އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ޖަރުމަނަށް ނާކާމިޔާބުވީ އިޒްރޭލާއި ޔޫކްރެއިނަށް ތާއީދުކުރާތީ ކަމަށް އެ ގައުމުން ބުނެފި
އދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެންބަރުކަމަށް ވާދަކޮށް ޖަރުމަނުވިލާތް ނާކާމިޔާބުވުމަކީ އެ ގައުމުގެ ޚާރިޖީ ސިޔާސަތަށް ލިބުނު ބޮޑު ހީނަރުކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައި. މި އިންތިޚާބުގައި ޕޯޗުގަލް އާއި އޮސްޓްރިއާ ގޮނޑިތައް ކާމިޔާބުކުރިއިރު، ޖަރުމަނުގެ ނާކާމިޔާބީގެ ފަހަތުގައި ރަޝިޔާގެ ނުފޫޒާއި ޔޫކްރެއިން އަދި އިޒްރޭލަށް އެ ގައުމުން ކުރާ ތާއީދު ހިމެނޭ ކަމަށް އެ ގައުމުގެ އިސްވެރިން ތުހުމަތުކުރައްވާ.

ޕޯޗުގަލް އާއި އޮސްޓްރިއާގެ ކުރިމަތީގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމަކީ "ހިތްދަތި ބައްޔެއް" ކަމަށް ޔޯހަން ވަޑެފުލް ސިފަކުރެއްވި. | ގެޓީ އިމޭޖަސް
އދ. ގެ ސަލާމަތީ މަޖިލީހުގެ ދައުރުވާ މެންބަރުކަމުގެ ގޮނޑިއެއް ޖަރުމަނުވިލާތަށް ކާމިޔާބު ނުވީ، ޔޫކްރެއިންނާއި އިޒްރޭލަށް އެ ގައުމުން ކުރާ ތާއީދުގެ ސަބަބުން ލިބުނު ނަތީޖާއަކަށް ވެދާނެ ކަމަށް ޖަރުމަނުގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ ރޭ ބޭއްވި އިންތިޚާބުގައި ސަލާމަތީ މަޖިލީހުގެ އާ ފަސް މެންބަރުން ހޮވުމަށް ވޯޓުލާފައިވާއިރު، ޕޯޗުގަލް އަދި އޮސްޓްރިއާއާ ވާދަކޮށް ޖަރުމަނުވިލާތް ނާކާމިޔާބުވުމަކީ "ހިތްދަތި ބައްޔެއް" ކަމަށް ޖަރުމަނުގެ ފޮރިން މިނިސްޓަރު ޔޯހާން ވަޑެފުލް ސިފަކުރެއްވިއެވެ.
ވަޑެފުލް ވިދާޅުވީ ޔޫކްރެއިނަށް ޖަރުމަނުން ކުރާ ވަރުގަދަ ތާއީދުގެ ސަބަބުން، ސަލާމަތީ މަޖިލީހުގައި ޖަރުމަނުވިލާތް ފަދަ ގައުމެއްގެ އަޑު އިވުމަށް ރަޝިޔާ ބޭނުންނުވާ ކަމަށެވެ. އަދި ޖަރުމަނާ ދެކޮޅަށް ރަޝިޔާއިން ގައުމުތަކުގެ މެދުގައި ނުތަނަވަސްކަން އުފައްދާފައިވާ ކަމީ ސިއްރެއް ނޫން ކަމަށްވެސް އޭނާ އިތުރުކުރެއްވިއެވެ.
އދ. ގެ ސަލާމަތީ މަޖިލީހުގައި ދާއިމީ ފަސް މެންބަރުން ތިބެއެވެ. އެއީ ޗައިނާ، ފަރަންސޭސިވިލާތް، ރަޝިޔާ، އިނގިރޭސިވިލާތް އަދި އެމެރިކާއެވެ. މީގެ އިތުރުން ދާއިމީ ނޫން 10 މެންބަރުން މި މަޖިލީހުގައި ތިބެއެވެ.
