ނޭޕާލުގެ ފެންބޮޑުވުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު މައްޗަށް، ހާހަކަށްވުރެ ގިނަ މީހުންގެ ޚަބަރެއްނެތް
28 އޯގަސްޓު 2026 | ހުކުރު 06:19ނޭޕާލާއި ޗައިނާގެ ބޯޑަރު ސަރަހައްދުގެ ހިމަލަޔާ ފަރުބަދަތަކުން ގަނޑުފެންގަނޑެއް ކަނޑައިގެން ގޮސް ހިނގި ކާރިސާގައި ގެއްލުނު މީހުން ހޯދުމަށް ބައިނަލްއަގުވާމީ އެހީތެރިކަމާއެކު ވަރުގަދަ އޮޕަރޭޝަނެއް ދަނީ ހިންގަމުން. މި ހާދިސާގައި އެތައް ސަތޭކަ ފަތުރުވެރިންނެއް ގެއްލި، އިންފްރާސްޓްރަކްޗާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މިއީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވި ނުރައްކާތެރި ކާރިސާއެއް ކަމަށް މާހިރުން ފާހަގަކުރޭ

ނޭޕާލްގެ ނުވަކޮޓް ޑިސްޓްރިކްޓްގެ ތްރިޝޫލީއަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން، އެ ސަރަހައްދުގެ އިމާރާތްތަކާއި މުދަލުގެ މައްޗަށް ކިސަޑު ފެތުރިފައިވާ މަންޒަރު 2026 އޮގަސްޓް 27 ވަނަ ދުވަހު ޑްރޯން މެދުވެރިކޮށް ނަގާފައިވާ މި ފޮޓޯއިން ފެނޭ | ރޮއިޓާސް
ނޭޕާލާއި ޗައިނާގެ ޓިބެޓް ސަރަހައްދުގެ ހިމާލަޔާ ފަރުބަދަތަކުގެ މަތިން ބޮޑު ގަނޑުފެންގަނޑެއް ކަނޑައިގެން ގޮސް، ކޯރަކަށް ފައިބައިގެން އައި ފެނާއި ކިސަޑުގެ ސަބަބުން ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާގައި، މިހާތަނަށް 390 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި، 1،500 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.
ގެއްލިފައިވާ މީހުން ހޯދުމަށް ރެސްކިއު ޓީމުތަކުން ބުރާސްފަތި ދުވަހު ކިސަޑުގެ ތެރޭގައި ހަރަކާތްތެރިވަމުންދާއިރު، ނޭޕާލްގެ ކަމާބެހޭ ފަރާތްތަކުން ބުނީ އެ ގައުމުން އެކަނިވެސް މަދުވެގެން 389 މީހުން މަރުވެފައިވާ ކަމަށެވެ.
ނޭޕާލާ އިންވެގެން އޮންނަ ޓިބެޓް ސަރަހައްދުން މިހާތަނަށް މަދުވެގެން ތިން މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ޗައިނާގެ ސްޓޭޓް މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ކާރިސާ ހިނގިތާ އެއް ދުވަސް ފަހުން، ބުރާސްފަތި ދުވަހުގެ މެންދުރުފަހު ޗައިނާގެ ބޮޑުވަޒީރު ލީ ކިއަންގް ވަނީ ޓިބެޓްގައި ބިންގަނޑު ކަނޑައިގެން ދިޔަ ސަރަހައްދަށް ޒިޔާރަތްކުރައްވައި، ކުއްލި ހާލަތުގައި ދޭންޖެހޭ އެހީތެރިކަމާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފަ އެވެ.
ނޭޕާލްގެ ޑިޕާޓްމަންޓް އޮފް ޓޫރިޒަމުން ބުރާސްފަތި ދުވަހު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ބުދަ ދުވަހުގެ ހެނދުނުން ފެށިގެން 34 ގައުމަކަށް ނިސްބަތްވާ 668 ފަތުރުވެރިންނާ އަދިވެސް ގުޅޭ ގޮތެއް ނުވެ އެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ފަރުބަދަތަކަށް އެރުމުގެ ދަތުރުތަކުގައި އުޅުނު މީހުންނެވެ.
