އިނގިރޭސިވިލާތުގެ އިގުތިސާދު މިއަދުގެ ހާލަތަށް ވައްޓާލީ "ކުރީ ސަރުކާރުން": ބާރނަމް
3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 04:38އިނގިރޭސިވިލާތުގެ ދިފާއީ އަދި އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ޓަކައި 10 އަހަރުގެ ތަރައްގީގެ މަގުޗާޓެއް އެކުލަވާލައްވާނެ ކަމަށް ބޮޑުވަޒީރު އެންޑީ ބާރނަމް ވިދާޅުވި. މީގެ އިތުރުން، ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ޓަކައި ކަރަންޓު ބިލުން ޓެކުސް ކުޑަކުރުމާއި އަސާސީ ޚިދުމަތްތަކުގެ މައްޗަށް ސަރުކާރުގެ ބާރު ފޯރުވުމަށް އިސްކަންދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި.


އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ހުންނަ ހައުސް އޮފް ކޮމަންސްގައި ކުރިއަށްދިޔަ ބޮޑުވަޒީރާ ސުވާލުކުރުމުގެ ސެޝަންގެ ތެރެއިން، އެ މަޖިލީހުގެ ރައީސް ލިންޑްސޭ ހޮއިލް، ބޮޑުވަޒީރު އެންޑީ ބާރނަމްއާ ވާހަކަދައްކަވަނީ. | ރޮއިޓާސް
ޖުލައި މަހު ކުރީގެ ބޮޑުވަޒީރު ކިއަރ ސްޓާމަރގެ ބަދަލުގައި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެންޑީ ބާރނަމް ފުރަތަމަ ފަހަރަށް ގާނޫނުހަދާ މަޖިލިސް، ހައުސް އޮފް ކޮމަންސްގައި މެންބަރުންގެ ހޫނު ސުވާލުތަކާ ކުރިމަތިލައްވައިފި އެވެ. ބުދަ ދުވަހު ބޭއްވި "ޕްރައިމް މިނިސްޓަރސް ކުއެސްޝަންސް" ގައި އެ މަޖިލީހުގެ މެންބަރުންނަށް ޖަވާބުދެއްވަމުން ބާރނަމް ވިދާޅުވީ، ގައުމުގެ އިގްތިސާދީ ގޮންޖެހުންތައް އިތުރުވަމުންދިޔަ ނަމަވެސް، އަސްކަރީ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކަށް އިނގިރޭސިވިލާތުން ފުރިހަމައަށް ސަމާލުކަން ދޭނެ ކަމަށެވެ.
އާންމުކޮށް ވަރަށް ހޫނު ބަހުސްތަކެއް ފެނިގެންދާ މި ހަފުތާގެ ސުވާލު ސެޝަނުގައި ބާރނަމް ވިދާޅުވީ، ދިފާއީ އިންވެސްޓްމަންޓް ޕްލޭނަށް ބޭނުންވާ ފުރިހަމަ ފަންޑު ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ޚަރަދުތައް މުރާޖައާކުރާ މަރުހަލާގައި، 2035 ވަނަ އަހަރާ ހަމައަށް ނޭޓޯއަށް ވެފައިވާ އިލްތިޒާމްތައް ފުރިހަމަކުރުމުގެ މަގުޗާޓެއް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، ދިފާއީ ކަންކަމުގައި އިނގިރޭސިވިލާތުން ވެފައިވާ ވަޢުދުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ބޮޑުވަޒީރު ދެއްވި އެވެ.
އަލަށް އައްޔަންކުރެވުނު ބޮޑުވަޒީރަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އިދިކޮޅު ކޮންޒަވެޓިވް ޕާޓީގެ ލީޑަރު ކެމީ ބޭޑެނޮކްގެ ފަރާތުންނެވެ. އިނގިރޭސިވިލާތުގެ ސަރުކާރުން ދަރަންޏަށް ފައިސާ ނަގާ މިންވަރު އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައި، ސަރުކާރުން ވެފައިވާ ބޮޑެތި ވަޢުދުތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ބޭޑެނޮކް ސުވާލު އުފެއްދެވި އެވެ.
