެހުންތެރިއެއް ކަމަށްވާ ޖެރާޑަސް މާކޭޓާ، ޔޫރަޕްގެ ދަތުރުވެރިންނަށް ދުނިޔޭގެ ކަނޑުތަކުގައި ދަތުރުކުރުމަށް އެހީތެރިވުމުގެ ގޮތުން ފަރުމާކުރި ޗާޓެކެވެ.
މި ޗާޓުގައި ބިންތަކުގެ ބޮޑުމިން އޮޅުންބޮޅުންވެފައި ވަނީ، އެއްވެސް އުނިކަމެއް ނެތި ދެ ޑައިމެންޝަން ކޮށް ދުނިޔޭގެ ސަތަހަ ސައްހަކޮށް ކުރެހުމަކީ ނުކުރެވޭނެ ކަމަކަށް ވާތީ އެވެ.
އެހެންކަމުން ދުނިޔޭގެ ޗާޓެއް ކުރަހާ ކޮންމެ ފަހަރަކުވެސް، ބައެއް ކަންކަމުގައި ދޫދޭން ޖެހެ އެވެ.
މާކޭޓާ ޗާޓުގައި ދުނިޔޭގެ ގައުމުތަކުގެ ބައްޓަން ހަމަޖެއްސުމަށްޓަކައި، އީކުއޭޓަރާ ކައިރީގައިވާ ގައުމުތައް ހަގީގީ ބޮޑުމިނަށްވުރެ ކުޑަކޮށް ދައްކާފައިވާއިރު، ދުނިޔޭގެ ދެ ތަނޑިއާ ކައިރި ގައުމުތައް ދައްކާފައިވަނީ މާ ބޮޑުކޮށެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި، 2018 ވަނަ އަހަރު ޗާޓު ކުރަހާ މާހިރުންގެ ޓީމަކުން ވަނީ "އީކުއަލް އާތު ޕްރޮޖެކްޝަން" ގެ ނަމުގައި، ބިންތަކުގެ ބޮޑުމިން ހަމަހަމަކޮށްދޭ ޗާޓެއް ތައްޔާރުކޮށްފަ އެވެ.
މިދިޔަ ފެބްރުއަރީ މަހު އެފްރިކަން ޔޫނިއަންގެ 54 މެންބަރު ގައުމުން ވަނީ މި ޗާޓު ބަލައިގެންފަ އެވެ. އެ އިއްތިހާދުން ބުނި ގޮތުގައި މި ޗާޓުން ހުރިހާ ބައްރުތަކެއްގެ، ހާއްސަކޮށް އެފްރިކާގެ ބޮޑުމިން، މާ ސައްހަކޮށް ދައްކުވައިދެ އެވެ.
އޮންލައިން ކެމްޕޭން ގްރޫޕެއް ކަމަށްވާ #CorrectTheMap އިން ބުނި ގޮތުގައި، އެމެރިކާ، ޗައިނާ، އިންޑިއާ، ޖަޕާން، މެކްސިކޯ އަދި ޔޫރަޕްގެ ބޮޑު ބައެއް އެފްރިކާގެ ތެރެއަށް ލުމަށްފަހުވެސް އެ ބައްރުގައި ހުސް ބިން އިތުރަށް އޮންނާނެ އެވެ.
ހުކުރު ދުވަހުގެ ވޯޓުގެ ކުރިން، ޓޯގޯގެ ފޮރިން މިނިސްޓަރު ރޮބަޓް ޑޫސޭ ރޮއިޓާސް ނިއުސް އެޖެންސީއަށް ވިދާޅުވީ، އިންސާފުވެރި ދުނިޔެއެއް ފެށެނީ އިންސާފުވެރި ޗާޓަކުން ކަމަށެވެ.
މީގެ ކުރިން އދ. ގެ ބްރީފިންއެއްގައި އޭނާ ވިދާޅުވީ، ޗާޓަކީ ދުވަހަކުވެސް ވަކިފަރާތަކަށް ނުޖެހޭ އެއްޗެއް ނޫން ކަމަށާއި، އެއީ މީހުންގެ ވިސްނުން ބައްޓަންކޮށް، ދުނިޔޭގައި އެކި ގައުމުތަކާއި ބައްރުތަކަށް ދެވިފައިވާ މަގާމު ދެނެގަތުމަށް ނުފޫޒު ފޯރުވާ އެއްޗެއް ކަމަށެވެ.