ގެއްލިފައިވާ މީހުންގެ ތެރޭގައި އިންޑިއާގެ 177 މީހުންނާއި، އެމެރިކާގެ 90 މީހުންނާއި، އޮސްޓްރޭލިއާގެ 34 މީހުންނާއި، އިނގިރޭސިވިލާތުގެ 33 މީހުންގެ އިތުރުން ކެނެޑާގެ 25 މީހުން ހިމެނެ އެވެ. މީގެ އިތުރުން ނޭޕާލުން ގެއްލިފައިވާ މީހުންގެ ތެރޭގައި ޗައިނާގެ 100 ރައްޔިތުން ހިމެނޭ ކަމަށް ބެއިޖިންގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ޗައިނާގެ ދައުލަތުގެ ބްރޯޑްކާސްޓަރު ސީ.ސީ.ޓީ.ވީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓިބެޓްގެ ގީރޮންގް ކައުންޓީން 558 މީހުން ގެއްލިފައިވާއިރު، އޭގެ ތެރޭގައި ބޭރު ގައުމުތަކަށް ނިސްބަތްވާ 260 މީހުން ހިމެނެ އެވެ.
ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ހުރެ އަލްޖަޒީރާއަށް މައުލޫމާތު ދެމުން މިނެލް ފެނާންޑޭޒް ބުނީ، މަގުތަކާއި ފާލަންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވުމުގެ ސަބަބުން، ހާދިސާ ހިނގި ސަރަހައްދުތަކަށް ދިއުމަކީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވެފައިވާ ކަމަށެވެ. މީގެ ސަބަބުން މީހުން ހޯދުމާއި ސަލާމަތްކުރުމުގެ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ފާހަގަކުރި އެވެ.
ފެނާންޑޭޒް އިތުރަށް ބުނި ގޮތުގައި، ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން، ސަލާމަތްވި މީހުން ހޮސްޕިޓަލްތަކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ޑޮކްޓަރުންނާ ހަވާލާދީ އޭނާ ބުނީ، ޒަޚަމްވި މީހުންގެ ތެރޭގައި ކަށިތައް ބިނދުންފަދަ ބޮޑެތި އަނިޔާ ލިބިފައިވާ މީހުން ހިމެނޭ ކަމަށެވެ.
ނޭޕާލްގެ ރެސްކިއު ޓީމުތަކުން ހެލިކޮޕްޓަރު ބޭނުންކޮށްގެން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ޓިބެޓްގެ ލާސާ އާއި ކަތަމަންޑޫއާ ދެމެދު ދަތުރުކުރާ ފަތުރުވެރިންނާއި ޒިޔާރަތްތެރިންގެ މެދުގައި މަގުބޫލު މި ސަރަހައްދުގައި ތާށިވެފައި ތިބި އެތައް ހާސް ބަޔަކަށް ކުއްލި އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ބުދަ ދުވަހުގެ ވީޑިއޯ ފްޓޭޖްތަކުން ފެންނަ ގޮތުގައި، ގީރޮންގް ބޯޑަރު ހުރަސްކުރާ ސަރަހައްދުގައި ބާރު މިނުގައި ދެމެމުންދިޔަ ފެނާއި ކުނިބުނިތަކުގެ އޮއިވަރުގައި އެތައް ބަޔަކު ވަނީ އޮޔާ ގޮސްފަ އެވެ. އަދި ނޭޕާލްގެ ތިރީ ސަރަހައްދުތަކުގައި ހުރި ގެދޮރާއި، މަގުތަކާއި، ކަރަންޓުގެ އިންފްރާސްޓްރަކްޗާ ވަނީ މުޅިން ސުންނާފަތިވެފަ އެވެ.
ނޭޕާލް ސިފައިންގެ ތަރުޖަމާނު ރާޖާ ރާމް ބަސްނެތު ވިދާޅުވީ، އަވަށްޓެރި އިންޑިއާއިން ފޯރުކޮށްދީފައިވާ ފޭލިގެއާއި، ކާބޯތަކެއްޗާއި ބޭސް، ހެލިކޮޕްޓަރު މެދުވެރިކޮށް އެންމެ ބޮޑަށް އަސަރުކުރި ސަރަހައްދުތަކަށް ފޯރުކޮށްދެމުންދާ ކަމަށެވެ. މި މަސައްކަތުގައި ސިފައިންނާއި ފުލުހުންގެ 5،000 އަށްވުރެ ގިނަ މީހުން ހަރަކާތްތެރިވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ހުކުރު ދުވަހު ނޭޕާލް ނިއުސްއިން ރިޕޯޓުކުރި ގޮތުގައި، މޫސުން ގޯސްވެ ކޯރުގެ އޮއިވަރު ބާރުވެފައި ވަނިކޮށް، ސިފައިން ވަނީ 'އަޕަރ ތްރިޝޫލީ' ހައިޑްރޯޕަވަރ މަޝްރޫއުގެ ޓަނަލެއްގެ ތެރޭގައި ތާށިވެފައި ތިބި 350 މަސައްކަތްތެރިންނާއި ރައްޔިތުން ސަލާމަތްކޮށްފަ އެވެ.