މި ފާޑުކިޔުންތަކަށް ރައްދުދެއްވަމުން ބާރނަމް ވިދާޅުވީ، މާލީ ބާޒާރުގައި އުފެދިފައިވާ ނުތަނަވަސްކަމަކީ، އަދި އިގުތިސާދަށް މިއަދު ކުރިމަތިވެފައިވާ ހައްސާސް ހާލަތަކީ ކޮންޒަވެޓިވް ޕާޓީގެ "ކުރީގެ ސަރުކާރުގެ" އިގްތިސާދީ ސިޔާސަތުތަކުގެ ނަތީޖާ ކަމަށެވެ. އަދި، އޭނާގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ މާލީ ދާއިރާ ހަރުދަނާކޮށް ހިފެހެއްޓުމާއެކު، ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން ދަތިތަކާ ކުރިމަތިލާންޖެހިފައިވާ އާއިލާތަކަށް އަވަސް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ކަމަށް އޭނާ މެންބަރުންނަށް ދެންނެވި އެވެ.
ބައިނަލްއަގުވާމީ ސަލާމަތީ ކަންކަމަށް އަލިއަޅުއްވާލައްވަމުން، ޖަރުމަނުގެ ލައިޕްޒިގް/ހާލޭ އެއާޕޯޓަށް ދާދިފަހުން ދޭން އުޅުނު ހަމަލާއާ ގުޅޭގޮތުން ބާރނަމް ވާހަކަފުޅު ދެއްކެވި އެވެ. މި ހަމަލާގެ ޒިންމާ ޖަރުމަނުވިލާތުގެ ސަރުކާރުން ރަޝިޔާގެ ބޮލުގައި އަޅުވާފައިވާއިރު، ސަރަހައްދީ މަސްލަހަތު ގޯސްވަމުންދާ މި ދަނޑިވަޅުގައި ޖަރުމަނުވިލާތާއި ޔޫކްރެއިނާއެކު ސާބިތުކަމާއެކު ތިބުމަށް ހުރިހާ ސިޔާސީ ޕާޓީތަކެއްގެ މެންބަރުންނަށް ބޮޑުވަޒީރު ގޮވާލެއްވި އެވެ.
"ހުރިހާ ސަރަހައްދެއް ބާރުވެރިކޮށްދޭނަން"
މި ސުވާލުތަކާ ބާރނަމް ކުރިމަތިލެއްވީ، މީގެ ހަ ހަފުތާ ކުރިން ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ހައުސް އޮފް ކޮމަންސްއަށް ވަޑައިގެންނެވިތާ އެއް ދުވަސް ފަހުންނެވެ. ބާރނަމް މި މަގާމަށް ވަޑައިގަތީ، 2024 ވަނަ އަހަރުގެ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކުރިތާ އެންމެ ދެ އަހަރު ތެރޭގައި، ލޭބަރ ޕާޓީގެ ލީޑަރުކަމުން ކިއަރ ސްޓާމަރ ވަކިކުރުމާ ގުޅިގެންނެވެ. ސްޓާމަރ މަގާމުން ވަކިކުރީ ލޯކަލް ކައުންސިލް އިންތިޚާބުތަކުގައި އެ ޕާޓީއަށް ލިބުނު ނާކާމިޔާބީތަކާ ގުޅިގެންނެވެ.
ގްރޭޓަރ މެންޗެސްޓާގެ މޭޔަރުކަމުގައި ހުންނެވިއިރު "ކިންގް އޮފް ދި ނޯތު" ގެ ނަމުން މަޝްހޫރުވި، އިނގިރޭސިވިލާތުގެ ނުފޫޒުގަދަ ސިޔާސީ ޝަޚުސިއްޔަތު ބާރނަމްގެ ވާހަކަފުޅުގައި އުންމީދީ މެސެޖުތަކެއް ވެސް ދެއްވި އެވެ. އޭނާ ވިދާޅުވީ، ހުރިހާ ރައްޔިތުންނާއި ހުރިހާ ސަރަހައްދެއްގެ ކުރިމަގު އުޖާލާކޮށް، ކޮންމެ ޕޯސްޓްކޯޑަކަށް (ސަރަހައްދަކަށް) ބާރުވެރިކަން ހޯދައިދެވޭނެ ކަމަށެވެ. އަދި، އިނގިރޭސިވިލާތަށް އަލުން އިތުބާރު ހޯދައިދީ، އުންމީދު އިއާދަކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، ހަކަތައާއި ފެނުގެ ޚިދުމަތް ފަދަ އަސާސީ ޚިދުމަތްތަކުގެ މައްޗަށް ސަރުކާރުގެ ކޮންޓްރޯލް ވަރުގަދަކުރައްވާނެ ކަމަށްވެސް ވަޢުދުވެވަޑައިގަތެވެ.
