ސައުދީ އަރަބިއްޔާއާއި އިސްލާމީ ހަތް ގައުމަކުން އިސްރާއީލުގެ ޔަހޫދީން ވަޒަންވެރިކުރުވުމުގެ މަޝްރޫއު ކުށްވެރިކޮށްފި
21 އޯގަސްޓު 2026 | ހުކުރު 18:20ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގާ "E1" ބޯހިޔާވަހިކަމުގެ މަޝްރޫއު ހުއްޓާލުމަށް ސައުދީ އަރަބިއްޔާއާއި އިސްލާމީ ހަތް ގައުމަކުން ގުޅިގެން ގޮވާލައިފި. މި މަޝްރޫއަކީ ފަލަސްތީނުގެ ބިންތައް ފޭރިގަތުމަށް ހިންގާ ނުރައްކާތެރި އަމަލެއްގެ ގޮތުގައި ސިފަކޮށް، ބިމުގެ ޖިއޮގްރަފީއަށް ބަދަލު ގެނައުމަށް ކުރާ މަސައްކަތްތައް ބާތިލުކުރުމަށް އެ ގައުމުތަކުން ވަނީ ގޮވާލާފައި

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖަބަލް އަލް-ބާބާގައި، "އީ1" ސެޓްލްމަންޓް ނުވަތަ ޔަހޫދީ އާބާދީ ގާއިމުކުރުމަށް ރާވާފައިވާ ސަރަހައްދުގެ ޑްރޯން މަންޒަރެއް | ރޮއިޓާސް
ސައުދީ އަރަބިއްޔާއާއި އިސްލާމީ ހަތް ގައުމަކުން އިސްރާއީލުގެ ވަޒަންވެރިކުރުވުމުގެ މަޝްރޫއުތައް ކުށްވެރިކޮށްފި އެވެ.
ސައުދީ އަރަބިއްޔާ، ތުރުކީ، މިސްރު، އިންޑޮނޭޝިއާ، އުރުދުން، ޕާކިސްތާން، ގަތަރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ޚާރިޖީ ވަޒީރުން ވަނީ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ގެންގުޅޭ ވަޒަންވެރިކުރުވުމުގެ ސިޔާސަތުތައް ކުށްވެރިކުރައްވާފަ އެވެ. އަދި އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި "E1" ގެ ނަމުގައި ކުރިއަށްގެންދަން ރާވާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއާ އެ ގައުމުތަކުން މުޅިން ދެކޮޅު ހަދާފައިވާ ކަމަށް ވެސް ވަޒީރުން ވިދާޅުވި އެވެ.
އެ ގައުމުތަކުން ގުޅިގެން ނެރުނު ބަޔާނެއްގައި، "E1" ވަޒަންވެރިކުރުވުމުގެ މަޝްރޫއު ވަގުތުން ހުއްޓުވުމަށާއި، އެ މަޝްރޫއާ ގުޅިގެން އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް ބާތިލުކުރުމަށް ވަނީ ގޮވާލާފަ އެވެ. މީގެ އިތުރުން، ފަލަސްތީނުގެ ބިންތަކުގެ ޖިއޮގްރަފީއާއި އާބާދީގެ ނިސްބަތަށް ބަދަލު ގެނައުމަށް އަމާޒުކޮށްގެން ހިންގާ ވަޒަންވެރިކުރުވުމުގެ ހުރިހާ ހަރަކާތްތަކެއް ހުއްޓާލުމަށް ވެސް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ. އަދި މި މަޝްރޫއަކީ ފަލަސްތީނުގެ ބިންތައް ފޭރިގަތުމާއި ވަޒަންވެރިކުރުވުން އިތުރަށް ފުޅާކުރުމަށް ހިންގާ "ނުރައްކާތެރި ކަމެއް" ކަމަށް ވެސް އެ ގައުމުތަކުން ސިފަކޮށްފައިވެ އެވެ.