ފެންބޮޑުވުމުގެ ސަބަބުން ގަންޑަކް ކޯރުގެ އޮއިވަރު ބޮޑުވެދާނެތީ، އިންޑިއާގެ ބިހާރު، އުއްތަރަ ޕްރަދޭޝް އަދި އުއްތަރަކަންދު ފަދަ ނޭޕާލާ އިންވެގެން އޮންނަ ސްޓޭޓްތަކުން އެތައް ހާސް ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.
ނޭޕާލްގެ ބޮޑުވަޒީރު ބަލެންދްރަ ޝާހް، އެންމެ ބޮޑަށް ގެއްލުންވި އެއް ސަރަހައްދު ކަމަށްވާ ނުވަކޮޓްގެ ބިދޫރަށް ވަޑައިގެން، ފެންބޮޑުވުމުގެ ހާލަތު ބައްލަވާލައްވާފައިވާ ކަމަށް އޭނާގެ އޮފީހުން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވެ އެވެ.
ނޭޕާލްގެ އޮފިޝަލުންގެ ކުރީގެ ރިޕޯޓުތަކުން ލަފާކުރި ގޮތުގައި، އެ ސަރަހައްދަށް އައި ބިންހެލުމެއްގެ ސަބަބުން ފަރުބަދަމަތީގެ ބޮޑު ގަނޑުފެންގަނޑަކުން ބައެއް ކަނޑައިގެން ގޮސް، ކުއްލި ފެންބޮޑުވުމެއް މެދުވެރިވީ އެވެ.
ނަމަވެސް، އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ފާހަގަކުރި ގޮތުގައި، ކުރިން 4.4 މެގްނިޓިއުޑްގެ ބިންހެލުމެއްގެ ގޮތުގައި ރެކޯޑުކުރެވުނު ހާދިސާއަކީ، އަސްލު ބޮޑު ގަނޑުފެންގަނޑަކާއި ހިލަތަކެއް ކުއްލިއަކަށް ކަނޑައިގެން ދިއުމުގެ ސަބަބުން އުފެދުނު ބާރުގަދަ ލޮޅުމެކެވެ.
ޕްލެނެޓް ލެބްސްގެ ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި، ނޭޕާލާއި ޗައިނާ ގުޅޭ ރަސުވަގަދީ ބޯޑަރުގެ އިރުއުތުރުން ގާތްގަނޑަކަށް 20 ކިލޯމީޓަރު ދުރުގައި އޮންނަ 'ލެންޑޭ' ކޯރަށް، ގަނޑުފެނާއި ހިލަތައް ކަނޑައިގެން ފޭބުމުގެ ސަބަބުން ބޮޑު އޮއިވަރެއް ވަނީ އުފެދިފައެވެ.
މި ހާދިސާގެ އަސަރުކުރި ވާދީތަކުގައި ހުރި ގެދޮރާއި، ގަސްގަހާގެއްސާއި އުޅަނދުފަހަރު ވަނީ ބޯ ކިސަޑުގެ ތެރޭގައި ވަޅުލެވިފަ އެވެ. ވައިގެ މަގުން ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ގެތައް ބިމާ ހަމަވެ، ކާރުތައް ފެނުގެ އަޑީގައި އޮތްއިރު، ދަގަނޑު ފާލަންތައްވެސް ވަނީ އޮއިގަނޑާއެކު ދަމައިގަނެފަ އެވެ.
ނޭޕާލްގެ ނޭޝަނަލް ޕްލޭނިންގ ކޮމިޝަނާއި ނޭޝަނަލް ސްޓެޓިސްޓިކްސް އޮފީހުން މިހާރު ވަނީ މި ކާރިސާގެ ސަބަބުން އިގްތިސާދަށް ލިބުނު ގެއްލުންތައް ދެނެގަތުމަށް ދިރާސާއެއް ފަށާފަ އެވެ. މި ފެންބޮޑުވުމުގެ ސަބަބުން 15 ހައިޑްރޯޕަވަރ މަޝްރޫއަކަށް އަސަރުކޮށް، 431 މެގަވޮޓްގެ ކަރަންޓު އުފެއްދުން ވަނީ ހުއްޓިފަ އެވެ. މީގެ ތެރޭގައި ރަސުވަގަދީ، ޗިލީމޭ އަދި ސަންޖެން ޕްލާންޓްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.
"ކޮންމެ ދިމާލަކަށް ބަލާލިޔަސް ފެންނަނީ ސުންނާފަތިވެފައިވާ މަންޒަރު،" ރަސުވާގެ ސިއްހީ އެހީތެރިއެއް ކަމަށްވާ ތުލާ ބަހާދުރް ބީކޭ ބުންޏެވެ. "ކޯރު ކައިރީގައި ހުރި ހުރިހާ ގެތަކެއް ވަނީ މުޅިން އޮޔާ ގޮސްފައި."