ދިހަ އަހަރުގެ ތަރައްގީގެ މަގުޗާޓެއް އެކުލަވާލަނީ
މި އަހަރު ނިމުމުގެ ކުރިން އިނގިރޭސިވިލާތަށް ކަނޑައަޅާ 10 އަހަރު ދުވަހުގެ ތަރައްގީގެ މަގުޗާޓެއް އެކުލަވާލައްވައި ހާމަކުރައްވާނެ ކަމަށް ބާރނަމް ވިދާޅުވި އެވެ. މި މަގުޗާޓުގައި އަސާސީ ޚިދުމަތްތަކުގެ މައްޗަށް ސަރުކާރުގެ ބާރު ފޯރުވައި، އެ ޚިދުމަތްތަކަކީ ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކަކަށް ހެދުމުގެ ރޭވުންތައް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަސާސީ ޚިދުމަތްތަކުގެ އަގު ބޮޑުވުމަކީ އިގްތިސާދީ ކުރިއެރުމަށް އޮތް ހުރަހެއްކަން ފާހަގަކުރައްވަމުން ބާރނަމް ވިދާޅުވީ، ގޭބިސީތަކުގެ ހަކަތައިގެ ބިލްތައް މުޅި ވިލާތުގައި ވެސް އެންމެ ބޮޑީ އިނގިރޭސިވިލާތުގައި ކަމަށާއި، އޭގެ ސަބަބުން ވިޔަފާރިތަކަށާއި އިންވެސްޓްމަންޓްތަކަށް ނޭދެވޭ އަސަރުކުރަމުންދާ ކަމަށެވެ.
ބޮޑުވަޒީރުގެ ރަސްމީގެ، ޑައުނިންގް ސްޓްރީޓަށް ބަދަލުވެވަޑައިގަތުމަށްފަހު ބާރނަމް އެޅުއްވި ފުރަތަމަ ފިޔަވަޅުތަކުގެ ތެރޭގައި، އަންނަ މަހުން ފެށިގެން ގޭބިސީތަކުގެ ކަރަންޓު ބިލުން ޓެކުސް ކުޑަކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނަށް ލުއިދިނުމުގެ ގޮތުން ޓެކުސް ކުޑަކުރުމުގެ ފިޔަވަޅުތަކެއް ވެސް އޭނާ ވަނީ އިއުލާންކުރައްވާފަ އެވެ.
ބާރނަމް ވިދާޅުވީ، ގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި މައްސަލަތައް ކަމަށްވާ އިގްތިސާދާއި ދިރިއުޅުމުގެ ޚަރަދުތަކުގެ މައްސަލައިގައި، ރައްޔިތުން ބޭނުންވަނީ ބޮޑު ބަދަލެއް ކަމަށެވެ. އިނގިރޭސިވިލާތް މިހާރު އޮތް ހާލަތަކީ އެއްވެސް މީހަކު އެދޭނެ ހާލަތެއް ނޫން ކަމަށާއި، ކަންކަން ހިނގަމުންދަނީ ރަނގަޅަށް ނޫން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އަދި ގިނަ ބަޔަކަށް ދިރިއުޅުމުގެ ޚަރަދުތައް އަތްނުފޯރާ ފަށަށް ގޮސް، ދިރިއުޅުން އުނދަގޫވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. "މިއީ މި ސަރުކާރުގެ ފުރަތަމަ ފިޔަވަޅުތަކުގެ ގޮތުގައި ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް ކުޑަ ނަމަވެސް ލުޔެއް ހޯދައިދިނުމަށް މަސައްކަތް ފެށި ސަބަބަކީ،" ބޮޑުވަޒީރު ވިދާޅުވިއެވެ.
މަސްދަރު: އަލް ޖަޒީރާ










