ރޮމޭނިއާގެ ވައިގެ ސަރަހައްދަށް ވަތް ޑްރޯންއެއް ވައްޓާލާފައިވާ ކަމަށް އެ ޤައުމުން ހާމަކޮށްފި
16 އޯގަސްޓު 2026 | އާދީއްތަ 04:55މި ހާދިސާއާ ގުޅޭ ގޮތުން ރޮމޭނިއާގެ ޑިފެންސް މިނިސްޓްރީ އިން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޤައުމުގެ ޤައުމީ ވައިގެ ސަރަހައްދަށް ހުއްދަ ނެތި ވަދެފައިވަނީ އިންސާނަކާ ނުލައި އުދުއްސާލާފައިވާ ޑްރޯނެއް ކަމަށް. މި ޑްރޯން ފާހަގަ ކުރެވުމާއެކު، ނޭޓޯގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ސްޕެއިންގެ ވައިގެ ސިފައިންގެ ބޯޓަކުން ވަނީ އެއަށް ހަމަލާދީ ބިމަށް ވައްޓާލާފައި


ޔޫކްރެއިންގައި ރަޝިޔާ އިން ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ބޯޑަރު ހުރަސްކޮށް ޑްރޯންތައް ވަންނަމުންދާތީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ދަނޑިވަޅެއްގައި، ރޮމޭނިއާގެ ބޯސިއާ އެއާ ބޭސް 86 ގައި ކުރިއަށް ދިޔަ އެއާ ޕޮލިސިން ތަމްރީނުތަކެއްގެ ތެރެއިން އެފް-16 މަރުކާގެ ހަނގުރާމަ މަތީ ބޯޓު ތަކެއް ފެންނަ މަންޒަރު | ރޮއިޓާސް
ރޮމޭނިއާގެ ވައިގެ ސަރަހައްދަށް ޤަވާއިދާ ޚިލާފަށް ވަދެ އުޅުނު ޑްރޯންއެއް، ނޭޓޯގެ އެއާ ޕޮލިސިން މިޝަނެއްގައި ހަރަކާތްތެރިވި ސްޕެއިންގެ އެފް-18 މަރުކާގެ ފައިޓަރ ޖެޓަކުން ހަމަލާދީ ވައްޓާލާފައިވާ ކަމަށް، އެ ޤައުމުގެ ޑިފެންސް މިނިސްޓްރީ އިން ހާމަކޮށްފި އެވެ.
މި ހާދިސާއާ ގުޅޭ ގޮތުން ރޮމޭނިއާގެ ޑިފެންސް މިނިސްޓްރީ އިން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޤައުމުގެ ޤައުމީ ވައިގެ ސަރަހައްދަށް ހުއްދަ ނެތި ވަދެފައިވަނީ އިންސާނަކާ ނުލައި އުދުއްސާލާފައިވާ ޑްރޯނެއް ކަމަށެވެ. މި ޑްރޯން ފާހަގަ ކުރެވުމާއެކު، ނޭޓޯގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ސްޕެއިންގެ ވައިގެ ސިފައިންގެ ބޯޓަކުން ވަނީ އެއަށް ހަމަލާދީ ބިމަށް ވައްޓާލާފައި އެވެ.
ރޮމޭނިއާ ސަރުކާރުން މިހާތަނަށް އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ވައްޓާލި ޑްރޯން އަކީ ކޮން ޤައުމަކަށް ނިސްބަތްވާ ނުވަތަ ކޮން ފަރާތަކުން ފޮނުވާލާފައިވާ އުޅަނދެއްކަން އަދި ކަށަވަރު ކުރެވިފައި ނުވެ އެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން އެ ޤައުމުގެ ކަމާ ބެހޭ އިދާރާތަކުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
މި ހާދިސާ ހިނގާފައި މިވަނީ ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން އިރުމަތީ ޔޫރަޕުގެ ޤައުމުތަކުގެ ވައިގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ނޭޓޯ އިން ޚާއްސަ ސަމާލުކަމެއް ދެމުންދާ ދަނޑިވަޅެއްގައި އެވެ. ރޮމޭނިއާ އަކީ ނޭޓޯގެ މެންބަރު ޤައުމަކަށް ވުމާއެކު، އެ ޤައުމުގެ ވައިގެ ސަރަހައްދު ބެލެހެއްޓުމުގައި އިއްތިހާދުގެ އެހެން ޤައުމުތަކުގެ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.
މީގެ ކުރިން ވެސް ރޮމޭނިއާގެ ސަރަހައްދީ ރޮނގު ކައިރިންނާއި، ވައިގެ ސަރަހައްދުން މިފަދަ ބައެއް އުޅަނދުތައް ފެނިފައިވާ ކަމުގެ ރިޕޯޓުތައް ލިބިފައިވެ އެވެ. ނަމަވެސް، މިފަހަރުގެ ހާދިސާގައި ސީދާ ހަމަލާދީ ޑްރޯން ވައްޓާލާފައިވަނީ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބަލައި، އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން ކަމަށް މަސްދަރުތަކުން ބުނެ އެވެ.
މަސްދަރު: އަލް ޖަޒީރާ










