ފިރިހެނުން ސޯޓުލައިގެން ވަޒީފާ އަށް އަންނަން ޓޯކިޔޯ ގައި ހުއްދަ ދީފި
22 ޖުލައި 2026 | ބުދަ 08:03ޖަޕާނަށް ކުރިމަތިވެފައިވާ ގަދަ ހޫނުން ސަލާމަތްވުމަށްޓަކައި، އޮފީސްތަކަށް ދާއިރު ސޯޓާއި ޓީޝާޓު ފަދަ ލުއި ހެދުން ބޭނުންކުރުމަށް ޓޯކިޔޯ ސަރުކާރުން ބާރުއަޅަން ފަށައިފި. މި ސިޔާސަތާ ގުޅިގެން އާންމުންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވީ ނަމަވެސް، މިއީ ހަކަތަ އިގްތިސާދުކުރުމަށާއި ހޫނުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކޭ.

މި ހޫނު މޫސުމުގައި ޖަޕާނުގެ ފިނިހޫނުމިން މަތިވަމުންދާއިރު، އެ ގައުމުގެ ވަޒީފާ އަދާކުރާ ފިރިހެނުން ކުރިއާ ހިލާފަށް މަސައްކަތު މާހައުލުގައި އޮފީހަށް އަންނަ އިރު ސޯޓު ބޭނުންކުރާ މިންވަރު ވަނީ އިތުރުވެފައި | ގެޓީ އިމޭޖަސް
މި އަހަރުގެ ހޫނުމޫސުމުގައި ފިނިހޫނުމިން މާބޮޑަށް މައްޗަށް ދިއުމާއެކު، ޖަޕާނުގެ ވަޒީފާ އަދާކުރާ ފިރިހެނުން ކުރިއާ ޚިލާފަށް މަސައްކަތު މާހައުލުގައި ސޯޓު ބޭނުންކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ.
ޓޯކިޔޯ މެޓްރޯޕޮލިޓަން ސަރުކާރުން މިހާރު ދަނީ ކުންފުނިތަކުގެ މުވައްޒަފުން އާންމުކޮށް ބޭނުންކުރާ ސޫޓާއި ޓައީގެ ބަދަލުގައި، ޓީޝާޓާއި ކުޅިވަރު ބޫޓުގެ އިތުރުން ސޯޓު ފަދަ ފަސޭހަ ހެދުންތައް ބޭނުންކުރުމަށް ބާރުއަޅަމުންނެވެ.
ޓޯކިޔޯގެ ގަވަރުނަރު ޔުރިކޯ ކޮއިކޭ މިދިޔަ އޭޕްރިލް މަހު "ޓޯކިޔޯ ކޫލް ބިޒް" ތައާރަފްކުރެއްވީ، މިހާރު އާންމުވަމުންދާ މޫސުމީ ގަދަ ހޫނުން ސަލާމަތްވުމުގެ މަޝްހޫރު ސިޔާސަތު އިތުރަށް ފުޅާކުރުމުގެ މަގްސަދުގަ އެވެ.
މި ސިޔާސަތަށް ގާތްގަނޑަކަށް ހަތަރު މަސް ދުވަސް ވެފައިވާއިރު، އޮފީހަށް ސޯޓު ލައިގެން ދިއުމަށް އަލަށް ހުއްދަދިން އުސޫލާ މެދު އާންމުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ.
ބައެއް ފަރާތްތަކުން މި ލުއި އުސޫލުތަކަށް ތާއީދުކުރަނީ އޭގެ ސަބަބުން މަސައްކަތްކުރަން ފަސޭހަވާތީ އެވެ. ނަމަވެސް، އަނެއް ބަޔަކު ބުނާ ގޮތުގައި މިއީ އަންހެނުންނާ މެދު އޮތް ބޭއިންސާފެކެވެ. ސަބަބަކީ އަންހެނުން ފައި ފެންނަ ގޮތަށް ހެދުން އަޅާއިރު އަދިވެސް "ޓައިޓްސް" ލާން މަޖުބޫރުވާތީ އެވެ. މީގެ އިތުރުން، ބައެއް އަންހެނުން ވަނީ ފިރިހެން މުވައްޒަފުންގެ ފައިގެ އިސްތަށި ފެނުމުން އުނދަގޫވާކަން ފާހަގަކޮށް، މިއީ "ލެގް ހެއަރ ހެރަސްމަންޓް" ނުވަތަ އޮންލައިންކޮށް މަޝްހޫރުވެފައިވާ "ސުނެހާރާ" (ފައިގެ އިސްތަށި ފެނުމުން ކުރިމަތިވާ އުނދަގޫ) ގެ ގޮތުގައި ސިފަކޮށްފަ އެވެ.