ބައިނަލްއަގުވާމީ އިޖާބަ
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ކާރިސާތަކަށް އެހީތެރިވާ އެޑްވައިޒަރަކު ފޮނުވުމަށާއި، ކުއްލި އެހީގެ ގޮތުގައި 500،000 ޑޮލަރު ދިނުމަށް ނިންމާފަ އެވެ.
ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ މި ފެންބޮޑުވުމަކީ "ހިތާމަވެރި" ހާދިސާއެއްގެ ގޮތުގައި ސިފަކުރައްވައި، ކެނެޑާގެ އޮފިޝަލުން ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށް ވިދާޅުވި އެވެ.
އދ. ގެ ހިއުމެނިޓޭރިއަން އެފެއާޒްގެ ވެރިޔާ ޓޮމް ފްލެޗަރ ވިދާޅުވީ، ނޭޕާލްގެ އެހީގެ މަސައްކަތްތަކަށް އދ. ގެ ގްލޯބަލް އިމަޖެންސީ ފަންޑުން 2 މިލިއަން ޑޮލަރު ހަމަޖައްސާނެ ކަމަށެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް މީގެ ކުރިން ވަނީ، ނޭޕާލްގެ އަސަރުކުރި ސަރަހައްދުތަކަށް އދ. ގެ ޓީމުތަކުން ކުއްލި އެހީގެ ސާމާނާއި މުވައްޒަފުން ފޮނުވަމުންދާކަން ކަށަވަރުކޮށްދެއްވާފަ އެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ފާހަގަކުރެއްވި ގޮތުގައި، އެ ސަރަހައްދުގެ އިންފްރާސްޓްރަކްޗާ ދަށްވުމުގެ ސަބަބުން ސައްހަ މައުލޫމާތު ހޯދުމަކީ އަދިވެސް ބޮޑު ގޮންޖެހުމެކެވެ. ފޮރިން މިނިސްޓަރު ޕެނީ ވޮންގް ހުކުރު ދުވަހު ވިދާޅުވީ، ނޭޕާލް-ޗައިނާ ބޯޑަރު ސަރަހައްދުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް 3.6 މިލިއަން ޑޮލަރު ދިނުމަށާއި، އިތުރު ކޮންސިއުލާ މުވައްޒަފުން އެ ސަރަހައްދަށް ފޮނުވުމަށް އޮސްޓްރޭލިއާއިން ނިންމާފައިވާ ކަމަށެވެ.
މޫސުމީ ބަދަލުތަކާ ބެހޭ މާހިރެއް ކަމަށްވާ ސުނިލް އަޗާރިއާ އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ، މި ފެންބޮޑުވުމަކީ މޫސުމީ ނުރައްކާތަކަށް ނޭޕާލް ހުށަހެޅިފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށެވެ.
"މިއީ ހަމައެކަނި ލަފާނުކުރެވޭ ގުދުރަތީ ކާރިސާއެއް ނޫން. މިއީ މޫސުމީ ކާރިސާގެ ނުރައްކަލުގެ ކުރީ ސަފުގައި ދިރިއުޅުމަކީ ކޮބައިކަން ދައްކުވައިދޭ ހިތްދަތި މިސާލެއް،" ކަތަމަންޑޫގައި ހުރެ އަޗާރިއާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ، މިފަދަ ކާރިސާތައް ހުއްޓުވުމަށް ނޭޕާލަށް ކުރެވޭނީ ވަކިވަރެއްގެ މަސައްކަތެއް ކަމަށާއި، މޫސުމީ ކާރިސާއާ އެކަނިމާ އެކަނި ކުރިމަތިލާނެ އެކަށީގެންވާ ވަސީލަތްތައް ސަރުކާރުގެ އަތުގައި ނެތް ކަމަށެވެ.
"ދުނިޔެ ހޫނުވުން ހުއްޓުވުމަށްޓަކައި ވިހަ ގޭސްތައް ބޭރުކުރާ މިންވަރު މަދުކުރުމުގައި ބައިނަލްއަގުވާމީ އެއްބާރުލުން ލިބުމަކީ، މިފަދަ އިތުރު ގެއްލުންތަކުން ސަލާމަތްވުމަށް ކޮންމެހެން ބޭނުންތެރި ކަމެއް." އޭނާ ފާހަގަކުރި އެވެ.
މަސްދަރު: އަލް ޖަޒީރާ