ފަރަންސޭސި ފޮރިން މިނިސްޓަރު ޖީން-ނޮއެލް ބަރޯ ވެސް ވަނީ މިކަމަށް ތާއީދުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ފްރާންސުން މާކޭޓާ ޗާޓު ބޭނުންކުރުން ހުއްޓާލާނެ ކަމަށެވެ. "ޗާޓު ބަދަލުކުރުމަކުން ދުނިޔެއެއް ބަދަލެއް ނުވާނެ. އެކަމަކު ހަގީގަތް އޮޅޭ ގޮތަށް ކުރަހާފައިވާ ކުރެހުމެއް އިސްލާހުކުރުމަކީ ހަގީގަތާ ކުރިމަތިލުމަށް ކުރެވޭ މުހިންމު ކަމެއް،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އދ. ގައި ހުންނަވާ އެމެރިކާގެ މަންދޫބު ޔަރީނާ ފެރެންސެވިޗް ވިދާޅުވީ، މި ގަރާރަކީ އދ. ގެ އާންމު މަޖިލީހުގެ މަސައްކަތާއި މަގްސަދަށް ކުރި މަލާމާތެއް ކަމަށެވެ.
އޭނާ ވިދާޅުވީ، ބައިނަލްއަގުވާމީ ސުލްހައާއި، ތަނަވަސްކަމާއި، ނުވަތަ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ފަދަ ހަގީގީ މައްސަލަތަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، މި މަޖިލީހުން ބަހުސް ކުރަމުންދަނީ 16 ވަނަ ގަރުނުގެ ޗާޓުތަކާއި، އެ ޗާޓުތަކުން ބަދަލު ހޯދައިދިނުމާއި 'ވިސްނުމުގެ އިންސާފު' ގާއިމުކުރުމާ ބެހޭގޮތުން ކަމަށެވެ.
މިދިޔަ މާރިޗު މަހު، އެޓްލާންޓިކް ހުރަސްކޮށް ހިންގި އަޅުވެތިކަމުގެ ވިޔަފާރިއަކީ "އިންސާނިއްޔަތާ ދެކޮޅަށް ހިންގި އެންމެ ބޮޑު ޖަރީމާ" ކަމަށް ކަނޑައަޅައި ގަރާރެއް ފާސްކުރި އިރުވެސް އެމެރިކާއިން ވަނީ އެކަމަށް ފާޑުކިޔާފަ އެވެ.
މާކޭޓާ ޗާޓު ދޫކޮށްލުމަށް މަސައްކަތްކުރާ އެއް ގްރޫޕް ކަމަށްވާ "އެފްރިކާ ނޯ ފިލްޓާ" ގެ ލެރާޓޯ މޮގޮއަތުލޭ ބީބީސީއަށް ބުނި ގޮތުގައި، ދުނިޔޭގެ ޗާޓުތަކުގައި އެފްރިކާ ނުބައިކޮށް ދެއްކުމަކީ ހަމައެކަނި ކުރެހުމުގެ ކުށެއް ނޫން ކަމަށާއި، އެއީ މުޅި ބައްރުގެ ތަަސްވީރު އޮޅުވާލުމުގެ މައްސަލައެކެވެ.
އޭނާ ބުނި ގޮތުގައި މިއީ އެފްރިކާއާ ބެހޭގޮތުން ދުނިޔޭގައި އެންމެ ގިނަ ދުވަސްވަންދެން ފަތުރަމުންދާ ދޮގު މައުލޫމާތުތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.
ކެންޔާގެ ޖިއޮގްރަފީ މާހިރެއް ކަމަށްވާ ކިއޯކޯ މުއެންޑޯ ދެކޭގޮތުގައި، މާކޭޓާ ޗާޓުގެ ސަބަބުން އެފްރިކާ ބައްރުގެ މުއްސަނދި ވަސީލަތްތަކާއި، އާބާދީ އަދި އިންވެސްޓްމަންޓްގެ ފުރުސަތުތަކުގެ އަގު ވަނީ ނުސީދާ ގޮތެއްގައި ވައްޓާލާފަ އެވެ.
"ޗާޓުތަކަކީ ހަމައެކަނި ދަތުރުވެރިންނަށް މަގު ދައްކައިދޭ އެއްޗެއް ނޫން. އެއީ ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން އެކި ސަރަހައްދުތަކާ މެދު މީހުން ދެކޭގޮތް ބައްޓަންކޮށްދޭ އެއްޗެއް،" އޭނާ ބީބީސީއަށް ކިޔައިދިނެވެ.
މަސްދަރު: ބީބީސީ