ވަޑެފުލް ވިދާޅުވި ގޮތުގައި ބައެއް މައްސަލަތަކުގައި ޖަރުމަނުން އަބަދުވެސް ގެންގުޅެނީ ސާފު ސިޔާސަތުތަކެކެވެ. ނަމަވެސް މިއީ އދ. ގެ ހުރިހާ މެންބަރު ގައުމުތަކުން އެއްބަސްވާ ސިޔާސަތުތަކެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކުގައި އިޒްރޭލަށްޓަކައި ޖަރުމަނުން އަބަދުވެސް ޚާއްސަ ޒިންމާއެއް އުފުލަންޖެހޭ ކަމަށް ގަބޫލުކުރާ ކުރުމަކީވެސް، ވޯޓުތަކެއް ގެއްލުމަށް މެދުވެރިވި ސަބަބަކަށް ވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ސަލާމަތީ މަޖިލީހުގެ ދެ އަހަރު ދުވަހުގެ ދައުރަށް ކުރިމަތިލުމުގައި ޖަރުމަނުން ލަސްތަކެއް ކުރިމަތިވުމަކީވެސް މި ނާކާމިޔާބީގެ އެއް ސަބަބު ކަމަށް ވަޑެފުލް ވިދާޅުވިއެވެ.
ޖަރުމަނަށް މެންބަރުކަން ލިބުނަ ނުދިނުމަށް ރަޝިޔާއިން މަސައްކަތްކުރި ކަމަށް ކުރެވޭ ތުހުމަތުތަކަށް ރަޝިޔާއިން އަދި އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
ހުޅަނގު ޔޫރަޕާއި އެހެނިހެން ގައުމުތަކުގެ ގްރޫޕަށް ޚާއްސަ ދެ ގޮނޑީގެ ތެރެއިން ގޮނޑިއެއް ހޯދުމަށް ޖަރުމަނުން ކުރި މަސައްކަތުގައި އެ ގައުމަށް ލިބުނީ 104 ވޯޓެވެ. މި އިންތިޚާބުގައި ޕޯޗުގަލްއަށް 134 ވޯޓު ލިބުނުއިރު، އޮސްޓްރިއާއަށް 131 ވޯޓު ލިބުނެވެ.
މި އިންތިޚާބުގައި ކިރިގިސްތާން، ޓްރިނިޑާޑް އެންޑް ޓޮބޭގޯ އަދި ޒިމްބާބުވޭ ވެސް ވަނީ ސަލާމަތީ މަޖިލީހަށް ހޮވިފައެވެ. ސަލާމަތީ މަޖިލީހަކީ ދަތިކުރުމުގެ ފިޔަވަޅު އެޅުމާއި ބާރުގެ ބޭނުންކުރުމުގެ ހުއްދަ ދިނުން ފަދަ، ގާނޫނީގޮތުން ތަބާވުން ލާޒިމު ނިންމުންތައް ނިންމޭ އދ. ގެ ހަމައެކަނި ގުނަވަނެވެ.
މި ގޮނޑި ކާމިޔާބު ނުވުމަކީ ޖަރުމަނުގެ ޗާންސެލަރ ފްރިޑްރިކް މާޒްއަށް ލިބުނު ވަރަށް ބޮޑު ނުތަނަވަސްކަމެކެވެ.
އިދިކޮޅު ޕާޓީތަކުން ބުނާ ގޮތުގައި، ގައުމުގެ އެތެރޭގެ ސިޔާސީ މަސްރަހުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މާޒް، ބައިނަލްއަގުވާމީ މައިދާނުގައި ޖަރުމަނުގެ ގަދަރު އުފުލައިދޭނެ ކަމަށް ވިދާޅުވި ނަމަވެސް، މި ނަތީޖާގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި އޭނާ ވަނީ ލަދުވެތިވާން ޖެހިފައެވެ.
މާޒް ވިދާޅުވީ ޖަރުމަނުވިލާތަކީ ބައިނަލްއަގުވާމީ ނިޒާމަށް އަބަދުވެސް ވަރުގަދައަށް ތާއީދުކުރާނެ ގައުމެއް ކަމަށެވެ. އަދި އިންތިޚާބު ކާމިޔާބުކުރި އޮސްޓްރިއާ އާއި ޕޯޗުގަލްއަށް އޭނާ މަރުހަބާ ވިދާޅުވިއެވެ.
"މި ނަތީޖާގެ ސަބަބުން އދ. ގައި އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތަކަށް ބަދަލެއް ނާންނާނެ. ޖަރުމަނުވިލާތަކީ ބައިނަލްއަގުވާމީ ނިޒާމުގެ އިތުބާރު ހުރި ތަނބެއްގެ ގޮތުގައި ދެމިއޮންނާނެ،" މާޒް ވިދާޅުވިއެވެ.
މަސްދަރު: ބީބީސީ





