ރައީސް މުއިއްޒުއަކީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައި ވަޑައިގަންނަވާނެ ބޭފުޅެއް ނޫން، ވެރިކަން ދިގު ދެންމޭނަމަ އެކަން ކުރައްވަން ވެސް ބޭނުންފުޅު ވާނެ: ރާއީ
1 ސެޕްޓެމްބަރު 2026 | އަންގާރަ 17:47ރައީސް ޑރ. މުއިއްޒު އިސްތިއުފާ ނުދެއްވާނެ ކަމަށާއި ގައުމުގެ ހާލަތު ބަދަލުކުރަން އެމްޑީޕީން ކުރާ އިހުތިޖާޖުތައް އިތުރަށް ފުޅާކުރަންޖެހޭ ކަމަށް ކުރީގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ. ސަރުކާރުން ބޮޑެތި އިސްރާފުތައް ކުރަމުންދާ ކަމަށް ތުހުމަތުކުރައްވައި، ރާއީ ވިދާޅުވީ ރައްޔިތުންނަށް އޮތް ހަމައެކަނި އުއްމީދަކީ އެމްޑީޕީ ކަމަށް. އެހެންކަމުން ގައުމު ހަމަމަގަށް އެޅުވުމަށް ހުރިހާ ރައްޔިތުން އެކުގައި ނުކުތުމަށް އޭނާ ގޮވާލެއްވި


މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ | ސޯޝަލް މީޑިއާ
ރައީސް ޑރ. މުހައްމަދު މުއިއްޒުއަކީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައި ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށާއި ވެރިކަން ދިގު ދެންމޭނަމަ އެކަން ވެސް ކުރައްވަން ބޭނުންފުޅު ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރާއީ ވަނީ ދިވެހިރާއްޖޭގައި ރައީސްއަކާއި ދިމާލަށް އެއްޗެހި ނުކިޔާ ވަރަށް، ރައީސް މުއިއްޒުއާ ދިމާލަށް ދިވެހި ރައްޔިތުން އެއްޗެހި ކިޔަމުންދާކަން ފާހަގަކުރައްވާފަ އެވެ. ރާއީ ވިދާޅުވީ މިއިން އެއްވެސް ކަމަކުން ރައީސް މުއިއްޒު ހިތްޕުޅަށް އެއްޗެއް އަރާވަޑައިނުގަންނަވާ ކަމަށެވެ. އަދި އަނެއް ދުވަހު ނުކުމެވަޑައިގެން މާބޮޑެތި ދޮގުތައް ހައްދަވަމުންގެންދަވާ ކަމަށް ރާއީ ވިދާޅުވި އެވެ.
ދިވެހި ރައްޔިތުންގެ އުއްމީދަކަށް މިހާރު އޮތީ ހަމައެކަނި އެމްޑީޕީ ކަމަށާއި، އެމްޑީޕީއާއެކު ހުރިހާ ރައްޔިތުން ވެސް މިހާރު މިއޮތް ހާލަތު ބަދަލުކުރަން ނުކުންނަން ޖެހޭ ކަމަށް ރާއީ ވިދާޅުވި އެވެ. އަދި އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރުން އެކަނި ނުކުމެގެން މިކަމެއް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑުމެންނަށް ފެނުނީ ލިވަޕޫލް ކްލަބަށް 40 މިލިއަން ރުފިޔާ ދޭން އޮތް ވާހަކަ، ޔާސިރު ލާފައި ތިން ވަނައަށް ވީ ދުވަހު ވިޒްޓް މޯލްޑިވްސް އެމްޑީއަކަށް އަދި އަޅުގަނޑުމެންނަކަށް ނޭނގޭ އިންޑިއާގެ ކެޓްރީނާއަަށް ދޭން ވެފައި އޮތީ ކިހާ ވަރެއް ކަމެއް ވެސް، ބިލެއް ނާދެ ހަގީގަތް މި ކިޔަނީ ދެން އަޅުގަނޑަކަށް ނޭނގެ އަޅުގަނޑުމެން ޕާޓީން ކިތައް ޕްރެސް ކޮންފަރެންސް ބާއްވައިފިތޯ، ކިތައް ނޫސްބަޔާން ނެރެފިތޯ، ކިތައް ލީޑަރުން އެއްޗެތި ބުނެފިތޯމުހައްމަދު ރާއީ
ރައީ ވަނީ އެމްޑީޕީން ކުރަމުންގެންދާ އިހުތިޖާޖުތައް ފުޅާކުރުމަށް ވެސް ގޮވާލައްވާފަ އެވެ. އަދި އެނޫން ގޮތަކަށް ދިވެހިރާއްޖެ ހަމަ މަގަށް ނޭޅުވޭނެ ކަމަށް ވިދާޅުވި އެވެ. އެއީ ރައީސް މުއިއްޒުއަކީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައި ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށާއި، ވެރިކަން ދިގު ދެންމޭނަމަ އެކަން ވެސް ކުރައްވަން ބޭނުންފުޅު ވާނެ ބޭފުޅަކަށް ވާތީ ކަމަށް ރާއީ ވިދާޅުވި އެވެ.