"އަހަރެމެން ބޭނުންވަނީ މިހާ ގަދަ ހޫނުގައި މީހުންނަށް އިތުރު އިޚްތިޔާރުތަކެއް ދޭން، ވަކި އެއްޗެއް ލާން މަޖުބޫރުކުރާކަށް ނޫން. މަސައްކަތު ހެދުމަކީ އެހެން މީހަކަށް އުނދަގޫވާ ފަދަ އެއްޗަކަށް ނުވާހާ ހިނދަކު މީގައި މައްސަލައެއް އޮތް ކަމަކަށް ނުދެކެން،" ޓޯކިޔޯ މެޓްރޯޕޮލިޓަން ސަރުކާރުގެ އެންވަޔަރަންމަންޓް އޮފިޝަލް ނޮބޯރޫ ވަޓަނާބޭ ބީބީސީ އަށް ވިދާޅުވި އެވެ.
ގޮރިލާ ކްލިނިކުން ޖޫން މަހު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ހޫނުމޫސުމުގައި އޮފީހަށް ސޯޓު ލައިގެން ދިއުމާ މެދު 53.5 އިންސައްތަ މީހުން ދެކޮޅު ހަދާއިރު، މި އައު ސިޔާސަތައް ތާއީދުކުރަނީ 46.5 އިންސައްތަ މީހުންނެވެ.
އޮފީހަށް ސޯޓު ލައިގެން ދިއުމާ ދެކޮޅު ހަދާ ދެ ޖިންސުގެ މީހުންވެސް އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރީ ހަށިގަނޑުގެ ބައްޓަމާއި ފައިގެ އިސްތަށި ފެނުމާ މެދު އޮތް ކަންބޮޑުވުމެވެ. އެ ކްލިނިކުން ބުނި ގޮތުގައި ފިރިހެން މުވައްޒަފުންގެ ފައި ފެނުމާ މެދު އެންމެ ބޮޑަށް ދެކޮޅު ހަދާފައިވަނީ އަންހެނުންނެވެ.
ފަހަކަށް އައިސް ޖަޕާނުގެ ގިނަ މުވައްޒަފުން، ޚާއްޞަކޮށް ސްޓާޓްއަޕްތަކާއި ޓެކްނޮލޮޖީ ކުންފުނިތަކުގައި މަސައްކަތްކުރާ މީހުން ވަނީ ކެޝުއަލް ހެދުން ބޭނުންކުރަން ފަށާފަ އެވެ. ނަމަވެސް މި އަހަރު ޓޯކިޔޯ ސަރުކާރުން ދިން ލަފައާއެކު، މިއީ މުޖުތަމައު ބަލައިގަންނަ ކަމަކަށް ވަނީ ވެފަ އެވެ. އެހެންނަމަވެސް، ބައެއް ފިރިހެނުން އަދިވެސް ސޯޓުލައިގެން އޮފީހަށް އަންނަން ލަދުގަނެ އެވެ.
ގަވަރުނަރު ކޮއިކޭ އެންމެ ފުރަތަމަ ހޫނުމޫސުމުގެ ހެދުމަށް ބަދަލު ގެނައުމުގެ ސިޔާސަތު ތައާރަފްކުރެއްވީ 2005 ވަނަ އަހަރު ޖަޕާނުގެ އެންވަޔަރަންމަންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު އެވެ. އެކަމަނާ ވަނީ ކުންފުނިތަކުގެ މުވައްޒަފުން ކެޝުއަލް ހެދުން ބޭނުންކުރުމަށް ބާރުއެޅުމުގެ ގޮތުން "ކޫލް ބިޒް" ގެ ނަމުގައި ހަކަތަ އިގްތިސާދުކުރުމުގެ ގައުމީ ކެމްޕޭނެއް ފަށްޓަވާފަ އެވެ.
ސަރުކާރުގެ އިސްވެރިންވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ. އެގޮތުން އޭރުގެ ބޮޑުވަޒީރު ޖުނީޗިރޯ ކޮއިޒޫމީ، ޓައީ އާއި ޖެކެޓާ ނުލައްވައި އާންމުންގެ ތެރެއަށް ނުކުމެވަޑައިގަތުމަކީ މި ސިޔާސަތު ފެތުރުމަށް ލިބުނު ބޮޑު ބާރަކަށް ވިއެވެ.
އޭގެ އަހަރުތަކެއް ފަހުން، މާރިޗު 2011 ގައި ކުރިމަތިވި ޓޯހޯކޫ ބިންހެލުމާއި ސުނާމީއަށްފަހު، ސަރުކާރުން ވަނީ "ސުޕަރ ކޫލް ބިޒް" ތައާރަފްކޮށް، އޮފީސްތަކާއި ގޭބިސީތަކުގައި ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށް އިތުރު އިރުޝާދުތަކެއް ދީފައެވެ.
ދުނިޔޭގެ އެހެން ސަރަހައްދުތަކެކޭ އެއްފަދައިން، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ހަކަތައިގެ އަގު އިންތިހާއަށް އުފުލިފައިވާ ދަނޑިވަޅެއްގައި، ޖަޕާނަށްވެސް ދަނީ ފަހުގެ ތާރީޚެއްގައި ނުފެންނަ ވަރުގެ ގަދަ ހޫނެއް ކުރިމަތިވަމުންނެވެ.
މޫސުމާ ބެހޭ މާހިރުން ވަނީ މި އަހަރުގެ ހޫނުމޫސުމުގައި ރެކޯޑް މިންވަރަކަށް ހޫނުވާނެ ކަމުގެ އިންޒާރު ދީފަ އެވެ. ޖަޕާން މީޓިއޮރޮލޮޖިކަލް އެޖެންސީން ވަނީ ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށްދާ ދުވަސްތަކަށް "ކޮކުޝޯ-ބީ" ނުވަތަ "އިންތިހާއަށް ހޫނު ދުވަސް" ކިޔުމަށް ނިންމައި އާންމުން ހޭލުންތެރިކުރުވަން ފަށާފަ އެވެ.
ފަޔަރ އެންޑް ޑިޒާސްޓަރ މެނޭޖްމަންޓް އެޖެންސީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖުލައި 6 އިން 12 އަށް ހިނގި ހަތް ދުވަހުގެ ތެރޭގައި ޖަޕާނުން ހަތް މީހަކު ހޫނުގަދަވުމުގެ ސަބަބުން (ހީޓްސްޓްރޯކް ޖެހިގެން) މަރުވެފައިވާއިރު، 4,580 މީހުން ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.
ގިނައިން ފެން ބުއިމާއި އެއާކޮންޑިޝަން ބޭނުންކުރުމަށް ސަރުކާރުން ތަކުރާރުކޮށް އިރުޝާދު ދެމުންދާއިރު، އާންމުން ދަނީ ހޫނުން ސަލާމަތްވުމަށް ތަފާތު އައު އުފެއްދުންތައް ބޭނުންކުރަމުންނެވެ.
މީގެ ތެރޭގައި ފަންކާ ހަރުކޮށްފައި ހުންނަ ހެދުމާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ތެތް ތުވާއްޔާއި، އަވިން ސަލާމަތްކޮށްދޭ ކުޑަ އަދި އަތުން ހިފަހައްޓައިގެން ގެންގުޅެވޭ ކުދި ފަންކާ ފަދަ ތަކެތި މުޅި ގައުމުގައި ވަރަށް ބޮޑަށް މަގްބޫލުވެ، ވިކެމުންދެ އެވެ.
ޖަޕާން އެކަޑެމިކް ނެޓްވޯކް ފޯ ޑިޒާސްޓަރ ރިޑަކްޝަންގެ މާހިރުން ބުނާ ގޮތުގައި، ގަދަ ހޫނަށް ހަށިގަނޑު ހޭނުމަށް ގާތްގަނޑަކަށް ހަފުތާތަކެއް ނަގާތީ، އެކަމަށް ތައްޔާރުވުން މުހިންމެވެ.
އެ ފަރާތްތަކުން ލަފާދެނީ ހޫނުމޫސުމުގެ އަސްލު ހޫނުގަދަވުމުގެ ކުރިން، ވާރޭ މޫސުމުގެ ތެރޭގައި ހޫނުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަން ފެށުމަށެވެ.
މީގެ އިތުރުން، ޖަޕާނުގެ ވައިގެ ތެތްކަން (ހިއުމިޑިޓީ) މަތިވުމުގެ ސަބަބުން ހަށިގަނޑުން އުފައްދާ ދާ ހިކުމަށް ހުރަސްއެޅި، ހަށިގަނޑު ފިނިކޮށްދިނުމުގެ ގާބިލުކަން ކުޑަވާކަންވެސް މާހިރުން ފާހަގަކުރެ އެވެ.
މަސްދަރު: ބީބީސީ









